ޚަބަރު

ރޮހިންޔާގެ މުސްލިމުންނަށް އެހީތެރިވުމަށް 1 ބިލިޔަން ޑޮލަރު ހޯދަނީ


ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 943 ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް އދން މަސައްކަތް ފަށައިފިއެވެ.

އދން ބުނީ 2017ވަނަ އަހަރު މިޔަންމާގެ ސަރުކާރުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާތައް ދޭން ފެށުމުން 1 މިލިޔަނަށްވުރެ ގިނަ މީހުން ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާކަމަށެވެ. ބަންގްލެޝްގެ ވަކި ސަރަޙައްދެއްގައި އެ މީހުން ދިރިއުޅެނީ ތޮށްޖެހިގެން ވަރަށް ދަތި ޙާލުގައެވެ.

ރޮހިންޔާ މުސްލިމުންގެ މެދުގައި ކޯވިޑް-19 ފެތުރުންވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. ނަމަވެސް އެ ކޭންޕުތަކުގައި ބަލިމަޑުކަން ފެތުރި އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ. ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމުގެ ކުރިން ބަލިމަޑުކަން ފެތުރުމުގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ. އެހެންކަމުން ރޮހިންޔާ މުސްލިމުންނަށް ވެކްސިން ފޯރުކޮށްދިނުންވަނީ ވަރަށް މުހިންމުކަމަކަށްވެފައެވެ.

އދގެ ރެފިއުޖީންނާބެހޭ އިދާރާ ޔޫއެންއެޗުސީއާރުން ބުނީ ބަންގްލަދޭޝަކީވެސް ކޯވިޑް-19ގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ޤައުމެއްކަމަށާއި އެ ޤައުމުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުން މުހިންމުވެފައިވާކަމަށެވެ.
ރޮހިންޔާގެ ގިނަ ޢަދަދެއްގެ ހިޖުރަވެރިން ބަންގްލަދޭޝުން ބަލަހައްޓަން ޖެހުމުން އެ ޤައުމަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބަންގްލަދޭޝުގެ ސަރުކާރުން ބުނެއެވެ. ރޮހިންޔާގެ ރައްޔިތުންވެސް ބޭނުންވަނީ މިހާރު ތިބި ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ރުޖޫޢަވެ އަމިއްލަ ފަސްގަނޑަށް އަނބުރާ ދިޔުމަށްކަމަށް އެ ޤައުމުން ބުނެއެވެ. ނަމަވެސް މިޔަންމާއިން އެދެވޭ ފިޔަވަޅުތަކެއް ނާޅާތީ އެއްވެސް މީހަކަށް ޤައުމަށް އަނބުރާ ނުދެވޭކަމަށް ބަންގްލަދޭޝުން ބުނެއެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ އެއްކުރުމަށް ބޭއްވި ބައްދަލުވުމެއްގައި 206 މިލިޔަން އެމެރިކާ ޑޮލަރުވަނީ އެއްކޮށްފައެވެ. އެއާއެކު ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް އެއްކޮށްފައިވާ ފައިސާގެ ޖުމުލަ ޢަދަދުވަނީ 340 މިލިޔަނަށް އިތުރުވެފައެވެ. ބަންގްލަދޭޝުގެ ސަރުކާރާއެކު އދގެ 9 އިދާރާއަކާއި 100އަށްވުރެ ގިނަ އަމިއްލަ ޖަމުޢިއްޔާއިން ދަނީ ފައިސާ އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރޮހިންޔާ މުސްލިމުންގެ އިތުރުން ޙާލުގައި ޖެހިފައިވާ ބަންގްލަދޭޝްގެ 472،000 ރައްޔިތުންނަށްވެސް އެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ރޮހިންޔާ މުސްލިމުންނަށް 1 ބިލިޔަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށް މިދިޔަ އަހަރުވެސްވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ އަހަރު އެއްކުރި ފައިސާގެ ޢަދަދު އަމާޒުކުރި ޢަދަދަށްވުރެ 40 އިންސައްތަ މަދެވެ. މި އަހަރު އެއްކުރުމަށް ރާވާފައިވާ ފައިސާގެ ތެރެއިން 247 މިލިޔަން ޑޮލަރު ޚާއްޞަކުރާނީ ކާބޯތަކެތި ޔަޤީންކުރުމަށެވެ. އަދި ޞިއްޙީ ފަރުވާއަށް 135 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރުން ބޯހިޔާވަހިކަމަށާއި އެހެނިހެން ބޭނުންތަކަށް 112 މިލިޔަން ޑޮލަރު ބޭނުންކުރުމަށްވަނީ ރާވައިފައެވެ.