ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާގެ ކަންކަން ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއް އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާގެ ތަޙުޤީޤާއި، އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ މިސްޓަރ އައްބާސް ފާއިޒް މިއަދު ޢައްޔަންކުރައްވާފައިވާކަމަށެވެ.
ރައީސް އޮފީހުން ވިދާޅުވީ އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެއްކަމަށެވެ. އަދި، އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފުޅެއްކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ޤާނޫނީ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ވަނަ ދުވަހުގެ ޙަމަލާޔާގުޅޭ ހުރިހާ ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ ރިޕޯޓްތައްވެސް ތައްޔާރުކުރައްވާނެ ރައީސް އޮފީހުން ވިދާޅުވެއެއެވެ. އަދި މި ދުވަސްތަކުގައި އައްބާސް ފާއިޒް މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިކަމަށާއި މިހާރުން ފެށިގެން މި ޙަމަލާޔާ ގުޅޭ ހުރިހާ ތަހުޤީޤެއް ނިމި ތުޙުމަތު ކުރެވޭ މީހުނާ މެދު ޝަރީޢަތް ކުރެވި، ޙުކުމް ތަންފީޛު ކުރެވެންދެން އައްބާސް ފާއިޒް މި މަސައްކަތުގައި ދެމިހުންނަވާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ޕޮލިހުންނާއި އެމްއެންޑީއެފްއިން ތަހުޤީޤްތައް ކުރިއަށްދާއިރު، ސެކިއުރިޓީ އިންޓެލިޖެންސް އޮޑިޓެއް ހެދުމުގެ މަސައްކަތްވެސް ރައީސް އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށްދާކަމަށް އެ އޮފީހުން ވިދާޅުވެއެވެ. '
މިމައްސަލައާ ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާއިރު، މި މީހުންނަކީ ހަރުކަށި ފިކުރާ ގުޅުން އޮންނަ ފަރާތްތަކެއްމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.