ޚަބަރު

"ސަރުކާރުން ޒުވާނުންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދޭނެ"


ޒުވާނުންގެ ހުވަފެންތައް ސަރުކާރުން ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށާއި، މުޅި ސަރުކާރު އެކީއެކައްޗަކަށް އަމާޒު ހިފާފައިވަނީ އެކަމަށްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.ޒުވާނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ޒުވާނުންގެ އެވޯޑް ހަފުލާ، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުން ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ސަރުކާރުން ހިންގާ ތަރައްޤީގެ ހުރިހާ ޕްރޮޖެކްޓެއް ކުރިއަށް ގެންދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ކަމަށާއި، ރާއްޖޭގެ މުސްތަޤްބަލްގެ ސަތޭކަ ޕަސެންޓް އުންމީދަކީ ޒުވާނުންކަމަށެވެ.ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރުން ކުރާ އުންމީދަކީ ޒުވާނުންނަށް ފުރުސަތުތައް ފަހި ދިވެހިރާއްޖެއެއް އުފެއްދުންކަމަށާއި، ޤައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ކެރުމާއި ޖޯޝް މުހިންމު ދައުރެއް އަދާކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ދާޚިލީ ކަންކަން ނިންމުމުގެ ފުރުސަތު ބޭރުގެ ފަރާތަކަށް ދެއްވާނަންތޯ ރައީސް ޔާމީން ކުރައްވާ ސުވާލަށް މިނިސްޓަރ ވަނީ ޒުވާނުންގެ ފަރާތުން ޖަވާބުދެއްވާފައެވެ."ޒުވާނުންގެ ފަރާތުން ރައީސް ޔާމީނަށް ދަންނަވާލަން ބޭނުންވަނީ މިޤައުމުގެ ކަންކަން ނިންމާނީ ދިވެހި ޒުވާނުންނޭ، ދިވެހި ރައްޔިތުންނޭ. މިޤައުމުގައި އަޅުގަނޑުމެންގެ އަމިއްލަ ކަންކަން ނިންމުމުގެ ހިއްވަރު އަޅުގަނޑުމެންގެ އެބަހުއްޓޭ" – މިނިސްޓަރ ސައީދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޒުވާނުންނަށް ޚާއްސަ މެނިފެސްޓޯއަކާއެކު ރާއްޖޭގެ ޒައާމަތާ ހަވާލުވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ސަރުކާރުން ވޭތުވެދިޔަ 2 އަހަރުތެރޭގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުން ކަށަވަރުކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ."ޒުވާނުންނަށް އެކިބާވަތް ބާވަތްތަކުގެ މަސައްކަތްތަކާ ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމަށް މިހާބޮޑު ސަމާލުކަމެއްދިން ސަރުކާރެއް މިޤައުމު އަދި ނުދެކޭ. ސަރުކާރު ވަނީ ކޮންމެ ޒުވާނަކީވެސް ހުނަރުވެރި ތައުލީމީ ކުއްޖަކަށްވާން ކެއް މަދުވެފަ. ރާޢްޖޭގެ ތާރީޚްގައި ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް އެންމެ ގިނަވީ ވޭތުވެދިޔަ ދެއަހަރުގައިކަން ފާހަގަކުރަން." މިނިސްޓަރ ސައީދު ވިދާޅުވިއެވެ.ހުޅުމާލެ ޔޫތް ސިޓީގެ މަޝްރޫއަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޒުވާނުންނަށްޓަކައި ޚާއްސަ ޝަހަރެއް، ޒުވާނުން ބޭނުންވާ ޒަމާނީ ޚިދުމަތްތައް ފުރިހަމަވެފައިވާ "ބިޔަ ރަށެއް" ސަރުކާރުން ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. ރައީސް މުހައްމަދު އަމީނާއި، ރައީސް ނާސިރާއި، ރައީސް މައުމޫނާއި، ރައީސް ޔާމީންގެ ޤައުމީ ޚިދުމަތް ފެއްޓެވީ ޒުވާން އުމުރުފުޅުގައިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޒުވާނުން ކުރިއަށްދިއުމުގައި މިސާލެއްގެ ގޮތުގައި ބައްލަވަންވީ މިފަދަ ލީޑަރުންކަމަށެވެ.ޒުވާނުންގެ ކުރިއެރުމާއި މުސްތަޤްބަލަށްޓަކައި ސަރުކާރުންވެފައިވާ ވަޢުދުތައް ސަރުކާރުން ފުއްދާނެކަމަށާއި، އެއީ ރައީސް ޔާމީނާއި އެމަނިކުފާނުގެ މުޅި ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.