ޚަބަރު

ފާތިހުގެ ބަންދަށް 15 ދުވަސް ޖަހައިފި


ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހުގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

ލ.ގަން / ދުންފިނިއުފާ، އަހުމަދު ފާތިހު ހައްޔަރުކޮށްފައިވަނީ ފުލުހުން ރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރުމަށްފަހު އޭނާ ވަނީ މިއަދު މާލެ ގެނެސްފައެވެ. މީނާ ދަރަވަންދޫއަށް ގޮސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް މައުލޫމާތުލިބިފައިވެއެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ގޮއްވާލައިގެން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން މައްސަލައިގައި މީގެކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަޚަމްތަކެއްވަނީ ލިބިވަޑައިގެންފައެވެ. މިހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އޭގައި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެން ކަމުން މިބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އެމަނިކުފާނު ގެންދަވަނީ ޖަރުމަންވިލާތުގައި ފަރުވާ ހޯއްދަވަމުންނެވެ.