ޚަބަރު

ރޭ ހައްޔަރުކުރީ ރައީސް ނަޝީދަށް ހަމަލާދިނުމުގައި ހިމެނޭ މީހެއް


ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު (23 އަހަރެވެ.) މިނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ.

އަހުމަދު ފާތިހު ހައްޔަރުކުރުމަށްފަހު މިއަދު އޭނާ ވަނީ މާލެ ގެނެސްފައެވެ. މީނާ ދަރަވަންދޫއަށް ގޮސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުކަމަށް މައުލޫމާތުލިބިފައިވެއެވެ. އަދި އެރަށް މީނާ ދިޔައީ ކައިވެނިކުރަން ބުނެކަމަށްވެސް ވަނީ އެނގިފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަޙްޤީޤާގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ، މި މައްސަލައިގައި ތުޙުމަތުކުރެވޭ ފަރާތްތަކާއި، މިކަމަށް ފަންޑުކޮށް، ޢަމަލީގޮތުން ބައިވެރިވެ، އަދި އެހީތެރިވި ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާކަމަށެވެ. ނަމަވެސް މައްސަލައިގައި ޝާމިލުވާ މީހުންނާއި ހޯދިފައިވާ ހެކިތަކާގުޅޭ ވަކިވަކި މަޢުލޫމާތު މިވަގުތު ހާމަކުރުމަކީ ތަޙްޤީޤަށް ހުރަސްއެޅިދާނެކަމެއްކަމަށްވާތީ، އެފަދަ އެއްވެސް މަޢުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތްކަމަށް ބަޝީރު ވިދާޅުވިއެވެ.

"މި މައްސަލައިގެ ތެރެއިން ފަންޑުކުރި ފަރާތްތަކާއި އަމަލީގޮތުން ބައިވެރިވި، އަދި އެހީތެރިވި މީހުންނަކީ ތަޙްޤީޤުގެ ތެރެއިން އަޅުގަނޑުމެން ހޯދާނެ ކަންކަން. މިވަގުތު މިކަމުގައި ޝާމިލުވާ މީހުންނާއި ހެކިތަކުގެ ވަކިވަކި މަޢުލޫމާތު ހާމަކުރުމަކީ ތަޙްޤީޤަށް ހުރަސް އެޅިދާނެކަމެއް. އެހެންނަމަވެސް މިކަމުގައި އަޅުގަނޑުމެންނަށް ދެވެން އޮތް މަޢުލޫމާތެއްވިއްޔާ އަޅުގަނޑުމެން ދެމުންދާނަން" ބަޝީރު ވިދާޅުވިއެވެ.

މި މައްސަލައިގެ ތަޙްޤީޤުގެ ކަންކަން ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މި މައްސަލައާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އަދި ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ގޮއްވާލައިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން މައްސަލާގައި މީގެކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލާފައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު ހައްޔަރުކޮށްފައިވަނީ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. މި ދެމީހުންގެ ތެރެއިން ތަހްމީނަކީ މި ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރިފަރާތެވެ.

ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދުވެސް ވަނީ ހައްޔަރުކޮށްފައެވެ. މީނާ ހައްޔަރުކޮށްފައިވަނީ ސިފަ ބަދަލުކޮށްގެން އެނާ ދިރިއުޅޭ އެޕާޓްމެންޓްގެ ތެރޭގައި އުޅެނިކޮށެވެ. މި ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފައެވެ.

މި ތިން މީހުންވެސް ބަންދުގެ މަޖިލީހުގައި ވާހަކަދައްކަމުން ބުނެފައިވަނީ މި މީހުންނާއި ރައީސް ނަޝީދަށް ދިން ހަމަލާއާއި އެއްވެސް ގުޅުމެއް ނެތްކަމަށެވެ. ފުލުހުން އެނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް އަދުހަމް ބުނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި އެނާއާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށެވެ.

އަދުހަމްއަކީ ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބޭނުންކުރި ބޮން ގޮއްވާލި އަދި މި މައްސަލައިގެ ޕްރައިމް ސަސްޕެކްޓްއެވެ. މަޖީދީމަގުގައި ހުންނަ އަތަމާ ޕެލަސް ވޯކްވޭ ތެރޭ ހުރެ މީނާ މިކަން ކޮށްފައިވަނީ ރައީސް ނަޝީދަށް ފާރަލައިގެން ހުރެ ރައީސް ނަޝީދުގެ ހަރަކާތްތައް ބެލުމަށްފަހުކަން ފުލުހުން އާއްމުކުރި ސީސީޓީވީ ފުޓޭޖްތަކުން ފެނެއެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ނުރައްކާތެރި އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ ސާޖަރީތަކެއް ވަނީ ހަދާފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

މި ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން އަންނަނީ ބާރުތަކުން ގެންދަނީ ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެލާޓް ލެވެލްވެސް ވަނީ މަތިކޮށްފައެވެ.