ޚަބަރު

އިންޑިޔާގެ އިދިކޮޅުން ކުރި ޓުވީޓެއްގެ ސަބަބުން ސިންގަޕޫރު ހިތްހަމަނުޖެހިއްޖެ


އިންޑިޔާގެ އިދިކޮޅު ސިޔާސީވެރިއެއް ކުރެއްވި ޓުވީޓެއްގެ ސަބަބުން އިންޑިޔާއާއި ސިންގަޕޫރުގެ ސަރުކާރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެއެވެ.

ނިޔު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކޭޖްރިވާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19ގެ މުޅިން އައު ވައްތަރެއް ސިންގަޕޫރުން ފެނިފައިވާކަމަށާއި އެ ވައްތަރުގެ ނުރައްކާތެރިކަން ޚާއްޞަކޮށް ކުޑަކުދިންނަށް ބޮޑުކަމަށެވެ. އެހެންކަމުން ސިންގަޕޫރުން އިންޑިޔާއަށް ކުރާ ވައިގެ ދަތުރުތައް މެދުކަނޑައިލުމަކީ މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއް ސިންގަޕޫރުގައި ފެތުރެމުންދާކަމަށް ކޭޖްރިވާލް ވިދާޅުވެފައިވަނީ އިންޑިޔާއިން ފެނިފައިވާ ކޯވިޑް-19ގެ އައު ވައްތަރު ހިމެނޭގޮތަށް ބަލީގެ އައު ވައްތަރުތަކުގެ ސަބަބުން ކުޑަކުދިންނަށް ބަލިޖެހޭ ނިޞްބަތް އިތުރުވާކަމަށް ބުނެ ގިނަ މަދަރުސާތައް ބަންދުކުރުމަށް ސިންގަޕޫރުން ނިންމާފައިވަނިކޮށެވެ.

އިންޑިޔާގެ ތަމަޅަ ދަރިކޮޅަށް ނިޞްބަތްވާ ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވިވިޔަން ބާލަކުރިޝްނަން ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ވާހަކަތަކުގައި ހަޤީޤަތާ ޚިލާފު ކަންކަން ހުންނަކަމަށާއި ސިންގަޕޫރުގައި އުފެދި ދައުރުވަމުންދާ ކޯވިޑް-19ގެ އައު ވައްތަރެއް ނެތްކަމަށެވެ. ސިންގަޕޫރުގެ ޚާރިޖީ ވުޒާރާއިންވެސްވަނީ އިންޑިޔާގެ މުހިންމު ސިޔާސީވެރިއަކު އެފަދަ ހަޤީޤަތެއް ނެތް ވާހަކަތަކެއް ދެއްކުމުން ހިތާމަކުރާކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބުރަމާނިޔަމު ޖައިޝަންކަރުގެ ފާޑުކިޔުންވެސްވަނީ ކޭޖްރިވާލަށް އަމާޒުވެފައެވެ. އޭނާ ވިދާޅުވީ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޒިންމާދާރުކަން ކުޑަކޮށް ވިދާޅުވާ ވާހަކަތަކުގެ ސަބަބުން އިންޑިޔާއާއެކު ޒަމާންވީ ރަޙްމަތްތެރި ގުޅުންތައް އޮންނަ ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުމަށް އަސަރުކުރާނެކަމަށެވެ. އަދި ނިޔު ދިއްލީގެ ޗީފް މިނިސްޓަރުގެ ބަސްފުޅަކީ މުޅި އިންޑިޔާ ތަމްޞީލުކުރާ ބަސްފުޅެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޖައިޝަންކަރު ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް އިންޑިޔާއިން ކުރާ މަސައްކަތްތަކުގައި ސިންގަޕޫރަކީ މުހިންމު ބައިވެރިއެއްކަމަށާއި އިންޑިޔާގައި ބަލީގެ ނުރައްކާތެރި ރާޅެއް ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ޤައުމަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމުގައި ސިންގަޕޫރުން ޢަދާކުރާ ދަޢުރަށް ސަރުކާރުން ޝުކުރުވެރިވާކަމަށެވެ.