ކުޅިވަރު

އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ޗެލްސީއިން ބޮޑުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އެޓީމުން ބޮޑުކޮށްފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމު ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. މިއީ މިދިޔަ ހަފްތާ ބަންދުގައި ކުޅުނު އެފް އޭ ކަޕް ފައިނަލުން ލެސްޓަރއަތުން ބަލިވި ބަލިވުމުން ޗެލްސީއިން ހިފި ރަނގަޅު ބަދަލު ހިފުމެކެވެ. މިމެޗްގައި ޗެލްސީން ވަނީ އެޓީމުގެ ސަޕޯޓަރުންގެ ކުރިމަތީ މޮޅު ކުޅުމެއް ދައްކާފައެވެ. މިމެޗް ބަލާލުމަށް ޗެލްސީގެ 8 ހާސް ސަޕޯޓަރުންނަށް ވަނީ ދަނޑަށް ވަނުމުގެ ފުރުސަތު ދީފައެވެ. އަދި ލެސްޓަރއިން މިމެޗްގައި މާއެދެވޭ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޗެލްސީއިން ދެ ފަހަރެއްގެ މަތިން ލެސްޓަރގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ޓީމޯ ވަރނަރ ޖެހި ފުރަތަމަ ލަނޑު އޮފް ސައިޑް ވި އިރު ދެވަނަ ލަނޑު އޭނާ ޖަހާފައިވަނީ އަތުން ކަމަށްވާތީ އެގޯލްވެސް ބަލައިގެންފައެއް ނުވެއެވެ. އަދި ފުރަތަމަ ހާފްގައި ޗެމްސީއަށް ޕެނަލްޓީއެއް ލިބެން ޖެހޭކަމުގައިވެސް އެޓީމުން ގަބޫލްކުރިއެވެ. މިމެޗްގައި ޗެލްސީއިން ޖެހި ފުރަތަމަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގަރއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޖޯޖީނިއޯއެވެ. މިމެޗްގައި ލެސްޓަރއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހައިދިނީ ކެލޭޗީ އިއަނާޗިއޯއެވެ. މިލަނޑާއެކު ޗެލްސީ ހާސްކަމުގެ ތެރެއަށް ވެއްޓުނު ނަމަވެސް ލެސްޓަރއަށް އިތުރު ލަނޑެއް ކާމިޔާބު ވާގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ޗެލްސީއަށް މިހާރުވަނީ ކުޅުނު 37 މެޗުން 67 ޕޮއިންޓް ލިބި ޕޮއިންޓް ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ލެސްޓަރ ވަނީ ހަތަރުވަނައަށް ވެއްޓިފައެވެ. އެއީ ކުޅުނު 37 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކުއެވެ. އަދި މިރޭ ލިވަޕޫލާއި ބަރންލީ ބައްދަލުކުރާ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ ލެސްޓަރ ފަސްވަނައަށް ވެއްޓި ޗެމްޕިއަންސް ލީގުގެ ޖާގައިން ބޭރުވާނެއެވެ. ޗެލްސީއިން މިއަންނަ އާދީއްތަ ދުވަހު ކުޅޭ ފަހު މެޗްގައި އެސްޓަންވިލާ އަތުން މޮޅުވެއްޖެނަމަ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުވާނެއެވެ. ނަމަވެސް ބަލިވެ ލެސްޓަރ އެޓީމްގެ މެޗް ކާމިޔާބުކޮށްފިނަމަ ޗެލްސީ ޗެމްޕިއަންސް ލީގުގެ ޖާގައިން ބޭރުވުންވެސް އެކަށީގެންވެއެވެ. މީގެއިތުރުން ލެސްޓަރއަށް ދެން ފުރުސަތު އޮތީ އެޓީމްގެ މެޗުން މޮޅުވެ ލިވަޕޫލް ކުޅެން ޖެހޭ ދެމެޗްގެ ތެރެއިން މެޗަކުން ބަލިވެ ނުވެ އެއްވަރުވުމެވެ. ލެސްޓަރ އަށް މިދިޔަ ސީޒަންގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ގަދަ ހަތަރެއްގައި އޮތުމަށްފަހު ފަހު ވަގުތު ވަނީ ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލިގެން ގޮސްފައެވެ.