ޚަބަރު

އެފްރިކާއަށް އެހީތެރިވުމަށް ސަޢުދީ ޢަރަބިއްޔާއިން 1 ބިލިޔަން ޑޮލަރު ދެނީ


ކޯވިޑް-19ން އަރައިގަތުމަށް އެފްރިކާގެ ޤައުމުތަކަށް އެހީތެރިވުމަށް 1 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ.

އެފްރިކާގެ ޤައުމުތަކުގެ އިސްވެރިންނާއި ދުނިޔޭގެ މާލީ އިދާރާތަކާއެކު ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވީ ބަލިމަޑުކަމުގެ ޙާލަތުގައި ސަޢުދީ ޢަރަބިއްޔާއިން އެފްރިކާގެ ރައްޔިތުންނަށް ވެކްސިން ދިނުން އަވަސްކުރުމަށް އެހީތެރިވެދިނުމާއި މާލީ ގޮތުން އެހެނިހެން އެހީތެރިކަން އެ ޤައުމުން ވާނެކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ސަޢުދީ ފަންޑު ފޮރ ޑިވެލޮޕުމަންޓު މެދުވެރިކޮށް އެފްރިކާގައި އެކި މަޝްރޫޢުތައް ހިންގައި ލޯނާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 1 ބިލިޔަން ޑޮލަރު ޚަރަދުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އެފްރިކާގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ފަޤީރު ޤައުމުތަކަށް ކޯވިޑް-19ގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށާއި ޤައުމުތަކުން އެއް ރޫޙެއްގައި މަސައްކަތްކޮށްގެން އެފްރިކާގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން އެފްރިކާއަށް އަސަރުކޮށްފައިވާ މިންވަރު ދުނިޔޭގެ އެހެން ސަރަޙައްދުތަކަށްވުރެ ކުޑައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކޯވިޑް-19 ޖެހިގެން 3.4 މިލިޔަނަށްވުރެ ގިނަ މީހުން މަރުވި ނަމަވެސް އެފްރިކާގެ ޤައުމުތަކުން މަރުވެފައިވަނީ 130،000 މީހުންނެވެ. އެފްރިކާގައި ޢާންމުންގެ ފުރާނަ ގެއްލޭ މިންވަރު ނިޞްބަތުން ދަށްވި ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން އެ ބައްރަށް އިޤްތީޞާދީ ގޮތުން ކުރަމުންދާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑެވެ. އަދި އެފްރިކާގެ ޤައުމުތަކުގައި ކޯވިޑް-19ގެ ވެކްސިން ދިނުމުގައި ހުރި ލަސްތަކުގެ ސަބަބުން އެ ސަރަޙައްދުން ބަލީގެ ނުރައްކާތެރި އައު ވައްތަރުތައް ފެނިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމުއެފުން ބުނީ 2023ވަނަ އަހަރާ ހަމައަށް އެ ބައްރަށް 290 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވާނެކަމަށް ބެލެވޭކަމަށާއި އޭގެ ސަބަބުން އެ ސަރަޙައްދުގެ ތަރައްޤީއަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެކަމަށެވެ. މީގެ ކުރިންވެސް އެފްރިކާގެ ހަކަތައާއި މައިނުކުރުމާއި މުވާލަސަލާތާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާތަކަށް ސަޢުދީ ޢަރަބިއްޔާއިންވަނީ 4 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ.