ޚަބަރު

ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ؛ މިއަދުގެ 2 ވަނަ މަރު!


ކޯވިޑް 19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވީ މިއަދު ހެނދުނު 10.54 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި 2 ވަަނަ މީހާއެވެ.

އެޗްއީއޯސިން މަޢުލޫމާތު ދެއްވި ގޮތުގައި މިބަލީގައި ރޭ ފަތިހު 4:06 ގައިވެސް މީހަކު ވަނީ ނިޔާވެފައެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދުގެ މިހާތަނަށް މަރުވި 2 މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 118 އަށް އަރާފައެވެ. އެއީ 103 ދިވެހިންނާއި 15 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން މިހާތަނަށް މިބަލީގައި 45 މީހުން ވަނީ މިމަހުގެ މިހާތަނަށް ނިޔާވެފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން އެޗްއީއޯސީ ފާހަގަކުރައްވައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ އަދި މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ.

ރާއްޖެއިން އިއްޔެވެސް ގިނަބަޔަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މިބައްޔަށް 2،194 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީންވަނީ ހާމަކުރައްވާފައެވެ. މިއާއެކު މިބަލި ޖެހުނު މީހުންގެ އަދަދުވަނީ 50000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މިބަލީގެ އެކްޓިވް ކޭސްގެ ގޮތުގައި 20000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.