ޚަބަރު

ޣައްޒާ އާރާސްތުކުރުމަށް މިޞްރުން 500 މިލިޔަން ޑޮލަރު ދެނީ


އިސްރާއީލުން ސުންނާފަތިކުރަމުންދާ ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށް 500 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެކަމަށް މިޞްރުން ބުނެފިއެވެ.

މިޞްރުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާ އަލުން އިމާރާތްކުރުމުގެ މަސައްކަތުގައި މިޞްރުގެ ސަރުކާރުގެ އިތުރުން އެ ޤައުމުގެ ކުންފުނިތަކުންވެސް ބައިވެރިވާނެކަމަށެވެ. ޣައްޒާއަށް އެހީތެރިވުމަށް އެހާ ބޮޑު ޢަދަދެއް ކަނޑައަޅާފައިވަނީ މިޞްރުގެ ރައީސް އަބްދުލްފައްތާޙު އަލްސީސީއާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮނާއި އުރުދުންގެ އަބްދުﷲ ރަސްގެފާނާ ދެމެދު ފަރަންސޭސިވިލާތުގައި ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. އެ ބައްދަލުވުމުގައި އިސްރާއީލާއި ފަލަސްޠީނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭގޮތުންވެސްވަނީ މަޝްވަރާކޮށްފައެވެ.

ފާއިތުވި 9 ދުވަހު އިސްރާއީލުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތަކުގައި ޣައްޒާގެ 450އަށްވުރެ ގިނަ އިމާރާތަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭގެ ސަބަބުން ފަލަސްޠީނުގެ 52،000އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އދން ބުނެއެވެ. އޭގެ ތެރެއިން 47،000އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަމާއި ރައްކާތެރިކަން ހޯދަމުންދަނީ ޣައްޒާގައި އދން ހިންގާ 59 މަދަރުސާއެއްގައިކަމަށް އދގެ އޮފިސް ފޮރ ކޮއޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒުން ބުނެއެވެ.

އެ އިދާރާއިން ބުނީ ޣައްޒާގެ 132 އިމާރާތެއް އެއްކޮށް ބިމާހަމަވެފައިވާކަމަށާއި އިތުރު 316 އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި 6 ހަސްފަތާލާއި 9 ޞިއްޙީ މަރުކަޒު ހިމެނެއެވެ. ޣާއްޒާގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެންމެ މުހިންމު އެއް މަރުކަޒު އަދި ކޯވިޑް-19އަށް ތަޙްލީލުކުރެވޭ ހަމައެކަނި މަރުކަޒުކަމަށްވާ އަލްރިމާލު ޞިއްޙީ މަރުކަޒަށްވެސްވަނީ އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި 200އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ޣައްޒާގައި ޝަހީދުވި 60އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ 7،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.