ޚަބަރު

ޣައްޒާއަށް ޔަހޫދީންގެ އައު ޙަމަލާތަކެއް، ހަނގުރާމަ ހުއްޓާލާނެކަމުގެ ނިޝާނެއް ނެތް


އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކެއް އަނެއްކާވެސް ދީފިއެވެ.

ފާއިތުވި 11 ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޢުދުވާނީ ޙަމަލާތަކުގައި 220އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ޣައްޒާގައި ޝަހީދުވި 60އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ 7،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.

އިސްރާއީލުން އެންމެ ފަހުން ދިން ޢުދުވާނީ ޙަމަލާތަކުގައި ފަސް ގެއެއްވަނީ ބިމާކޮށްލައިފައެވެ. އެ ޙަމަލާތަކުގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޢަދަދުތައް އަދި ސާފުވެފައެއް ނުވެއެވެ. އިސްރާއީލުން ޣާއްޒާއަށް ދެމުންދާ ރަޙްމުކުޑަ ޙަމަލާތައް ވަރުގަދަކޮށްފައިވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ގޮވާލި ނަމަވެސް ޙަމަލާތައް ނުހުއްޓާނެކަމަށް އިސްރާއީލުގެ ޙައްދުފަހަނައަޅައިފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެފައިވަނިކޮށެވެ.

އިސްރާއީލުން ދެމުންދާ ޙަމަލާތަކުގެ ރައްދުގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވެސްވަނީ އިސްރާއީލަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. މެއި މަހުގެ 19ވަނަ ދުވަހު ޙަމާސުން ބުނީ ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރެވޭނެކަމަށް ބެލެވޭކަމަށެވެ. ނަމަވެސް އިސްރާއީލުގެ އެންމެ ފަހުގެ ޙަމަލާތަކުން އެފަދަ އެއްބަސްވުމެއް ޤާއިމުކުރުމަށް އެ ޤައުމުން ޝައުޤުވެރިވާކަމަކަށް ނުބެލެވެއެވެ. ޣައްޒާގެ ދިފާޢުގައި ހަނގުރާމަކުރަމުންދާ ޙަމާސް ޖަމާޢަތް ބަލިވަންދެން ޙަމަލާދޭނެކަމަށް އިސްރާއީލުގެ ސަރުކާރުންވަނީ ބުނެފައެވެ. ނަމަވެސް ޙަމާސް ބަލިކުރުމުގެ ޤާބިލުކަމެއް އިސްރާއީލުގެ އަސްކަރިއްޔާގައި ނެތްކަމަށް ޔަހޫދީން ހިމެނޭހެން ގިނަ ޢަދަދެއްގެ ދިފާޢީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކެއް އަނެއްކާވެސް ދީދައިވަނީ ހަނގުރާމަ ހުއްޓާލުމަށް ޔަހޫދިންނަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ ސަރުކާރުންވެސް ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން ހަނގުރާމައިން އިސްރާއީލް ބަލިވެފައިވާކަމަށް ބުނެ ޙަމަލާތައް ހުއްޓާލުމަށް އެ ޤައުމުގެ އެތެރެއިން ގޮވާލައި އަޑުތައްވެސް މިހާރުވަނީ ގަދަވެފައެވެ.