ޚަބަރު

ނާކާމިޔާބުވެފައިވާ ޔަހޫދީ ލަޝްކަރުތަކަށް އިތުރު އެހީތެރިކަން ދިނުމަށް ވަޢުދުވެއްޖެ


ފަލަސްޠީނުގެ މިނިވަންކަމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ޙަރަކާތްތެރިވަމުންދާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ފާއިތުވި 11 ދުވަހުގެ ތެރޭގައި ބަދަލުކުރި ޙަމަލާތަކުގައި ބޮޑު ނާކާމިޔަބީއަކާ ކުރިމަތިލާންޖެހުނު ޔަހޫދީ ލަޝްކަރުތަކަށް އިތުރު އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ވަޢުދުވެއްޖެއެވެ.

ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން އެއްބަސްވުމުން އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ހުންނަވައި ވާހަކަދައްކަވަމުން އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ޙަމާސުން ދިން ޙަމަލާތައް ހުއްޓުވުމުގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން ޤާއިމުކޮށްފައިވާ ވައިގެ ދިފާޢީ ނިޒާމު މުހިންމު ދަޢުރެއް އަދާކުރިކަމަށެވެ. އަދި މުސްތަޤްބަލުގައި އަތުވެދާނެ ޙަމަލާތަކަކުން ޔަހޫދީން ސަލާމަތްކުރުމަށް އެ ނިޒާމު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރާނެކަމަށާއި ޔަހޫދީ ލަޝްކަރުތަކަށް އިތުރު އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އޭނާ ވަޢުދުވެވަޑައިގެންނެވިއެވެ.

އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން އަސްކަރިއްޔާ ތަރައްޤީކުރުމަށް އަހަރަކު 20 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރެއެވެ. އަދި އެމެރިކާއިން ކޮންމެ އަހަރަކު ދެމުންދާ 3.8 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީގެ ތެރެއިން ބޮޑު ބައެއްވެސް ޚަރަދުކުރަނީ އަސްކަރިއްޔާ ތަރައްޤީކުރުމަށެވެ. އޭގެ އިތުރުން އެތައް މިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ކޮންމެ އަހަރަކު އެމެރިކާއިން އިސްރާއީލަށް ވިއްކައެވެ. އެގޮތުން މި މަހުގެ ތެރޭގައި 735 މިލިޔަން އެމެރިކާ ޑޮލަރުގެ ޒަމާނީ ހަތިޔާރު އިސްރާއީލަށް ވިއްކުމަށް އެމެރިކާގެ ސަރުކާރުން ނިންމާފައިވެއެވެ.

އެންމެ ޒަމާނީ އަގުބޮޑެތި ހަތިޔާރުތަކާއެކު ޙަމާސާ ކުރިމަތިލި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކަށް ލިބުނީ ބޮޑު ނާކާމިޔާބެކެވެ. އެގޮތުން 11 ދުވަސްވަންދެން ޣައްޒާއަށް ދިން ޙަމަލާތަކުން ޙަމާސުން ދެމުންދިޔަ ރޮކެޓު ޙަމަލާތަކެއް ނުހުއްޓުވުނެވެ. ބަދަލުގައި ޙަމާސުން ދިން 4،000އަށްވުރެ ގިނަ ޙަމަލާތަކުގައި ޔަހޫދީންގެ ސިނާޢީ ސަރަޙައްދުތަކަށާއި އިމާރާތްތަކާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އެ ޙަމަލާތަކުގައި ޔަހޫދީންގެ 12 މީހުން މަރުވެ، 800އެއްހާ މީހުން ޒަޚަމުވެފައިވެއެވެ. ޙަމާސުން ދިން ޙަމަލާތަކުގައި 2.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. އަދި އިސްރާއީލުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި އެތެރޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމުވެސްވަނީ ހުއްޓުމަކަށް އައިސްފައިވެއެވެ. އޭގެ އިތުރުން ފަހުގެ ތާރީޚެއްގައި އެ ޤައުމުގެ ފައިސާގެ އަގު ދަށަށް ނުދާ މިންވަރަށްވަނީ ދަށަށްގޮސްފައެވެ.

ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުންނާއި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުންނާއި އިސްރާއީލުގެ އެތެރެއިން ގޮވާލައި އަޑުތައް ގަދަވުމުން ޔަހޫދީންގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނެތަންޔާހޫވަނީ ތިން ގަޑިއިރުވަންދެން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހާ މަޝްވަރާކުރައްވައިފައެވެ. އެއަށްފަހު ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ބުނެފައިވަނީ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އެ ޤައުމުގެ ސަރުކާރުން ނިންމާފައިވާކަމަށެވެ.

ޙަމަލާބަދަލުކުރަން ހުއްޓާލުމަށް ނިންމުމުން ބައިޑަންވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ފާއިތުވި 11 ދުވަހުގެ ތެރޭގައި ނަތަންޔާހޫއާ 6 ފަހަރެއްގެ މަތިން ފޯނުން ވާހަކަދެއްކެވިކަމަށް ބައިޑަން ވިދާޅުވިއެވެ. އޭނާވަނީ ޙަމަލާބަދަލުކުރަން ހުއްޓާލުމާ ގުޅޭގޮތުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާވެސް ފޯނުން ވާހަކަދައްކަވައިފައެވެ. ނަމަވެސް ޙަމާސަކީ ޢައްބާސްގެ ބާރުފޯރާ ޖަމާޢަތެއް ނޫނެވެ.

ޣައްޒާ އާރާސްތުކުރުމަށް އދއާ ގުޅިގެން އެމެރިކާއިން މަސައްކަތްކުރާނެކަމަށާއި އެހީތެރިކަން ފޯރުކޮށްދޭނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޢައްބާސްގެ ސަރުކާރަށްކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން ދޭން ނިންމައި އެހީތެރިކަމުގެ ފައިދާ ޙަމާސުން ނެގިޔަ ނުދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް މިޞްރުންވަނީ ޣައްޒާ އާރާސްތުކުރުމަށް 500 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ދިނުމަށް ވަޢުދުވެފައެވެ. އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ ޢާންމު ގެދޮރަށާއި މަދަރުސާތަކަށާއި ޞިއްހީ މަރުކަޒުތަކަށާއި އެނޫންވެސް މުހިންމު އިދާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް ޣައްޒާއަށް ލިބުނު ބޮޑެތި ގެއްލުންތަކަށް ބައިޑަން އަލިއަޅުއްވާލައްވާފައެއް ނުވެއެވެ.

މީގެ 11 ދުވަސް ކުރިން ގެއްލުން ބޮޑު ހަނގުރާމައެއް ޙަމާސާއި އިސްރާއީލުން ފަށައިފައިވަނީ ހުޅަނގު އައްސޭރީގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ޔަހޫދީ ފައުޖުތަކުން ޙަމަލާ ދިނުމަށްފަހު އެތަނުގައި އަޅުކަންކުރަން ތިބި މުސްލިމުންނާ ދެކޮޅަށް ހިންގި ބޮޑެތި ލާއިންސާނީ ޖަރީމާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވުމުންނެވެ. ޙަމާސުން އިސްރާއީލާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭންފެށީ އެ ޖަމާޢަތުން ދިން މުޙްލަތުގެ ތެރޭގައި ޔަހޫދީ ފައުޖުތަކުން ޤުދުސް ހިމެނޭ ސަރަޙައްދުން ފަހަތަަށް ނުޖެހުމުންނެވެ. ރައްދުގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 232 މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.