ޚަބަރު

ލުބުނާނުގެ ސަރަޙައްދުތަކުން އިސްރާއީލަށް އަނެއްކާވެސް ރޮކެޓު ޙަމަލާއެއް ދީފި


ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުން އަނެއްކާވެސް އިސްރާއީލަށް ރޮކެޓު ޙަމަލާތަކެއް ދީފިއެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޢާންމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ލުބުނާނުގެ އެތައް ހާސް ރައްޔިތުންނަކާއި ލުބުނާނަށް ޙިޖުރަކޮށްފައިވާ ފަލަސްޠީނުގެ އެތައް ހާސް ބަޔަކުވަނީ އިސްރާއީލުގެ ސަރަޙައްދީ ރޮނގަށް އެއްވެ، މުޒާހަރާކޮށްފައެވެ. އަދި ފާއިތުވި ދުވަސްތަކުގައި އެ މީހުންގެ ތެރެއިން ބަޔަކުވަނީ ލުބުނާނުގެ ސަރަޙައްދީ ރޮނގު ފާހަގަކުރުމަށް އިސްރާއީލުން ބިނާކޮށްފައިވާ ފާރުތައް މައްޗަށް އަރައި ސީސީޓީވީ ކެމެރާތަކަށް ޙަމަލާ ދިނުމަށްފަހު ލުބުނާނުގައި ޙަރަކާތްތެރިވާ ޙިޒްބުﷲ ޖަމާޢަތުގެ ދިދަތަކާއި ފަލަސްޠީނުގެ ދިދަތައް ފާރުމަތީގައި ނަގައިފައެވެ. ރައްދުގައި އިސްރާއީލުން ދިން ޙަމަލާތަކުގައި ޙިޒްބުﷲ ޖަމާޢަތަށް ނިޞްބަތްވާ މީހަކުވަނީ ޝަހީދުވެފައެވެ.

އޭގެ ފަހުން ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުން ތިން ފަހަރެއްގެ މަތިން އިސްރާއީލަށް ރޮކެޓު ޙަމަލާތަކެއް ދީފައިވެއެވެ. އޭގެ ތެރެއިން ތިންވަނަ ޙަމަލާ ދީފައިވަނީ މެއި މަހުގެ 19ވަނަ ދުވަހުގެ ހަވީރުއެވެ. އެގޮތުން 4 ރޮކެޓު ޙަމަލާ އިސްރާއީލަށް ދީފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޙަމަލާތަކުގައި 2 ޔަހޫދީންވަނީ ޒަޚަމުވެފައެވެ. ރައްދުގައި ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އިސްރާއީލުންވަނީ ވައިގެ ޙަމަލާތަކެއް ދީފައެވެ. އަދި ވައިގެ މަގުން އެ ސަރަޙައްދުގެ ވާނުވާ ބެލުމުގެ މަސައްކަތް އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ ފަށައިފައެވެ.

ތަފާތު ތިން ފަހަރެއްގެ މަތިން ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުން އިސްރާއީލަށް ޙަމަލާދިނީ ކޮންބައެއްކަމެއް ނޭނގެއެވެ. ނަމަވެސް އެއީ ޙިޒްބުﷲގެ ޙަމަލާތަކެއްކަމަކަށް ނުބެލެވެއެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޙިޒްބުﷲން ޙަމަލާއެއް ދީފިނަމަ އެއަށްވުރެ ވަރުގަދަވާނެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެ ޙަމަލާ ދީފައިވަނީ ލުބުނާނަށް ޙިޖުރަކޮށްފައިވާ ފަލަސްޠީނުގެ އެތައް ހާސް މީހުންގެ ތެރެއިން ބައެކެވެ.

2006ވަނަ އަހަރުގެ ތެރޭގައި ޙިޒްބުﷲއާއި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމައިގައި އިސްރާއީލަށްވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހިފައެވެ.

ޢަލީ

ގާޒާއަށް މިވަރު ކުރާއިރު ހިޒަބުﷲ ކޮބައިތޯ.