ސިއްސައިގެން ގޮސް އަހަންނަށް ދެލޯ ހުޅުވައިލެވުނީ ޖެހި ބާރު ގުގުރީގެ އަޑަށެވެ. ވަށައިގެންވާ މާހައުލުގައި ނުސާފުކަމެއް ހުއްޓެވެ. ދެލޯ އުނގުޅައިލަމުން އަހަރެން ތެދުވަންނަން މަސައްކަތްކުރީމެވެ. ނިދާފައި އޮވެވުނީ ކިހައި އިރެއް ވާންދެން ކަމެއްވެސް ނޭނގެއެވެ. އެއިރު ބޮލުގަ އާދަޔާ ޚިލާފު ރިހުމެއް ހުއްޓެވެ. އަހަންނަކީ ގިނަ އިރު ނިދައިފި ނަމަ ބޮލުގައި ރިއްސާ މީހެކެވެ. ނަމަވެސް މިރޭ ބޮލުގަ ރިހެމުން މި ދަނީ އަމަށަކު ވަރަކަށް ނޫނެވެ. ވަށައިގެންވި މާހައުލުގެ ނުސާފުކަން ކެނޑި ތަންތަން ވަކި ވާން ފެށުމުން އަހަރެންގެ ހިތް އަވަސް ވާން ފެށިއެވެ. އިސާހިތަކު އަތްފައި ފިނިވިއެވެ.

އަހަންނަށް މި އޮވެވުނީ ކޮންތާކު ހެއްޔެވެ؟ މި ކޮޓަރިއަކީ އަހަރެން ކުރިން ދުވަހަކު ދެކެފައިވެސް ނުވާ ތަނެކެވެ. އަހަރެން ވަށައިގެންވާ މާހައުލަށް ވަރަށް އަވަސް އަވަހަށް ނަޒަރު ހިންގައިލީމެވެ. މި މާހައުލުގައި ވީ ކޮންމެ ފަރުނީޗަރަކާއި ކޮންމެ އެއްޗެއްވެސް އަހަންނަށް ކިޔަމުން ދިޔައީ ބީރައްޓެހި ކަމުގެ ޘަނާއެކެވެ. ވަށައިގެން ވީ ހަމަ ހިމޭން ކަމެވެ. އެކަނިވެރިކަމެވެ. ހިނގަމުން ދިޔަ ކޮންމެ ސިކުންތަކާއި އެކު އަހަރެންގެ ހާސްކަން ވީ ހައްތަހާ އިތުރެވެ. ބޮލުގައި ފުނި ޖެހެމުން ދިޔަ ސުވާލުތައް ވީ ހައްތަހާ އިތުރެވެ. މިހެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ރޭގައި ރައްޓެހިންނާއެކު މަޖާކުރަން އުޅުނީމެވެ. ކޮއްކޮ ޒައިނާއާއި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޝިއުރާވެސް އުޅުނުވެ. ދެން އުޅުނީ ހުސް ފެނިދެނިވެ އުޅޭ ރައްޓެހިންނެވެ. އެއީ ޝިއުރާ ބޭއްވި ޕާޓީއެކެވެ. ޕާޓީ ނިންމާފައި އަހަރެން ގެޔަށް ދިޔަ ހަނދާންވެސް އެބަވެއެވެ. ކޮއްކޮއާ ޒުވާބު ކުރެވުނު ހަނދާނެއްވެސް ވެއެވެ. އެކަމަކު ހޭ މި ލެވުނީ މުޅިން ނުދަންނަ މާހައުލަކަށެވެ. މީހަކު އަހަންނަށް ލަގާއެއް ދިނީ ހެއްޔެވެ؟ އިތުރަށް އެއްވެސް ކަމަކާ ވިސްނާކަށް އަހަރެންގެ ބޮލުގައި ރިހެމުން ދިޔަ ރިހުން ޖާގަ އެއް ނުދިނެވެ. އެވަގުތު އަނެއްކާވެސް ދެވަނަ ގުގުރި އެއް ޖެހިއެވެ. ކުރިއަށްވުރެ ބާރަށެވެ. މިފަހަރުވެސް އަހަރެން ސިއްސައިގެން ދިޔައެވެ.

ގަބުވެފައި އަހަންނަށް އެހެން އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. އަހަރެން މިސްރާބު ޖަހަންވީ ކޮން ދިމާލަކަށް ކަމެއްވެސް ނޭނގެއެވެ. ދަތުރެއް ކުރެވޭނީ މަންޒިލެއްވެސް އެނގިގެންނެވެ. ކުޑަ ހިތްވަރެ ލާފައި އަހަރެން އެނދުން ފޭބީމެވެ. އަދި އަނެއްކާވެސް އެ މާހައުލަށް ނަޒަރު ހިންގައިލީމެވެ. އެއީ ފޯރާ ބައެއްގެ ގެދޮރެކެވެ. އެ ކޮޓަރީގައި ހުރި ހުރިހާ އެއްޗަކީވެސް އަގު ބޮޑު، ފެންވަރު ރަނގަޅު އެއްޗެއްސެވެ.

އެގޮތަށް ތަންތަން ބަލަމުން ދަނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ ޑުރެސިން ޓޭބަލް މަތީގައި ބާއްވާފައި އޮތް ފޯނެވެ. ހިތުގެ ތެޅުން އެއިރުވެސް އެހައިމެ ބާރެވެ. ސިކުނޑީގައި ފުނިޖެހެމުން ދިޔަ ޚިޔާލާއި ފިކުރުތަކުގެ ތެރެއިން އަހަންނަ ވިސްނުމަށް އައީ އެ ފޯނުން ކޮއްކޮއާ ގުޅާށެވެ. އެ ނިޔަތުގައި ލަސް ފިޔަވަޅުތަކެއް އަޅަމުން އަހަރެން ފޯނާ ދިމާލަށް މިސްރާބު ޖެހީމެވެ. އަހަރެން ގޮސް ޑުރެސިން ޓޭބަލް ކައިރީ ހުއްޓުމުން އަހަރެންގެ ލޮލުގައި އަޅައިގަތީ ކުރިމަތީ ހުރި ލޯގަނޑުން ފެންނަން ހުރި އަހަރެންގެ ސިފައެވެ.

އަހަރެންގެ މޫނުމަތީގައި އަނިޔާތަކެއް ލިބިފަ ހުރި ކަމުގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ. ނިތުކުރީގަޔާއި ދަތްދޮޅީގައިވެސް ލަކުނުލާފައި ހުއްޓެވެ. ޔަޤީނެވެ. މީހަކު އަހަންނަށް އަނިޔާތަކެއް ކުރީއެވެ. އަހަންނަށް ގިސްލެވެން ފެށުނެވެ. ބޯ ހައްތަހާ ހާސްވާން ފެށިއެވެ. އަޅެ، ކޮއްކޮއާއި މަންމަ ކޮބައި ހެއްޔެވެ؟
ތެޅިތެޅި އޮތް ހިތަކައިގެން އަހަރެންގެ ކުރިމަތީ އޮތް ފޯނު ނަގައި ބަލައިލީމެވެ. ފޯނު އޮތީ ލޮކު ކޮށްފައެވެ. "އެމެޖެންސީ ޑައެލް"ގެ އިޚުތިޔާރުވެސް އެ ފޯނުގައި ނެތެވެ. އަހަރެން ހަދާނެ ގޮތް ހުސްވެއްޖެއެވެ. ރޯންވެސް ބޭނުމެވެ. ނަމަވެސް ގެންފައިވާ ބޮޑު ބިރެއްގެ ސަބަބުން ކަރުނަތައް ވަނީ ކަސްތޮޅު އެޅުވިފައެވެ. ހިން ދިރުވަންވެސް އުނދަގޫވާހެން އެބަ ހީވެއެވެ.

އަހަރެން އެ ކޮޓަރިން ނުކުންނަން ހިނގައިގަތީމެވެ. ކުރިޔަށް ވުރެން ބާރަށެވެ. އެ މާހައުލުގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް އަހަންނެއް ބޭނުމެއް ނޫނެވެ. ކޮޓަރީގެ ދޮރުހުޅުވާލާފައި އަހަރެން ނުކުތީ ދެން ފެންނާނީ ކޮން މަންޒަރެއް ކަމެއް ވިސްނާވެސް ނުލައެވެ. ބާރު ހިނގުމެއްގައި ގެއިން ނުކުންނަން ދިޔަ މީހާއަށް މަޑު ޖެހިލެވުނީ އެ ގޭތެރެ ފެނުމުންނެވެ.

އެއީ މެދުމިނެއްގެ ޖާގައިގެ އެޕާޓުމެންޓެކެވެ. އަހަރެން އެ ނުކުތް ކޮޓަރިއަކީ އެ ގޭގައި ހުރި ހަމަ އެކަނި ކޮޓަރިއެވެ. ސިޓިން ރޫމުގައި ފެންވަރު ރަނގަޅު ސޯފާ ސެޓެއް ހުރި އިރު އެ ގޭގެ ކޮންމެ އެއްޗެސްވެސް ބުނެދެނީ އެންމެ ވާހަކައެކެވެ. ފޯރާކަމެވެ. ތަނަވަސްކަމެވެ. އެވަގުތު އަނެއްކާވެސް ބޮލުގައި ރިހުނެވެ. ވަރަށް ބާރަށެވެ. މޫނުމައްޗަށް ކުޑަކޮށް އަނދިރި އެރިހެންވެސް ހީވިއެވެ. ތިން ވަނަ ފަހަރަށް ގުގުރިއެއް ޖެހީ އެ ވަގުތުއެވެ. ޖެހި ގުގުރިއާއެކު މިފަހަރު ކަނޑައިގެން ދިޔައީ ގޭގެ ކަރަންޓެވެ. ސިއްސައިގެން ގޮސް އަހަންނަށް ހަޅޭލަވައިގަނެވުނެވެ.

ބިރުވެރިކަމުގެ ތެރެއަށް އިތުރުވި މިބޮޅާއެކު އަހަރެން ހަދާނެގޮތް ހުސްވެއްޖެއެވެ. ދެފައި ތުރުތުރު އަޅާ ހާލުވެސް މި ވަގުތު ކޮޅަށް ހުރުމުގެ ހިތްވަރު ހަށީގައި ހުރީތީ މާތް ރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރުކުރަމެވެ. ވަށައިގެންވީ ކަނު އަނދިރިކަމެވެ. އަހަރެން ހުރި ތަނުގައި ގަނޑުވެފައި ހުރެވުނީ ދާނެ ތަނެއް ކުރާނެ ކަމެއްވެސް ނޭނގިފައެވެ. އެ އަނދިރިކަމަށް ލޯ ހޭނި، ތަންދޮރު ސާފުވެ ވަކިވާވަރު ވަންދެން އަހަންނަށް ހުރެވުނީއެވެ. ނަމަވެސް މާ ގިނައިރު އެހެން ހުންނާނެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ. އެ އިވެނީ އެޕާޓުމެންޓުގެ ދޮރުގެ ތަޅަށް މީހަކު ތަޅުދަނޑި ޖަހަން މަސައްކަތްކުރާ އަޑެވެ.

އެޔެއް މިޔެއް ނުބަލައި އަހަރެން ދުއްވައިގަތީމެވެ. އެއިރު ތަންތަން ވަކިވާވަރު ވެއެވެ. އަހަރެންގެ މިސްރާބު ހުރީ އެ އެޕާޓުމެންޓްގެ ކާގޭގައި ހުރި މޭޒު ތަންދޮށަށެވެ. މޭޒުމަތީ އަޅާފައި އޮތް ފޮތިގަނޑުން އަހަރެން ނިވާ ވާނެކަން ޔަޤީނެވެ.

މޭޒު ތަންދޮށަށް އަހަންނަށް ވަދެވުނީ ހަމަ ކިރިޔާއެވެ. އެ ވަން މީހަކު ވަން ގޮތަށް މިސްރާބު ޖެހީ ސިދާ އަހަރެން އޮތް ކޮޓަރިއަށެވެ. ޔަޤީނެވެ. ކޮޓަރީ ދޮރު ހުޅުވާފައި ހުރުމުން އަހަރެން ކޮޓަރިން ނުކުތް ކަން އޭނާއަށް އެނގުނީއެވެ. ކޮންމެވެސް އެއްޗަކުން އޭނާ ދިޔައީ މުޅި ތަނަށް އަލި ކުރަމުންނެވެ. ކޮޓަރިއަށް ވަދެ އިރުކޮޅެއް ވުމަށްފަހު އޭނާ ކޮޓަރިން ނުކުމެ އެތަން މިތަނުގައި ހިނގަމުން ދިޔައެވެ. އަހަންނަށް ފެންނަމުން ދިޔައީ ހަމަ އެކަނި އޭނާގެ ފައިކޮޅެވެ. ފެންނަ ފެނުމަށް އެއީ ފިރިހެނެކެވެ. އޭނާ އަވަދި ނެތި އުޅެމުން ދިޔަ ގޮތުން އަހަރެން ހޯދަނީކަން އަހަންނަށް ޔަޤީންވިއެވެ. ހިނގަމުން ހިނގަމުން އައިސް އެ މީހާ އަހަރެން އޮތް މޭޒު ކައިރީ ހުއްޓުނު ވަގުތު އަހަރެންގެ ހިތް ހީވީ ދެންމެ ދެންމެ މޭ ފަޅައި ނުކުމެދާނެ ހެންނެވެ. ބޭއިޚުތިޔާރުގައި އަހަންނަށް އަނގަ މަތީ އަތް އެޅުނެވެ. ކެތްކޮށްލައިގެ އަހަރެން އޮތީ އެ ހުރިތަނުން އޭނާ ދޭތޯ ހިތައި ހިތުން ދުޢާ ކޮށްލަ ކޮށްލައެވެ. ކުޑަ ހިނދުކޮޅަކު އޭނާ އެހެން ހުރުމަށްފަހު ވަރަށް ހަލުއި ހިނގުމެއްގައި އެޕާޓުމެންޓުން ނުކުންނަން ހިނގައިގަތެވެ.

އެ މީހާ ދިޔުމާއެކު އަހަރެން މޭޒު ތަންދޮށުން ތެދުވެ އަވަސް އަވަހަށް މިސްރާބު ޖެހީ އެތަނުން ނުކުތުމަށެވެ. ކޮންމެވެސް ވަރަކަށް ތަންދޮރު ވަކިވި ނަމަވެސް އެއްވެސް އެއްޗެއް ހުރި ތަނެއް އަހަންނަކަށް ސީދާ ޔަޤީނެއް ނޫނެވެ. އެހެން ކަމުން އަހަރެން މިސްރާބު ޖެހީ ހިތު މިސާލަށް ދޮރު ހުރި ދިމާއަށެވެ. އެއިރުވެސް ދެފައި ތުރު ތުރު އަޅަމުން ދިޔައެވެ. އަތްފައި ގަނޑުފެންކޮޅެއްހައި ފިންޏެވެ. ކުޑަ އުނދަގުލަކާއެކު ދޮރު ހޯދުމަށްފަހު ތަޅުގައި ހިފައި އަނބުރައިލީމެވެ. އަހަރެންގެ ނަޞީބު ހުރި ގޮތް ކަންނޭނގެއެވެ. އެ މީހަކު އެހައި އަވަސް އަރުވާލާފައި ވެސް އެ ދިޔައީ ދޮރު ތަޅުލާފައެވެ.

އިތުރަށް ވިސްނާކަށް އަހަންނަކަށް ފުރުޞަތެއް ނެތެވެ. ބޭރުން އަހަރެން ނުފެނިއްޖެނަމަ އަނެއްކާވެސް އޭނާ މި ތަނަށް އަންނާނެއެވެ. ކުރިން ފިލައި އޮތް ތަނުގައި ފިލާ އޮތުމަކީ ރައްކާތެރިގޮތެއް ނޫނެވެ. އެހީއަށް އެދި ހަޅޭ ލަވައިފިނަމަ އޭނާއަށް އިވިދާނެއެވެ. ހުސް ބިރުހުރި އިޚުތިޔާރުތަކެވެ. މިހާ ހިސާބުން ހަތަރު އުދަރެސް ފެނުޖެހުނުކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. ނަމަވެސް އަދިވެސް ހިތްވަރު ކުރީމެވެ. މިތަނުން ނުކުމެފައި ނޫނީ ހަމަ ނޭވާއެއް ނުލަން ހިތުގައި ކުޑަ އަޒުމެއް ކަނޑައެޅީމެވެ. ވިސްނާލަން ހުރުމަށް ފަހު އަހަރެންގެ ބޮލަށް އައި އެންމެ ރަނގަޅު ގޮތަކީ އެ ކޮޓަރީގައި ހުރި އަލަމާރި ތެރެއަށް ވަދެވެން އޮތް ނަމަ އެތަނުގައި މަޑު ކުރުމެވެ.

އަހަރެން އަވަސް އަވަހަށް ކޮޓަރިއަށް މިސްރާބު ޖެހީމެވެ. އަނެއްކާވެސް ހިތު މިސާލަށެވެ. އެތަން މިތަނުގައި އަޅައިގަންނަމުން ކޮޓަރި ހޯދައި ކޮޓަރިއަށް ވަދެ އަލަމާރީގެ ބޮޑު ދެ ވަތްގަނޑު އަހަރެން ހުޅުވައިލީމެވެ. އަނދިރިކަމުގެ ތެރެއިން އަހަންނަށް އެއްވެސް އެއްޗެއް އެހާ ބޮޑަކަށް ވަތްކެއް ނުވެއެވެ. ދެން އެ އިވުނީ އަނެއްކާވެސް ދޮރުގެ ތަޅަށް ތަޅުދަނޑި ހެޔޮވަރުކޮށްލި އަޑެވެ. އަހަރެން ބަލާކަށް ނުހުންނަމެވެ. އަލަމާރި ތެރެއަށް ވަދެވުނު ގޮތަކަށް ވަދެ ދޮރު ޖެހުނީ ހަމަ ކިރިޔާއެވެ.

"ޒީޝާން! ޒީޝާން!" އެ މީހާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނީ ހަމަ ކުއްލިއަކަށެވެ. އަޑު އައި ގޮތުން އޭނާ އެހުރީ ކޮޓަރީގައި ކަން އަހަންނަށް ޝައްކެއް ނެތް މިންވަރަށް ޔާޤީންވިއެވެ. އެންމެ ބޮޑު ހައިރާން ކަމެއް އަހަންނަށް ލިބުނީ އެ މީހާއަށް އަހަރެންގެ ނަން އެނގޭތީއެވެ. އެ އަޑުގައި ދެކެ ފަރިތަ ގޮތެއް ހުއްޓަސް އަހަންނަކީ އެއް އިރެއްގައިވެސް ފިރިހެން ކުދިންނާ އެހައި ރައްޓެހި މީހެއް ނޫނެވެ. އޭނާއަށް އަހަރެންގެ ނަން އެނގުމުން އަހަންނަށް ދޭހަވީ މި ތަނުގައި އަހަރެން ގެނެސް ލާފައި މި އޮތީ އޮޅިގެން ނޫން ކަމެވެ. ވެދާނެއެވެ. މިއީ ކޮންމެވެސް ގޮތަކުން އަހަރެންގެ ގޮތް އެނގިގެން ނުވަތަ އަހަންނަށް ފާރަލައިގެން އޭނާ ރާވާފައި އޮތް ރޭވުމެކެވެ.

ދެން ކުއްލިއަކަށް އިވުނީ ފޯނެއް ރިންގުވަމުން ދިޔައަޑެވެ. އަދިވެސް އެ މީހަކު އެ ހުރީ ކޮޓަރި ތެރޭގައެވެ. އަހަންނަށް އިނީ ގުޑިލަން ވެސް ނުކެރިފައި، އަލަމާރިއަށް ވަން ގޮތަށެވެ. ކޮށްލެވޭ ހަރާކަތުން، އިވޭ އަޑަކުން ނުވަތަ އަލަމާރީގެ ދޮރު ކުޑަކޮށް ހުޅުވުނު ނަމަވެސް އޭނާއަށް އަހަރެން މިތަނުގައި އިންކަން އެނގިދާނެއެވެ. އެހައި ހިސާބުން އަހަރެންގެ ޒަމާން ދިޔައީއެވެ.

"ހަލޯ؟ ޒައީ.. މިއުޅެނީ ފިލައިގެން. ނެތޭ! އެތަން މިތަން ހޯދިއްޖެ.. މަގުމަތިވެސް ވެސް ބެލިއްޖެ. ގެއަށް އައިސްދީބަލަ އިނގޭ ވަރަށް އަވަހަށް... ރަނގަޅޭ، މިއޮށް ބޮޑު މާލޭގަ ކިހިނެއް އެކަމު... އާނ އޯކޭ!" އެމީހަކު ދެއްކި ވާހަކަތަކެއް ދައްކާފައި ފޯނު ބޭއްވިއެވެ. އޭނާގެ އަޑުގައި ބަރުކަމެއް ހުރި ނަމަވެސް އެ އަޑުގައި ރިހުމެއްވެސް ހުރިހެން ހީވެއެވެ. ނާކާމިޔާބީގެ އަސަރު އެ އަޑުގަ އެކުލެވިފައި ހުއްޓެވެ. އެންމެ ބޮޑަށް އަހަރެން އަޅައިގަތީ އޭނާ އެ މުޚާތަބު ކުރި މީހާގެ ނަމެވެ.

"ޒައީ...؟" އަހަންނަށް ހިތައިހިތުން ކިޔައިލެވުނެވެ. އެއީ އަނެއްކާ އަހަރެންގެ ކޮއްކޮ ޒައިނާ ނޫންބާވައެވެ. އެކަމަކު... އެކަމަކު އަހަރެންގެ ކޮއްކޮ އޭނާ ދަންނަންވީ ކީއްވެހެއްޔެވެ؟ އެއީ ހަމަ ހަޤީޤަތުގަވެސް އަހަރެންގެ ކޮއްކޮ ކަމަށް ވަންޏާ އަހަންނަށް މިހެން ހަދަންވީ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ މި ޢަމަލުގައި ޝާމިލުވުމަށް ކޮއްކޮއަށް ހިތްވަރު ލިބުނީ ކޮންގޮތަކުން ކިހިނެއް ހެއްޔެވެ؟

މި ޚިޔާލުތައް ބޮލަށް ވެރިވުމުން އަހަރެންގެ ކަރުނަތައް މިންޖުވެ އޭގެ މަގާމު ދޫކޮށް ދިޔައެވެ. އިސާހިތަކު އަހަންނަށް ރޮވެން ފެށުނެވެ. އަނގަމަތީގައި އަތް އެޅީ އެ މީހާއަށް އަޑު އިވިދާނެތީއެވެ. މި ވަގުތު އަހަރެންގެ ހިތުން ދުޢާކުރެވެމުން ދިޔައީ އަހަރެންގެ ބޮލަށް ދެންމެ އެ ވެރިވި ޚިޔާލަކީ އެއީ ދޮގެއް ކަމުގައި ވުމަށެވެ. އެއީ އަހަރެންގެ އެއްބަނޑު އެއްބަފައި ކޮއްކޮ ކަމުގައި ނުވުމަށެވެ. އަހަރުމެން ދެމީހުން އެކީ އުޅެ ބޮޑުވީ ނުހަނު ލޯތްބާއި އުފަލުންނެވެ. އެކަކު އަނެކަކަށް ލިބޭ އުފާވެރިކަމާއި ހިތާމަތައް ހިއްސާކުރަމުންނެވެ. މަންމަވެސް އަހަރުމެން ދެކެ އެހައި ލޯބިވާނެއެވެ. އެކަނިމާ އެކަނި ދެބެން ބަލައި ބޮޑުކުރީ ބައްޕައެއް ނެތް ކަމުގެ އިހުސާސްވެސް ވިޔަ ނުދީއެވެ. މަންމަ ދެކެވެސް އަހަރެން ނުހަނު ލޯބިވީމެވެ. ނަމަވެސް މުސްކުޅި އުމުރަށް މަންމަ އެޅުމުން މަންމައަށް ބަދަލުތަކެއް އައެވެ. މަންމަގެ ހަނދާނުގައި އެއްޗެހި ހަރުލާ މިންވަރު މަދުވެ، މަންމައަށް އަހަރުމެން ވަކި ކުރަން އުނދަގޫވާ ހިސާބަށް ދިޔައެވެ.

ޒައިނާ ވަރަށް ކެތްގަދައެވެ. ކެތްމަދުވީ އަހަރެންގެއެވެ. މަންމަ އަމިއްލައަށް ގެއިން ބޭރަށް ނުކުމެ މަގު އޮޅިގެން، ފުލުހުންގެ އެހީގައި ގެޔަށް ގެންނަން ޖެހޭ މިންވަރު އިތުރުވިއެވެ. ކޮއްކޮގެ ވަޒީފާ ދޫކޮށްލާފައި ކޮއްކޮ ބޭނުންވީ މަންމަ ބަލަން ހުންނާށެވެ. އެކަމަކު އަހަންނަށް އެގޮތް ކަމު ނުދިޔައީއެވެ. ރޭގައި ކުރި ޕާޓީ ނިންމާފައި ގެޔަށް ދިޔަ މަގުމަތީވެސް އަހަރުމެން ދެބެން ޒުވާބު ކުރި ހަނދާން އެބަހުއްޓެވެ. އަހަރެން ބޭނުންވީ މަންމަ ބަލަން މީހަކު ގެންނާށެވެ. ނުވަތަ އުމުރުން ދުވަސްވީ މީހުން ބަލަހައްޓައިދޭ ތަނަކަށް މަންމަ ގެންދާށެވެ. އެކަމާ ޒައިނާ ހުރި ރުޅި އައިސްފައެވެ. އަނެއްކާ އޭނާ ހިފަމުން މި ދަނީ އެކަމުގެ ބަދަލު ނޫންބާވައެވެ؟ މި ހުރިހާ މަންޒަރެއް އެންމެ ކައިރިން ދެކޭނެ އެކަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޝިއުރާއެވެ. މިއަދު، މި ވަގުތު މަންމަގެ މަތިން ހަނދާންވަމުން ދިޔަ ދިޔަހެން ހިތުގައި އަޅަމުން ދިޔަ ވޭންވެސް ވީ ހައްތަހާ އިތުރެވެ.

މަންމަމެން ކޮބައިހެއްޔެވެ؟ އަހަންނަށް ކިޔިފައި ހުރި އެއްޗެއްސާއި ކުރެވުނު ކަންތައް ހަނދާންވެ އިހުސާސްވީ އަހަރެންގެ އަޖަލު ޖެހެން ކައިރި ވުމުންނެވެ. އަހަރެންގެ އަމިއްލަ ނަފުސުވެސް އަހަންނަށް މަލާމަތްކުރާ ފަދައެވެ.
އިރުކޮޅަކު ރޯން އަހަންނަށް އިނދެވުނެވެ. ނަމަވެސް ރޯން އިނދެގެން ކުރާނެ ފައިދާއެއް ނެތެވެ. މިތަނުން މިންޖުވެވޭތޯ ބަލަންވީއެވެ. އެ މީހާ ކޮންމެ މީހަކާ ގުޅިފައި ހުއްޓަސް އޭނާގެ ބައިގަނޑު މިތަނަށް ހަމަކޮށް އަހަރެން މަރަން ތައްޔާރުވާތަން ބަލަން މި އަލަމާރި ތެރެއަކު އަހަންނެއް ނުއިންނާނަމެވެ.

އަހަރެން ވަރަށް ކުޑަކުޑަކޮށް އަލަމާރީގެ ދޮރު ހުޅުވައިލީމެވެ. ކިރިޔަ ކިރިޔާ އެ މީހަކު އަހަންނަށް ފެންނަ ވަރަށެވެ. އެއިރު އޭނާ އިނީ އެނދު މަތީ އަހަންނަށް ފުރަގަސް ދީގެންނެވެ. މުޅިތަނަށް އަލިކުރުމަށް އޭނާ ގެންގުޅެމުން އެ ދިޔާއީ ފޯނުގެ ޓޯޗެވެ. އޭނާ އިންގޮތުން ގޮތް ހުސްވެފައި ވާހެން ހީވިއެވެ. މީހާގެ ގައިން އޮށްދާ ހިއްލާފައި ހުރި އިރު އޭނާ އަހަރެން ހޯދަން ބުރަ މަސައްކަތްތަކެއް ކުރިކަން ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. އެ ގޮތަށް އޭނާ އިން އިރު އަހަރެން ކުރި ކަމަކީ އެ ކޮޓަރިތެރެ ދަސްކުރުމެވެ. އެއްޗެހި ހުރި ތަންތަނާއި ހުރި ގޮތް ދަސްކުރުމެވެ. އެއިރު އަހަރެންގެ ބޮލު ތެރޭގައި ރޭވުމެއް އޮތެވެ. ދެވަނަ ފަހަރަށް މާހައުލު ކަނު އަނދިރިވާ ހިނދު ހިތު މިސާލަށް ވެސް ފަރިތަ ކަމާއެކު އުޅެން އެނގޭނީ އެއިރުންނެވެ. މިފަހަރު އަހަންނަށް ފެނުނު އިރު އެ ކޮޓަރި ތެރޭގައި ދެކެފަރިތަ ގޮތެއް ހުރިހެން ހީވިއެވެ.

އިރުކޮޅަކު އެހެން އިނުމަށް ފަހު، އޭނާ މިސްރާބު ޖެހީ ފާޚާނާއަށެވެ. އެއާއެކު މާހައުލު އަނެއްކާވެސް އަނދިރި ވިއެވެ. ދަނޑިވަޅު ބަލާފައި އަހަރެން އަލަމާރިން މަޑުމަޑުން ނުކުތީމެވެ. އަދި ޑުރެސިން ޓޭބަލާއި ދިމާލަށް މިސްރާބު ޖަހައި އޭގެ މަތީގައި އިން ބޮޑު " އެޔާ ފުރެޝްނާ" ފުޅި ނަގައި އަތަށް ހެޔޮވަރު ކޮށްލީމެވެ. ފުޅި ހިފައިގެން ގޮސް އަހަރެން މަޑުކޮށްލީ ފާޚާނާ ދޮރުގެ އެއް ފަރާތެއްގައެވެ. މިތަނުން ނުކުންނަން ބޭނުންނަމަ އަހަންނަށް ތަޅުދަނޑި އެބަ ބޭނުންވެއެވެ. އެކަން ކުރަން އަހަރެންގެ ބޮލަށް އައި ހަމަ އެކަނި ޚިޔާލާއި ރޭވުމުގެ މައްޗަށް މި ވަގުތު އަހަރެން މި ދަނީ ޢަމަލު ކުރަމުންވެ.

ފާޚާނާ ދޮރުގެ އެއްފަރާތެއްގައި ހަމަޖެހިލައި އަހަރެން ޚުޝިޔާރުވީމެވެ. އެ ހިނދު މުޅި އެޕާޓުމެންޓަށް ކަރަންޓު އަޔެވެ. އަހަރެންގެ ހިތް ކުޑަކޮށް ޖެހިލުންވީ ލިބިފައި މިވާ އައްޔާއެކު އޭނާއަށް މިތަނުގެ ތެރޭގައި އަހަރެން ހޯދައި އަހަންނަށް ހަމަލާދޭން އެހައި އުނދަގޫ ކަމަކަށް ދެން ނުވާނެތީއެވެ. އެކަމަކުވެސް ހިތްވަރު ކުރީމެވެ. މިހާނަށްވެސް ހިތްވަރު ކުރީއެއް ނޫން ހެއްޔެވެ؟

އިރުކޮޅަކުން އޭނާ ނުކުންނަން ތައްޔާރުވި އަޑު އިވުނެވެ. އަހަރެންގެ ހިތް ތެޅެން ފަށައިފިއެވެ. ކުރަން މި އުޅެނީ އަދި ދުވަހަކުވެސް ކޮށްފައި ނުވާފަދަ ޢަމަލެކެވެ. ނަމަވެސް ހާލަތަކީ ވަރަށް އެހެން ކަހަލަ އެއްޗެކެވެ. ކުރަން ބޭނުން ނުވާ އެތައް އެތައް ކަމެއް ކުރަން މަޖުބޫރުވާ ޙާލަތްތައްވެސް ދިރިއުޅުމުގައި އާދެއެވެ. މިއީ އަހަރެންގެ ޙަޔާތުގައި އެފަދަ ދަނޑިވަޅެކެވެ.

ފާޚާނާއިން އެ މީހާ ނުކުތުމާއެކު އަހަރެންގެ ގައިގާ ހުރި ބާރެއް ލާފައި އޭނާގެ ބޮލުގައި އެތިފަހަރެއް ޖެހީމެވެ. އަހަންނަށް ހަޅޭވެސް ލަވައިގަނެވުނެވެ. ނަމަވެސް ލިބިފައިވާ ހިތްވަރާއެކު އެއްފަހަރު ޖަހައިގެން ހިތެއް ހަމައެއް ނުޖެހުނެވެ. ދެވަނަ އެތިފަހަރެއްވެސް ޖެހީމެވެ. އެ މީހާގެ ބޮލުގައި އަތް އަޅައިގެން ހުރެ ފައިބަމުން ދިޔަ ލޭތަކާއި އެކު އަހަންނާއި ދިމާލަށް އޭނާ އެނބުރުނެވެ. އެ މީހާގެ މޫނު އަހަންނަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާގެ ބޮލަށް ހުރީ ހަމަ ރަނގަޅަށްވެސް އެނބުރުން އަރާފައެވެ.

އަހަންނަށް މަޑު ޖެހިލެވުނެވެ. އެ މޫނު އަހަރެން ދަންނަމެވެ. އެއީ ދެކެފަރިތަ މޫނެކެވެ. އެކަމަކު ކޮންތާކުން ހެއްޔެވެ؟ ކިހިނެއް ހެއްޔެވެ؟ އޭނާ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކުން އަޅަމުން ދިޔަ ވޭން ކޮންމެ މީހަކަށްވެސް ފަހުމްވާނެއެވެ. ނަމަވެސް އަހަންނަށް އެ ދެލޮލުން އިތުރު ވާހަކަތަކެއް ބުނެދިނެވެ. އެ ވާހަކަތައް ނަގައިގަންނަން އަހަރެންގެ ސިކުނޑި ނުކުޅެދެނީއެވެ. ވިސްނަން އުޅެ އުޅެވެސް ވިސްނޭގޮތެއް ނުވިއެވެ. ކޮންމެވެސް ގުޅުމެއް އަހަރުމެން ދެމެދުގައި ވެއެވެ. އެކަމަކު އެއީ ކާކު ހެއްޔެވެ؟ އަހަރެންގެ ބޮލުގައި އިހުނަށްވުރެ ގަދަޔަށް ރިއްސައިގަތެވެ. އެވަގުތު އޭނާ ހުރިތަނަށް ޚަބަރު ހުސްވެ ވެއްޓުނެވެ. ބޮލުން ފައިބަމުން ދިޔަ ލޭތައް ތަށިމުށިތަކުގެ މައްޗަށް ފޭދެމުން ދިޔައެވެ.

އަހަންނަށް ހުރިތަނަށް ތިރިވެވުނީ ބޭއިޚުތިޔާރުގައެވެ. އަހަރެންގެ ބޮލުގައި ވަރަށް ވަރަށް ގަދައަށް އެބަ ރިހެއެވެ. މޫނުމައްޗަށް ފުސްއަރައި އަނދިރިވެ ބައެއް ފަހަރު އަލި ގުޅަ ގުޅަ ފެންނަހެން ވެސް ހީވެއެވެ. އަހަރެންގެ ބޮލު ތެރެއިން އަހަންނަށް ހަނދާންތަކެއް އާވެ ބޮލުގައި ކޮށަމުން ދިޔައެވެ. އަޑުތަކެއް އަހަރެންގެ ކަންފަތުގައި ޖެހެމުން ދިޔަހެން ހީވެއެވެ.

"ޒީ. އުފާވޭތަ އަހަންނާއި ކައިވެނި ކުރެވޭތީ؟ އަހަރެން ވަރަށް ލޯބިވޭ އިނގޭ؟" ބޮލުތެރެއިން އިވެމުން ދިޔައީ ފިރިހެނެއްގެ އަޑެވެ. ނުސާފު ނަމަވެސް އެ އަޑު ބޮލުގައި ކޮށާލެއް ގަދަވެއްޖެއެވެ. "ކޮންމެ ކަމެއް ޖެހުނަސް ހުންނާނަންތަ؟ އަހަރެން އަތުން ދޫ ނުކޮށްލައްޗޭ" އެ އިވެމުން ދިޔައީ އަހަރެންގެ އަޑެވެ. އަހަރެންގެ ސިކުނޑި ތެރޭ ހީވަނީ ބޮޑު ހަނގުރާމައެއް ހިނގަމުން ދާހެނެވެ.

"ދޮންތާ... މަންމަ މުސްކުޅިވެ ހަނދާން ބަލިވީމަ އަހަރުމެން މަންމައަށް އަޅާލައި މިންވަރު އިތުރެއްނު ކުރަންވީ.. ތިހެން އެއްޗެހި ކީމަ ވާނި ކިހިނެއް؟" މިފަހަރު އިވުނީ އަހަރެންގެ ކޮއްކޮގެ އަޑެވެ. " ހިތްވަރު ކުރޭ ޒީޝް. މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. މަންމައަށް ހެޔޮ ދުޢާ ކުރޭ." އަނެއްކާވެސް އިވުނީ އެ ފިރިހެން އަޑެވެ. އެއްވެސް މަންޒަރެއް ލޮލަށް ސިފަވާ ގޮތެއް ނުވިއެވެ. ބޮލުތެރޭ ކަސްތޮޅު އެޅިފައިވާ އެތައް ހަނދާނެއް ހަނދާނުގެ ދޮރުގައި ޓަކި ޖަހަމުން ދޮރު ފަޅާލައި ނުކުތުމަށް އެތައް މަސައްކަތެއް އެބަ ކުރެއެވެ. އެއާއެކު އަހަރެންގެ ސިކުނޑިއަށް ކުރި ބާރުވެސް ވީ ހައްތަހާ ބޮޑެވެ. "ކޮންގުރާ ދެކުދިން! މާދަންތަ އެޕާޓުމެންޓަށް ބަދަލުވަނީ؟" އެ އިވުނީ ޝިއުރާގެ އަޑެވެ. "ޒީޝާންގެ ސިކުނޑިއަށް އެކުސިޑެންޓުގައި ލިބުނު ގެއްލުމާއި ގުޅިގެން... ހަނދާނުގެ ބަޔެއް ގޮސްފައި ހުރީ. ޕޯސްޓް ޓްރައުމަޓިކް އެމްނީސިއާ. ޓެސްޓުތަކުން ދައްކާގޮތުން ފަހުގެ ހަނދާންތައް ގޮސްފައި ހުރީ" އެ އިވެމުން ދިޔައީ އެހެން ފިރިހެނެއްގެ އަޑެވެ.

އަހަރެން ވަށައިގެންވާ މާހައުލަށް ބަލައިލީމެވެ. މިހާރު މިތަނުގައި އަހަންނަށް ކުރިޔަށް ވުރެވެސް ބޮޑަށް ފަރިތަ ކަމެއް ހުއްޓެވެ. ކޮންމެ އެއްޗަކާވެސް ކޮންމެވެސް ގުޅުމެއް ވާކަމަށް އަހަރެންގެ ހިތް ކެނޑިނޭޅި ބުނަމުން ދިޔައެވެ. އަހަންނަށް ދެން ބަލައިލެވުނީ ހުޅުވާފައި ހުރި އަލަމާރިއަށެވެ. އެތަނުގެ ތެރޭގައި އަހަރެން ދަންނަ އަހަރެން ލައި އުޅުނު އެތައް ހެދުމެއް އެބަހުއްޓެވެ. ދެން އެ ހުރީ ފިރިހެނެއްގެ ހެނދުންތަކެވެ.

އަހަރެން ވަރުބަލި ވާން ފަށައިފިއެވެ. މޫނުމަތިން ދާތިކިތައް އޮހޮރެމުން ދިޔައެވެ. ނޭވާ ހާސްވާހެން ހީވިއެވެ. ފަހުން ބޮލު ތެރެއިން އިވުނު އަޑުގެ ބަސްތައް ތަކުރާރުވޭވޭ ހުއްޓެވެ. މޫނުމައްޗައް އިސާހިތަކު އަނދިރި އެރިއެވެ. އަހަންނަށް އެނގެނީ އަހަރެން ވެއްޓެން ދިޔަކަމެވެ. ދެން ވީގޮތެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ.
އަހަންނަށް ދެލޯ ހުޅުވައިލވެވުނެވެ. ފުރަތަމަވެސް ނޭފަތުގައި ޖެހުނީ ހަސްފަތާލު ތެރޭގެ ވަހެވެ. ވަށައިގެންވާ މާހައުލުގައި ފުސްކަމެއް ހުއްޓެވެ. އަހަރެން ދެއަތުން ލޯ އުނގުޅައިލީމެވެ. އެއިރު މާހައުލުގެ ފުސްކަން ކެނޑި ވަށައިގެން ތިބި މީހުން އަހަންނަށް ވަކިވާވަރު ވެއްޖެއެވެ.

އަހަރެންގެ ކައިރީގައި އިށީނދެގެން އިނީ ޒައިނާއާއި ޝިއުރާއެވެ. އެ މީހުން ލޮލުގައި މާޔޫސީގެ އަސަރު ވީ ނަމަވެސް އަހަރެން ދެލޯހުޅުވިތަން ފެނުމާއެކު އެމީހުން ހިނިތުން ވެލިއެވެ. އަހަރެން ވަށައިގެން ވާ މާހައުލަށް ބަލައިލީމެވެ. ހަމަ އަސްލުވެސް އެއީ ހަސްފަތާލު ތެރެއެވެ. އަހަރެން އޮތީ އައި.ވީ ގުޅައި އެނދުމަތި ކޮށްފައެވެ. އެއިރު އަހަރެންގެ ބޮލުގައި ކުޑަކޮށް ރިހެމުން ދިޔައެވެ.

"ދޮން. ކިހިނެއްތަ ހާލު؟" ޒައިނާ މަޑުމަޑުން ބުނެލިއެވެ. ޝިއުރާވެސް އަހަރެންގެ ކައިރިޔަށް ޖެހިލައި ބޮލުގައި ފިރުމާލިއެވެ. "ދޮން ރަނގަޅޭ. ކިހިނެއް ވެގެން މިއުޅެނީ؟ ކީއްވެ އެޑްމިޓްވާން ޖެހުނީ؟ ކޮބާ މަންމަ؟" އަހަރެންގެ ބޮލުގައި ފުނި ޖެހެމުން ދިޔަ ސުވާލުތައް އަހަރެން ބޭރުކުރަން ފެށީމެވެ. ޝިއުރާ އިހުނަށްވުރެން އަހަންނާ ކައިރިއަށް ޖެހިލިއެވެ.

"ޒީ. އަޔާޒު ނިޔާވެއްޖެ" ޝިއުރާ އެހެން ބުނުމާއެކު ރޯންފެށިއެވެ. ޒައިނާއަށްވެސް ރޮވުނެވެ. އަހަންނަކަށް ވާއެއް ނުވާއެއް ނޭނގެއެވެ. "ކާކޭ؟" ހަމަ އަސްލުވެސް އެއީ އަހަރެން ދަންނަ ނަމެއް ނޫނެވެ. އަހަރެންގެ އެ ސުވާލާއެކު ޒައިނާއާއި ޝިއުރާ ރުއިން ހުއްޓުނެވެ. އަދި އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

"ރޭގަ ވީ އެއްވެސް ކަމެއް ހަނދާން އެބަހުރިތަ؟" ޒައިނާ އަހައިލިއެވެ. އަހަރެން މަސައްކަތް ކުރީމެވެ. ހަނދާނަށް އެއްޗެއް އާދޭތޯއެވެ. "އާނ. އެހެންވެ އެއްނު މި އަހަނީ ކީއްވެހޭ އެޑްމިޓް ކޮށްފަ އަހަރެން މިއޮތީ؟ ކޮއްކޮއާ އެކީ އެއްނު ޕާޓީން ނުކުތީވެސް. އަހަންނަށް ކަމެއް ވީތަ؟" އަހަރެންގެ އަނގައިން ނުކުތް ކޮންމެ ބަހެއްވެސް އެ ދެމީހުންނަށް ވެސް ވީ ބީރައްޓެހި ބަސްތަކަކަށެވެ. އެ މީހުންގެ ބޮލުގައި ފުނި ޖެހިފައިވާ ސުވާލުތައް ކިތަންމެ ރަނގަޅަކަށްވެސް މޫނުމަތިން ހާމަވެއެވެ. އެކަމަކު މިހާރު އަހަންނަށްވެސް އޮޅެން ފަށައިފިއެވެ. އެ މީހުންގެ ހަނދާނުގައި ރޭގައި ވީކަމެއް ނެތީ ކީއްވެހެއްޔެވެ؟

އެވަގުތު އެ ވާޑުގެ ތެރެއަށް ފުލުހުން ވަދެގެން އައެވެ. އަހަރެން ހައްތަހާ ހާސްވާގޮތްވިއެވެ. ހިތުގެ ތެޅުންވެސް އަވަސް ވާން ފަށައިފިއެވެ. ބޮލުގައި ރިހެމުން ދިޔަ ރިހުންވެސް ވީ އިތުރެވެ. އަހަންނަށް ކުރެވިގެން މިއުޅެނީ ކޮންކަމެއް ހެއްޔެވެ؟ ވެގެން މިއުޅެނީ ކިހިނެއްހެއްޔެވެ؟

"ޒީޝާން ޒަރީރު ދެއްތޯ؟" އެތަނުގަ ހުރި ފުލުހުންގެ ތެރެއިން ފުލުހަކު އަހަންނާ މުޚާތަބުކޮށް އަހައިލިއެވެ. އެއިރު އަހަރެންގެ ނިތުން ދާތިކިތައް ފާޅުވާން ފަށައިފިއެވެ. ޖެހިލުންވެ ހުރެ އަހަރެން ބޯ ޖަހައިލީމެވެ.
"ކި..ކިހިނެއް ވެގެންތަ އަސްލު މިއުޅެނީ؟" އަހަންނަށް ވާހަކަ ދައްކަންވެސް އުނދަގޫވާ ގޮތްވިއެވެ. އަހަންނަށް ބަލައިލެވުނީ އަހަރެންގެ ކައިރީތިބި އަހަރެންގެ އެކުވެރިޔާއާއި އަހަރެންގެ ކޮއްކޮއަށެވެ.

"ރޭގަ ހިނގައިދިޔަ ހާދިސާގައި ޒީޝާންގެ ފިރިމީހާ؛ އަޔާޒު އަހުމަދު ވަނީ ނިޔާވެފަ. ޒީޝާން ހަނދާން އެބަހުރިތަ ރޭގަ ވީ އެއްވެސް ކަމެއް؟" އެ ފުލުސް އޮފިސަރު ވާހަކަ ދައްކަމުން ދިޔައީ މަޑުމައިތިރި ރާގެއްގައި ނަމަވެސް އެއިން ކޮންމެ ޖުމުލައެއް އަހަރެންގެ ކަންފަތައް އިވުނީ ޖެހި ހޮނު ގުގުރިއެއް ފަދައިދިންނެވެ. ބޮލުގައި އުފެދުނު ސުވާލުތައް އިހުނަށްވުރެ ގިނަވިއެވެ. އަހަރެން މީހަކާ ކައިވެނި ކުރީ ކޮންއިރަކު ހެއްޔެވެ؟ ރޭގައި ވީ ކިހިނެއް ހެއްޔެވެ؟
"އެކަމަކު އަހަރެންގެ... ރޭގަ... ރޭގަ ދިޔައީ ޕާޓީ-"
"އެއީ މާ ކުރީގަ ވީ ކަމެކޭ ޒީ. އެ ފަހުން... އެ ފަހުން ވަރަށް ބައިވަރު ކަންކަން ވެއްޖޭ. ޒީގެ މަންމަ ނިޔާވެ. ޒީ އަޔާޒާ ދިމާވެ، ކައިވެނިކޮށް... ޒީއަށް ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ... ޒީގެ ހަނދާނުގެ ބައެއް ވަނީ ގޮސްފަ. އަޅެ.. ރޭގަ ވީ އެއްވެސް ކަމެއް ހަނދާނުގަ އެބަހުރިތަ؟ ޒައިނާ ގެޔަށް ދިޔައިރު ވީކަމެއް ވެ ނިމިފަ އޮތީ." ވާހަކަދެއްކީ ޝިއުރާއެވެ.

އަހަރެންގެ ބޮލަށް ހައްތަހާ ބަރުވާގޮތްވިއެވެ. އެ އެންމެން އިންތިޒާރު ކުރަމުން އެ ދިޔައީ އަހަރެންގެ ޖަވާބަކަށެވެ. ނަމަވެސް ނެތް ހިތްވަރެއް ލައިގެން ނުވި ހަނދާނެއް އަހަރެން ކުރާނީ ކޮން ފަދައަކުން ހެއްޔެވެ؟ މިއީ އަހަންނަށް މިއަދު ހުރިގޮތް ހެއްޔެވެ؟ ދެން އަހަރެންގެ ޔާދާއި ހަނދާނުގެ ފޮތުގައި އެއްވެސް އިތުރު ސަފުޙާއެއް އަންނަން ނެތީ ހެއްޔެވެ؟ އަހަރެންގެ ދެލޮލުގައި އޮބަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ދިޔަ ހިނދު އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. އަދި ދެލޯ މަރާލީމެވެ. މީ ހުވަފެނެއް ކަމުގައި ވުމަށް އެދި ދުޢާކުރާ ހާލުއެވެ. މި ހިތި ހަޤީޤަތާއި ކުރިމަތިލާން ހިތް ނޭދޭ ހާލުއެވެ. އަދި ގެއްލިފައިވާ އަހަރެންގެ ހަނދާންތައް އަނބުރައި ހޯދަން ހިތް އެދޭ ހާލުއެވެ.

- ނިމުނީ -

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ިބްރާހީމް ވަޙީދު / ހއ.އިހަވަންދޫ /ނަލަހިޔާގެ އެވެ. ވާހަކަ ހުށައެޅީ މަރިޔަމް ނަހުޒާ / ބ.ދޮންފަނު ހެޕީކޮޓެޖް އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 06 ޟައްވާލް 1442 އެވެ.