ޚަބަރު

ފަރަންސޭސިވިލާތުން ހުށަހަޅައި ޤަރާރަށްވެސް އެމެރިކާއިން ތާއީދުނުކުރާނެ


ފަލަސްޠީނާއި އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓައިލުމަށް ގޮވާލައި އދގެ ސަލާމަތީ މަޖިލީހަށް ފަރަންސޭސިވިލާތުން ހުށަހެޅުމަށް ތައްޔާރުވަމުންދާ ޤަރާރަށްވެސް އެމެރިކާއިން ތާއީދު ނުކުރަން ނިންމައިފިއެވެ.

ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ޢަރަބިންނާ ދެކޮޅަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި ބަޔާނެއް ނެރުމަށް އދގެ ސަލާމަތީ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިންވަނީ ތިން ފަހަރެއްގެ މަތިން ހުރަސް އަޅައިފައެވެ. އެއާއެކު ފަރަންސޭސިވިލާތުންވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި ކުރު ޤަރާރެއް ފާސްކުރުމަށް ހުށަހަޅައިފައެވެ.

ފަރަންސޭސިވިލާތުން އެ ޤަރާރު ހުށަހަޅާފައިވަނީ ފަލަސްޠީނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދެމުންދާ ޙަމަލާތަކާ ގުޅޭގޮތުން ފަރަންސޭސިވިލާތުގައި އެ ޤައުމުގެ ރައީސް އެމަނުއެލް މެޚްރޮނާއި މިޞްރުގެ ރަޢީސް ޢަބްދުލްފައްތާޙު އަލްސީސީ މަޝްވަރާކުރެއްވުމަށް ފަހުއެވެ. އިންޓަނެޓު މެދުވެރިކޮށް އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން ޙުސައިންވެސް ބައިވެރިވެވަޑައގެންނެވި ބައްދަލުވުގައި އެ ތިން ބޭފުޅުންވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލައި ޤަރާރެއް ހުށަހެޅުމަށް އެއްބަސްވެވަޑައިގެންފައެވެ.

އެމެރިކާއިން ބުނީ އދގެ ސަލާމަތީ މަޖިލީހުން އެފަދަ ޤަރާރެއް ފާސްކުރުމަކީ ފަލަސްޠީނާއި އިސްރާއީލުގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެކަމެއްކަމަށެވެ. އެ މައްސަލައަށް ޙައްލެއް ހޯދޭނީ ޚާރިޖީ ގިނަ މަސައްކަތްތަކެއް ކޮށްގެންކަމަށް އެމެރިކާއިން ބުނެއެވެ. އެހެންކަމުން ފަރަންސޭސިވިލާތުގެ ހުށަހެޅުން އެމެރިކާއިން ބާޠިލުކުރާނެއެވެ.

ފަނަރަ މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގެ ދާޢިމީ މެންބަރުންގެ ގޮތުގައި 5 ޤައުމެއް އޮވެއެވެ. އެއީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޗައިނާއާއި ރަޝިޔާއެވެ. އެ ޤައުމުތަކަށް ސަލާމަތީ މަޖިމީހުގެ ނިންމުންތައް ބާޠިލުކުރުމުގެ ބާރު ލިބިގެންވެއެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޢުދުވާނީ ޙަމަލާތަކުގައި 220އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ޣައްޒާގައި ޝަހީދުވި 60އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ 7،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.

މީގެ 10 ދުވަސް ކުރިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައެއް ފަށައި ބޮޑު ކުރިމަތިލުމަކަށް ނުކުތް އިސްރާއީލަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ހިތްވަރުދެއްވައިފައެވެ. އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ފޯނުން ދެއްކެވި ވާހަކަފުޅުތަކުގައި އިސްރާއީލުގެ ދިފާޢަށް ކުރަންޖެހުނު ކޮންމެ ކަމެއް އެ ޤައުމުން ކުރަންޖެހޭނެކަމަށް ބައިޑަންވަނީ ވިދާޅުވެފައިވެއެވެ. ނަމަވެސް އޭނާއަކީ ޒައިނިސްޓެއްކަމަށް ފާޅުގައި ވިދާޅުވަމުންދާ ބައިޑަންވަނީ މިހާރު ރާގު ބަދަލުކުރައްވައިފައެވެ. އެގޮތުން އެންމެ ފަހުން ބައިޑަން ނަތަންޔާހޫ ދެއްކެވި ވާހަކަފުޅުތަކުގައި ބޮޑަށް ބާރުއަޅުއްވައިފައިވަނީ ހަނގުރާމައަށް އަވަސް ނިމުމެއް ގެނައުމަށެވެ.