ކުޅިވަރު

ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދައިފި


ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޔޫވެންޓަސް ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި އެޓަލާންޓާ އާއި ބައްދަކުކޮށް 2 ލަނޑު އެއްލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓަލާންޓާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވެންޓަސްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހައިދިނީ ޔޫވެންޓަސްގެ ޑެޖާން ކުލުސޭވްސްކީއެވެ. ނަމަވެސް މިލަނޑު ޖެހިތާ 10 މިނެޓްފަހުން އެޓަލާންޓާގެ ރުސްލާން މިލިނޯވްސްކީވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން ޔޫވެންޓަސް މޮޅުވި ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހައިދިނީ ފެޑެރީކޯ ކިއޭޒާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ކާމިޔާބުވާގޮތެއް ނުވިއެވެ.

މިއީ ޔުވެންޓަސްއިން ކޮޕާ އިޓާލިއާގެ ތަށި ކާމިޔާބުކުރީ 14 ވަނަ ފަހަރެވެ. އަދި މިއީ ޔުވެންޓަސްގެ ކޯޗް އަންދްރޭ ޕީރްލޯއަށް ކޯޗެއްގެ ގޮތުގައި ކާމިޔާބު ކުރެވުނު ފުރަތަމަ ތަށްޓެވެ. އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން ވޭތުވެދިޔަ 9 ސީޒަންގައި ޖެހިޖެހިގެން ހޯދާފައިވާ ޔޫވެންޓަސްއަށް މިސީޒަންގައި ޕީރްލޯގެ ކޯޗުކަމުގެ ދަށުން ލީގުގައި މާއެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. މިގޮތުން މިވަގުތު ޔޫވޭ އޮތީ ލީގުގެ ފަސްވަނައިގައެވެ.