ޚަބަރު

ހަރުކަށި ފިކުރު ފެތުރުމުގުގެ ތުހުމަތުގައި ދަރަވަންދޫން މީހަކު ހައްޔަރުކޮށްފި


ހަރުކަށި ފިކުރު ފެތުރުމުގުގެ ތުހުމަތުގައި ބ.ދަރަވަންދޫން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންވަނީ ބ.ދަރަވަންދޫގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި އެރަށުން މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް މި އޮޕަރޭޝަނާ ގުޅޭ އެއްވެސް ތަފްސީލެއް އަދި ހައްޔަރުކުރި މީހާއާ ގުޅޭ މަޢުލޫމާތުވެސް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ބ.ދަރަވަންދޫގައި ކުރިއަށްގެންދާ އޮޕަރޭޝަނަކީ ޓެރަރަރިޒަމާދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އެކަކު ހައްޔަރުކޮށްފަވާއިރު، އޭނާ ހައްޔަރުކޮށްފައުވަނީ ހަރުކަށު ފިކުރަށް ހިތްވަރުދީ އެފިކުރު ފެތުރުމަށް މަސައްކަތް ކުރުމުގެ ތުޙުމަތުގައިކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.

ފުލުހުންވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ އޮޕަރޭޝަންތަކެއް ފަށާފައެވެ. އެގޮތުން ސަލާމަތީ ބާރުތަށް ގުޅިގެން އައްޑޫސިޓީގައި މިމަހުގެ 15ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައިވެސް ހަރުކަށި ފިކުރަށް ތާއީދުކުރާކަމުގެ ތުހުމަތުގައި 7މީހުންވަނީ ހައްޔަރުކޮށްފައެވެ. އަދި އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައިވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މާލެއިން ހައްޔަރުކުރި މީހާއަކީ އުމުރުން 49އަހަރުގެ ފިރިހެނެކެވެ. އެމީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް ކޯޓުންވަނީ 15ދުވަހުގެ މުއްދަތު ޖަހާފައެވެ.

މިމަހުގެ 6ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިޒަމްގެ ޙަމަލާއާ ގުޅިގެންވެސް މިހާތަނަށް 3މީހުންވަނީ ހައްޔަރުކޮށްފައެވެ. މި މީހުންނާވެސް ހަރުކަށި ފިކުރާ ގުޅުން އޮތްކަން ހާމަވެފައިވާކަމަށް ފުލުހުންގެ ވިދާޅުވެއެވެ. މި 3މީހުންގެ ބަންދަށްވެސް ކޯޓުން 15 ދުވަސްވަނީ ޖަހާފައެވެ.