ޚަބަރު

ލ. އަތޮޅުގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ ދެމީހަކު ނިޔާވެއްޖެ


ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެއެވެ. އެ ހޮސްޕިޓަކުން ވިދާޅުވީ މި ދެމީހުންވެސް ނިޔާވެފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައިކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ފުރަތަމަ ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ފިރިހެނެކެވެ. މި މީހަކީ ގަމު މަތި މަރަދީ އަވަށަށް ނިސްބަތްވާ މީހެކެވެ. ދެން ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެކެވެ. މި މީހަކީ އެއަތޮޅު މާވަށު މީހެކެވެ. މި ދެމީހުންނަށް ފަރުވާދެމުން ގެންދިޔައީ އައިސީޔޫގައެވެ. މި ދެމީހުންގެވެސް ހާލު ބޮޑުވެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ގަމު ހޮސްޕިޓަލުން ވިދާޅުވެއެވެ.

މީ މިބަލީގަި ލ އަތޮޅުން ބަޔަކު ނިޔާވި ފުރަތަމަ ފަހަރެވެ. ކޯވިޑް ބަލީ ރާއްޖޭގެ އެކި ކަންކޮޅުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނައިރު ލ. އަތޮޅުގައިވެސް މި ބަލި އަންނަނީ ހަލުވިކޮށް ފެރުރެމުންނެވެ. އެ އަތޮޅުގެ ތަފާސް ހިސާބުތައް ސައްކާގޮތުން އިއްޔެ ނިޔަލަށް ޖުމުލަ 647 މީހަކު ވަނީ އެއަތޮޅުން މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 336 މީހަކު އަދިވެސް އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ލ. އަތޮޅުން އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ މަންދޫ ފިޝަރީޒް ކޮޕްލެކްސުންނެވެ. އެތަނުން 297 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. ދެން އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީ ގަމުންނެވެ. އެރަށުން 152 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ކޯވިޑް ކޭސްތަކެއް ފެނި 56 ރަށެއް މިވަގުތުވެސް އޮތީ އަރާ ފޭބުމުން މަނާކޮށް މޮނީޓަރިންގެ ހާލަތުގައެވެ. ކޯވިޑް ކޭސްތަކުގައި އެންމެ ހާލަތު ގޯހީ ވެރިރަށް މާލެ ސަރައްހަދުގައެވެ. މާލޭ ސަރަހައްދުން އިއްޔެވެސް 1213 މީހުން ޕޮޒިޓިވްވެފައެވެ.

ބަލިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް މިމަހުގެ 25 ގެ ނިޔަލަށް އެޗްޕީއޭއިން ވަނީ އިތުރުކޮށްފައެވެ. އޭގެތެރޭގައި ހަވީރު 04:00 އިން ފަތިހު 04:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުންވެސް ހިމެނެއެވެ.