ޚަބަރު

ބަލި ޤަބޫލުކޮށް ޣައްޒާއަށް ޙަމަލާދިނުން ހުއްޓައިލަން އެއްބަސްވެއްޖެ


ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން އެއްބަސްވެއްޖެއެވެ.

1948ވަނަ އަހަރުން ފެށިގެން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ އެކި ސަރަޙައްދުތަކަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އެގޮތުން ޙަމާސުން ދިން 4،000އަށްވުރެ ގިނަ ޙަމަލާތަކުގައި ޔަހޫދީންގެ ސިނާޢީ ސަރަޙައްދުތަކަށާއި އިމާރާތްތަކާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އެ ޙަމަލާތަކުގައި ޔަހޫދީންގެ 12 މީހުން މަރުވެ، 800އެއްހާ މީހުން ޒަޚަމުވެފައިވެއެވެ. އެންމެ ޒަމާނީ ވައިގެ ދިފާޢީ ނިޒާމު ޤާއިމުކޮށްފައިވާ އިސްރާއީލަށް ފާއިތުވި 11 ދުވަހުގެ ތެރޭގައި ޙަމާސުން ދިން ޙަމަލާތަކުގައި 2.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. އަދި އިސްރާއީލުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި އެތެރޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމުވެސްވަނީ ހުއްޓުމަކަށް އައިސްފައިވެއެވެ. އޭގެ އިތުރުން ފަހުގެ ތާރީޚެއްގައި އެ ޤައުމުގެ ފައިސާގެ އަގު ދަށަށް ނުދާ މިންވަރަށްވަނީ ދަށަށްގޮސްފައެވެ.

ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުންނާއި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުންނާއި އިސްރާއީލުގެ އެތެރެއިން ގޮވާލައި އަޑުތައް ގަދަވުމުން ޔަހޫދީންގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނެތަންޔާހޫވަނީ ތިން ގަޑިއިރުވަންދެން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހާ މަޝްވަރާކުރައްވައިފައެވެ. އެއަށްފަހު ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ބުނެފައިވަނީ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އެ ޤައުމުގެ ސަރުކާރުން ނިންމާފައިވާކަމަށެވެ.

ފަލަސްޠީނާއި އިސްރާއީލާ ދެމެދު މީގެ ކުރިން ކުރި ހަނގުރާމަތައް ހުއްޓުވުމުގައި މެދުވެރިއެއްގެ ދަޢުރު އަދާކޮށްފައިވާ މިޞްރުންވަނީ މި ފަހަރުވެސް ހަނގުރާމަ ހުއްޓުވުމަށް މުހިންމު ދަޢުރެއް އަދާކޮށްފައެވެ. އެގޮތުން އެ ޤައުމުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ހުށަހެޅުނު ގޮތަށް ޔަހޫދީންނާއި ޙަމާސުންވެސް ޙަމަލާބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައިވާކަމަށެވެ. ނަމަވެސް ޣައްޒާގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޙަމަލާބަދަލުކުރުން ހުއްޓާލައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގައި ލާއިންސާނީ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް އެއްބަސްވިކަމެއް އިސްރާއީލުންނާއި މިޞްރުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މީގެ 11 ދުވަސް ކުރިން ގެއްލުން ބޮޑު ހަނގުރާމައެއް ޙަމާސާއި އިސްރާއީލުން ފަށައިފައިވަނީ ހުޅަނގު އައްސޭރީގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ޔަހޫދީ ފައުޖުތަކުން ޙަމަލާ ދިނުމަށްފަހު އެތަނުގައި އަޅުކަންކުރަން ތިބި މުސްލިމުންނާ ދެކޮޅަށް ހިންގި ބޮޑެތި ލާއިންސާނީ ޖަރީމާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވުމުންނެވެ. ޙަމާސުން އިސްރާއީލާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭންފެށީ އެ ޖަމާޢަތުން ދިން މުޙްލަތުގެ ތެރޭގައި ޔަހޫދީ ފައުޖުތަކުން ޤުދުސް ހިމެނޭ ސަރަޙައްދުން ފަހަތަަށް ނުޖެހުމުންނެވެ. ރައްދުގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 232 މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.