ޚަބަރު

އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފި


އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ޙަވާލުވެވަޑައިގެންނެވިފަހުން ފުރަތަމަ ފަހަރަށް އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައިފިއެވެ. އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ އައިސްލެންޑުގައި ކުރިއަށްދާ އާކްޓިކް ކައުންސިލް ބައްދަލުވުމުގެ ހަވާސާގައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންއާއި ރަޝިޔާގެ ޚަރިޖީ ވަޒީރު ސަރުގެއި ލަވްރޮފާ ދެމެދު ބޭއްވި ބައްދަލުވުން ފައްޓަވަމުން ބުލިންކެން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ގިނަ ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެވޭނެކަމަށް އެމެރިކާއިން ޤަބޫލުކުރާކަމަށެވެ. ނަމަވެސް ރަޝިޔާއިން އެމެރިކާއަށް ނުވަތަ އެމެރިކާގެ ރަޙްމަތްތެރި ޤައުމުތަކަށް ބާރުދައްކަން މަސައްކަތްކޮށްފިނަމަ އޭގެ ރައްދު އެ ޤައުމުން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެވާހަކަތަކާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެއްވެސް މައްސަލައެއް އިސްތިސްނާ ނުވާގޮތަށް ދެ ޤައުމުގެ ދެމެދުގައި އުފެދޭ ހުރިހާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރަޝިޔާއިން ތައްޔާރަށް އޮތްކަމަށެވެ. ނަމަވެސް އެގޮތަށް ކުރިއަށްދެވޭނީ އެ މަޝްވަރާތަކަކީ ތެދުވެރިކަމާއެކު އިތުބާރު ހިފޭނެ ގޮތަކަށް ކުރިއަށްގެންދާ މަޝްވަރާތަކަކަށް ވާނެކަމުގެ ޔަޤީންކަމާއެކުކަމަށް އޭނާ ވިދާޅުވިއެވެ.

1990ގެ އަހަރުތަކުގެ ފިނި ހަނގުރާމައިގެ ދުވަސްވަރަށްފަހު އެމެރިކާއާއި ރަޝިޔާއާ ދެމެދު އޮންނަ ގުޅުން ގޯސްނުވާ މިންވަރަށް ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން މިހާރުވަނީ ގޯސްވެފައެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ބައިޑަން ޙަވާލުވެވަޑައިގެންނެވުމަށްފަހު ރަޝިޔާއާމެދު ޢަމަލުކުރައްވަނީ ވަރަށް ހަރުކަށިކޮށެވެ. ރަޝިޔާގެ ރައީސް ވުލްޑުމީރު ޕުޓިންނަކީ ޤާތިލެއްކަމަށް ބައިޑަން ވިދާޅުވުމުން އެމެރިކާއާއި ރަޝިޔާއާ ދެމެދު އޮންނަ ގުޅުންވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ނަމަވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް ދެ ޤައުމުން މަސައްކަތްކުރަމުންދާކަމުގެ ނިޝާންތަކެއް ދަނީ ފެންނަމުންނެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ބައިޑަންނާއި ޕުޓިން ބައްދަލުކުރެއްވުމަށްވަނީ އެއްބަސްވެފައެވެ. އެގޮތުން ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7ގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަށްފަހު ވިލާތުގެ ޤައުމެއްގައި ދެ ބޭފުޅުން ބައްދަލުކުރައްވާނެކަމަށް ބެލެވެއެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދި ތަނެއް މިހާތަނަށް ކަނޑައަޅައިފައެއް ނުވެއެވެ.