ޚަބަރު

ޙަމަލާ ބަދަލުކުރުން ހުއްޓައިލަން ހަންގޭރީ ފިޔަވައި ވިލާތުގެ ހުރިހާ ޤައުމަކުން ގޮވާލައިފި


އިސްރާއީލާއި ފަލަސްޠީނާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓައިލުމަށް ވިލާތުގެ އިއްތިޙާދުން ގޮވައިލައިފިއެވެ.

ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަޔިތާބެހޭ އެންމެ އިސް މަންދޫބު ޖޮސެޕު ބޮރެލް ބޭއްވެވި ޚާރިޖި ވަޒީރުންގެ ބައްދަލުވުމެއްގައި އެ އިއްތިޙާދަށް ނިޞްބަތްވާ 27 ޤައުމުގެ ތެރެއިން 26 ޤައުމުގެ ޚާރިޖީ ވަޒީރުންވަނީ ޙަމަލާބަދަލުކުރުން ހުއްޓައިލުމަށް ގޮވާލައްވައިފައެވެ. ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގެ ތެރެއިން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ގޮވައިލުމުގައި ބައިވެރިނުވި ހަމައެކަނި ޤައުމަކީ ހަންގޭރީއެވެ. ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގެ ތެރެއިން ޙައްދުފަހަނައަޅާފައިވާ އިސްރާއީލާއެކު އެންމެ ގާތް ގުޅުމެއް ބާއްވާ ޤައުމަކީ ހަންގޭރީއެވެ.

ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުންވަނީ ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ބުނެފައެވެ. އޭގެ އިތުރުން މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމުގެ މަޝްވަރާތައް އަލުން ފެށުމަށްވެސް ވިލާތުގެ ޚާރިޖީ ވަޒީރުންވަނީ އެއްބަސްވެވަޑައިގަންނަވައިފައެވެ.

ވިލާތުގެ އިއްތިޙާދަކީ އިސްރާއީލުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. އެ އިއްތިޙާދުން ފަލަސްޠީނަށްވެސް ގިނަ އެހީތަކެއް ފޯރުކޮށްދެއެވެ. އިސްރާއީލުން ފަލަސްޠީނަށް ބޮޑެތި ޢުދުވާނީ ޙަމަލާތަކެއް ދިން ނަމަވެސް އިސްރާއީލާ ދެކޮޅަށް އިޤްތިޞާދީ ފިޔަވަޅުތަކެއް އެޅުމަށް އެ އިއްތިޙާދުން ފަސްޖެހެއެވެ.

ވިލާތުގެ އިއްތިޙާދުގައި ހިމެނޭ ވަރުގަދަ ޤައުމެއްކަމަށްވާ ތުރުކީވިލާތުންވަނީ ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމަށް ހުޅަނގުގެ ޤައުމުތަކުން މަސައްކަތް ނުކުރާކަމަށް ބުނެ އެ ޤައުމުތަކަށް ފާޑުކިޔައިފައެވެ. ވިލާތުގެ އިއްތިޙާދުގައި ހިމެނޭ ބައެއް ކުދި ޤައުމުތައްކަމަށްވާ ލަގްސެންބާގާއި ބެލްޖިއަމާއި އަޔަލެންޑާއި މޮލްޓާއާއި ފިންލޭންޑަކީ ފަލަސްޠީނާ އެއްކޮޅަށް ފައުޅުގައި ވަކާލާތުކުރާ ޤައުމުތަކެވެ. ބެލްޖިއަމުގެ ޤަނޫނުހަދާ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންވަނީ އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ ޤައުމުގެ ސިޔާސީވެރިންނަށް ވިލާތުގެ އިއްތިޙާދަށް ދަތުރުނުކުރެވޭނެ ގޮތް ހެދުމަށާއި އެ މީހުންގެ މުދާ ހިފެހެއްޓުމަށް ގޮވައިލައިފައެވެ. ނަމަވެސް ހަންގޭރީއާއި ޗެކު ރިޕަބްލިކާއި އޮސްޓުރިޔާއާއި ގުރީސާއި ސައިޕުރަސާއި ޕޮލެންޑުންވަނީ ޔަހޫދީ ދަޢުލަތުގެ ދިފާޢުގައި ވާހަކަދައްކައިފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޢުދުވާނީ ޙަމަލާތަކުގައި 200އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ޣައްޒާގައި ޝަހީދުވި 60އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ 7،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.