ޚަބަރު

ގަލްފުގެ ޤައުމުތައް ރުޅިއެރުވުމަށްފަހު ލުބުނާނުގެ ޚާރިޖީ ވަޒީރު އިސްތިޢުފާ ދެއްވައިފި


ޓީވީ ޗެނަލެއްގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ގަލްފުގެ ޤައުމުތަކުން ހިތްހަމަނުޖެހުން ފައުޅުކޮށް، ފާޑުކިޔުން އަމާޒުވުމުން ލުބުނާނުގެ ޚާރިޖީ ވަޒީރު ޝަރްބިލް ވަހްބަ އިސްތިޢުފާ ދެއްވައިފިއެވެ.

އެމެރިކާގެ ޢަރަބި ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި ލުބުނާނުގެ ބެލެނިވެރި ސަރުކާރުގެ ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ވަހްބަ ވިދާޅުވެފައިވަނީ އައިއެސް ޖަމާޢަތަށް ވާގިވެރިވަނީ ގަލްފުގެ ޤައުމުތަކުންކަމަށެވެ. އަދި އޭނާއާއެކު އެ ޕުރޮގްރާމުގައި ބައިވެރިވި ފަރާތަކަށް ނިޞްބަތްކުރައްވައި އެއީ ބަދަވީންގެ މީހެއްކަމަށް ވިދާޅުވުމުގެ އިތުރުން ވަހްބަވަނީ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝުޤްޖީ މަރާލީ ސަޢުދީ ޢަރަބިއްޔާއިންކަމަށް ތުޙްމަތުކުރައްވައިފައެވެ. އެ ވާހަކަތަކާ ގުޅިގެން ލުބުނާނަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ކުވައިތާއި ބަޙްރައިނުންވަނީ އެ ޤައުމުތަކުގައި ތިއްބަވާ ލުބުނާނުގެ ސަފީރުން ހާޒިރުކޮށް ރަސްމީކޮށް ޝަކުވާތައް ހުށަހަޅައިފައެވެ. ލުބުނާނަށް އިޤްތިޞާދީ ބޮޑު އަޑިގަނޑެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ވަހްބަގެ ވާހަކަތަކުގެ ސަބަބުން ގަލްފުގެ އިސްލާމީ ޤައުމުތަކާއެކު ގުޅުންތައް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތަށްވަނީ ހުރަސްއެޅިފައެވެ.

ލުބުނާނުގެ ރައީސް މިޝާލް ޢައޫނާ ބައްދަލުކުރެއްވުމަށްފަހު ވަހްބަ ވިދާޅުވީ ފަހުގެ ތާރީޚުގައި ހިނގާފައިވާ ކަންކަމާއި އޭނާ ދެއްވި ބަސްދީގަތުމާ ގުޅިގެން މަޤާމުން އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާކަމަށެވެ. އަދި ލުބުނާނުގެ ބޮޑުވަޒީރު ޙަސަން ދިޔާބާ ބައްދަލުކުރައްވައި ވަހްބަވަނީ އޭނާ އިސްތިޢުފާ ދެއްވުމުން ގަލްފުގެ ޤައުމުތަކާއެކު އޮންނަ ގުޅުންތައް ދެމެހެއްޓޭނެކަމަށް އުންމީދު ކުރައްވައިކަމަށް ވިދާޅުވެފައެވެ.

ލުބުނާނުގެ ޚާރިޖީ ވަޒީރުގެ އިސްތިޢުފާއަށްފަހު އެ ވުޒާރާ ވަގުތީ ގޮތުން ބަލަހައްޓަވާނީ އެ ޤައުމުގެ ދިފާޢީ ވަޒީރު ޒައިނާ ޢަކަރެވެ.