ޚަބަރު

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިންނާއި އިސްރާއީލުގެ އެތެރެއިން ގޮވާލައި އަޑުތައް ގަދަވަނީ


ފަލަސްޠީނުގެ އެކި ސަރަޙައްދުގައި ޢަރަބިންނާ ދެކޮޅަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލުމަށް އެމެރިކާގެ ސަރުކާރުންނާއި ޔަހޫދީ ދަޢުލަތުގެ އެތެރެއިން ގޮވާލައި އަޑުތައް ގަދަވާން ފަށައިފިއެވެ.

މީގެ 10 ދުވަސް ކުރިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައެއް ފަށައި ބޮޑު ކުރިމަތިލުމަކަށް ނުކުތް އިސްރާއީލަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ހިތްވަރުދެއްވައިފައެވެ. އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ފޯނުން ދެއްކެވި ވާހަކަފުޅުތަކުގައި އިސްރާއީލުގެ ދިފާޢަށް ކުރަންޖެހުނު ކޮންމެ ކަމެއް އެ ޤައުމުން ކުރަންޖެހޭނެކަމަށް ބައިޑަންވަނީ ވިދާޅުވެފައިވެއެވެ. އޭނާއަކީ ޒައިނިސްޓެއްކަމަށް ފާޅުގައި ވިދާޅުވަމުންދާ ބައިޑަންވަނީ މިހާރު ރާގު ބަދަލުކުރައްވައިފައެވެ. އެގޮތުން އެންމެ ފަހުން ބައިޑަން ނަތަންޔާހޫ ދެއްކެވި ވާހަކަފުޅުތަކުގައި ބޮޑަށް ބާރުއަޅުއްވައިފައިވަނީ ހަނގުރާމައަށް އަވަސް ނިމުމެއް ގެނައުމަށެވެ، ބެލެވޭ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުން އިތުރުވުމުން ހަނގުރާމަ ނިމުމަކަށް ގެނައުމަކީ ސިޔާސީގޮތުން ބައިޑަންނަށްވެސް އެންމެ ފައިދާވާނެ ގޮތްކަން އޭނާއަށް ވިސްނުނީއެވެ. އެމެރިކާގެ ސަރުކާރުގެ ބައެއް ވަޒީރުންގެ ރާގުވެސްވަނީ އެ ގޮތަށް ބަދަލުކޮށްފައެވެ.

އެމެރިކާއަކީ ސިޔާސީ ގޮތުންނާއި މާލީ ގޮތުންނާއި އަސްކަރީ ގޮތުން އިސްރާއީލަށް އެންމެ ބޮޑަށް އެހީތެރިވާ ޤައުމެކެވެ. އެގޮތުން އެމެރިކާއިން އަހަރަކު 3.8 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ އިސްރާއީލަށް ދެއެވެ. އޭގެ އިތުރުން އެތައް މިލިޔަން ޑޮލަރެއްގެ ޒަމާނީ އަސްކަރީ ހަތިޔާރު އެމެރިކާއިން އިސްރާއީލަށް ވިއްކައެވެ. އެހެންކަމުން ޒަކާނުއްސުރެ އެމެރިކާގެ ރުޙުމަކައި ނުލައި އިސްރާއީލުން ޢަރަބިންނާ ހަނގުރާމައެއް ނުކުރެއެވެ.

އޭގެ އިތުރުން އިސްރާއީލުގެ އެތެރެއިންވެސް ދަނީ ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫއަށް ބާރުއަޅަމުންނެވެ. އެގޮތުން އިސްރާއީލުގެ އެންމެ މަޤްބޫލު ނޫސްތަކުންވެސްވަނީ ހަނގުރާމައިގައި އެ ޤައުމަށް ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ބުނެފައެވެ. އަދި ޔަހޫދީންގެ ދިފާޢީ ތަޖުރިބާކާރުންވެސް ދަނީ އިސްރާއީލުން ހަނގުރާމައަކަށް ނުކުމެފައިވަނީ އެއްވެސް ވަރަކަށް ތައްޔާރުވެގެން ނޫންކަމަށާއި މިހާރު އެ ޤައުމަށް ކުރިމަތިވެފައިވަނީ ވަރަށް ލަދުވެތިކަމަކާކަމަށް ބުނެފައެވެ. އެގޮތުން ތަޖުރިބާކާރުންގެ ނަޒަރުގައި ހަނގުރާމައިގައި އިސްރާއީލުން ޙާޞިލްކުރަން ބޭނުންވި އެއްވެސް ލަނޑުދަނޑިއެއް އެ ޤައުމަކަށް ޙާޞިލެއް ނުކުރެވުނެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ބުނި ގޮތުގައި ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ ވެރިންގެ ނާޤާބިލުކަމާއި އަސްކަރިއްޔާގެ ބަލިކަށިކަންވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ.

އިސްރާއީލުގެ އިދިކޮޅު ފަރާތްތަކުންވަނީ ހަނގުރާމައާ ދެކޮޅަށް ވާހަކަދައްކަން ފަށައިފައެވެ. އެގޮތުން އެ ޤައުމުގެ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާ ޔައިލް ލަޕީދުވެސްވަނީ ހަނގުރާމައާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ. ލަދީފު ވިދާޅުވީ ނަތަންޔާހޫ ހަނގުރާމައެއް ފެއްޓެވީ އޭގެ ސަބަބުން އިސްރާއީލަށް މަންފާވާނެކަމަކަށް ނޫންކަމަށާއި ސިޔާސީ ގޮތުން ލިބިވަޑައިގެންނެވި ނާކާމިޔާބީތަކުގެ ސަބަބުން ރައްޔިތުން ރުހުން ހޯއްދެވުމުގެ ނިޔަތުގައިކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމައެއްގެ އެންމެ ބޮޑު ފައިދާއެއް ލިބިވަޑައިގަންނަވާނީ ނަތަންޔާހޫއަށެވެ. ނަމަވެސް ހަނގުރާމައިގައި އިސްރާއީލަށް ލިބުނީ ބޮޑު ނާކާމިޔާބަކާއި ލަދުވެތިކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ ޢައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ޔަހޫދީންގެ ޒަމާނީ ލަޝްކަރުވަނީ ނާކާމިޔާބުވެފައެވެ. ޙަމާސުން ދަނީ ހުއްޓުމެއް ނެތި ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ރޮކެޓު ޙަމަލާއެއް ޔަހޫދީންނާ ދެކޮލަށް ދެމުންނެވެ. އެގޮތުން މީގެ ކުރިން ޙަމާސުން ޙަމަލާ ދީފައި ނުވައި ދުރު ސަރަޙައްދުތަކަށް މި ފަހަރު ޙަމަލާ ދީފައިވެއެވެ. އަދި މިއީ ޙަމާސުން އެންމެ ގިނަ ޢަދަދެއްގެ ޙަމަލާ އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިން ފަހަރުވެސްވެމެއެވެ. ރަށުބަންދުގައި ތިބި ޖަމާޢަތަކުން ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އަސްކަރިއްޔާއަށް ބޮޑު ސިހުމެއް ލިބިފައިވާކަމަށް ޔަހޫދީންގެ ނޫސްތަކުންނާއި ޔަހޫދީންގެ ދިފާޢީ ތަޖުރިބާކާރުންވަނީ ބުނެފައެވެ.

ފާއިތުވި 10 ދުވަހުގެ ތެރޭގައި ޙަމާސުން ދިން ރޮކެޓު ޙަމަލާތައް 4،000 ގާތްކުރާކަމަށް އިސްރާއީލުން ބުނެއެވެ. އެ ރޮކެޓުތަކުން ޢާންމުންގެ 12 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. ނަމަވެސް އެފަދަ މަޢުލޫމާތު އިސްރާއީލުން އަބަދުވެސް އޮޅުވާލައި ސިއްރުކުރާތީ އެ ޢަދަދުތައް އެއަށްވުރެ އިތުރުވާނެކަމަށް ބެލެވެއެވެ. ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ޔަހޫދިން ސަލާމަތްވެފައިވަނީ ރޮކެޓުތަކުގެ ބިރަށް ބިންގަރާސްތަކަށް ވަނުމުންނެވެ. ނަމަވެސް ހަމަލާތަކުގައި 500އަށްވުރެ ގިނަ ޔަހޫދީން ޒަޚަމުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ.

ޙަމާސުން ދެމުންދާ ޙަމަލާތަކުގައި އިސްރާއީލުގެ އިޤްތިޞާދަށްވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެ ޤައުމުގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމުގެ އިތުރުން އެ ޤައުމުގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ކުރަމުންދިޔަ ދަތުރުތައްވެސްވަނީ ހުއްޓާލައިފައެވެ. އަދި އެ ޤައުމުގެ ފައިސާގެ އަގު ދަށަށްގޮސް، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އޭގެ އިތުރުން ޙަމާސްގެ ޙަމަލާތައް ބައެއް ސިނާޢީ ސަރަޙައްދުތަކަށް އަމާޒުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތައް ހަކަތަ އުފައްދައި މަރުކަޒުތަކަށްވެސްވަނީ އަމާޒުވެފައެވެ.

އިސްރާއީލަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އެ ޤައުމުގެ ޔަހޫދީ އާބާދީގެ ފިއްތުންތައް ސަރުކާރަށް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ހަނގުރާމަ ހުއްޓާލުމަށް އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި އެއްވުންތައް ބާއްވައިފައިވެއެވެ.

ޙަމާސުން ދެމުންދާ ޙަމަލާތަކުގެ އިތުރުން ހުޅަނގު އައްސޭރިއާއި 1948ވަނަ އަހަރު އިސްރާއީލުން އިސްތިޢުމާރު ކުރި ސަރަޙައްދުތަކުންވެސް ޔަހޫދީންނާ ދެކޮޅަށް ބޮޑެތި ކުރިމަތިލުންތަކެއް ދަނީ ހިންގަމުންނެވެ. އަދި ކުރިން ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުގައި ފަލަސްޠީނުގެ ޒުވާނުންގެ ބާރުގަދަކޮށް، އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތައް ފައްސާލައިފައިވެއެވެ.

ޙަމާސުން ބުނާ ގޮތުގައި އެ ޖަމާޢަތުން ޙަމަލާދިނުން ހުއްޓާލާނީ އިސްރާއީލުން ފަހަތަށް ޖެހި ފަލަސްޠީނުގެ ރައްޔިތުންނަށް ނޭވާލެވޭނެ ޖާގައެއް ހޯދާދިނުމަށްފަހުއެވެ. އެގޮތުން އެންމެ ކުޑަމިނުން 1967ވަނަ އަހަރުގެ ފަހުން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ޢަރަބިންގެ ބިންތަކުން ޔަހޫދީން ފައިބައި އިރުމަތީ ޤުދުސް ފަލަސްޠީނުގެ ރައްޔިތުންނާ ޙަވާލުކުރަން ޖެހޭނެކަމަށް ބެލެވެއެވެ. އެއީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެއްބަސްވެފައިވާ ސަރަޙައްދުތަކެވެ.

އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ޝަހީދުވި މީހުންގެ ޢަދަދު 220އަށްވަނީ އިތުރުވެފައެވެ، އަދި ޒަޚަމުވި މީހުންގެ ޢަދަދު 7،000އަށް އަރައެވެ.

ޙަމާސްގެ ޝަރުތުތަކަށް އިސްރާއީލުން އެއްބަސްނުވެ، ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްގެން އިސްރާއީލުން ކާމިޔާބު ހޯދުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާ ގޮތެއް އަދި ނުވެއެވެ.

ކޮރަކަލި

މިފަހަރު ﷲގެވަގިފުޅާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ކާމި ޔާބާއި އިންސާފު ލިބޭނެ މުޖާހިދުންނަށް ކާމިއާބާއި ނަސްރުދެއްވާށި اللهم امين يارب العالمين