ޚަބަރު

ފަލަސްޠީނުގެ ޒުވާނުން ނުކުމެ ޔަހޫދީ ދަޢުލަތް ލަދުގަންނުވާލައިފި


އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ފަލަސްޠީނުގެ ޒުވާނުން ނުކުމެ ޔަހޫދީ ދަޢުލަތް ލަދުގަންނުވާލައިފިއެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ބިންތަކުގައި ދިރިއުޅޭ ޢަރަބިން މެއި މަހުގެ 18ވަނަ އެއްވެސް މަސައްކަތަކަށް ނުނިކުމެ ހަލުތާލުކުރަންވަނީ ރާއްވައިފައެވެ. އެ ހަލުތާލުތަކުގައި އިސްރާއީލުގެ ބިންތަކުގައި ދިރިއުޅޭ ޢަރަބިންވެސް ބައިވެރިވެ، މުޅި ޔަހޫދީ ދަޢުލަތް ހުއްޓުމަކަށް ގެންނަން އޮތީ ރާވައިފައެވެ.

އެގޮތުން ރާވައިފައިވާ ގޮތަށް ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކާއި ބޮޑެތި އެއްވުންތައް ބޭއްވިއެވެ. އެ އެއްވުންތަކުގައި އެތައް ހާސް ބަޔަކު ނުކުމެ މަގުތައް ފުރާލައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލިއެވެ. ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނެސް ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް އެއްވުންތަކުގައި ގޮވާލާފައިވެއެވެ. ފަލަސްޠީނުގެ މުހިންމު ސަރަޙައްދުތައްކަމަށްވާ ރާމަﷲއާއި އަލްޚަލީލާއި ޤުދުސްގައި އެވުންތައްވަނީ ކުރިޔަށްގެންގޮސްފައެވެ. ނަމަވެސް އެއްވުންތައް ވަރުގަދަވުމާއެކު ފެނިގެން ދިޔައީ އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުގެ އަނިޔާވެރިކަން ދައްކުވައިގެން ފަލަސްޠީނުގެ ރައްޔިތުން މައިތިރިކުރެވޭތޯއެވެ. އެއާއެކު ފެށުނު ހަމަނުޖެހުންތަކުގައި ފަލަސްޠީނުގެ 100އަށްވުރެ ގިނަ މީހުން ޒަޚަމުވެ، ބައެއް މީހުން ޝަހީދުވިއެވެ.

އެއްވެސް ހަތިޔާރެއް ނެތް ފަލަސްޠީނުގެ ޒުވާނެއް ބަލިވެގެން ފިލަން ދުވާ އިސްތިޢުމާރީ ސިފައިންގެ ފަހަތުން ދުވަނީ / ފޮޓޯ: ސޯޝަލް މީޑިޔާ

އިސްރާއީލުގެ އަނިޔާވެރި ސިފައިންވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ބަޑިޖަހައި ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވުންތައް ރޫޅާލެވޭތޯ މަސައްކަތްކޮށްފައެވެ. އެގޮތުން އިސްރާއީލުގެ ސިފައިންވަނީ ޑުރޯން ބޭނުންކޮށްގެންވެސް ކަރުނަ ގޭސް ޖަހައިފައެވެ. ނަމަވެސް އިސްރާއީލުގެ ސިފައިންނަށް އެއްވުންތައް މައިތިރި ނުކުރެވި ފަލަސްޠީނުގެ ޒުވާނުންނާ ވަކިވަކިން ކުރިމަތިލާން ޖެހި ބަލިވެގެން ފިލައިގެންދާ މަންޒަރުތައް މުޅި ދުނިޔެއަށްވަނީ ފެނިފައެވެ. މީސްމީޑިޔާގައި ފެތުރުނީ އިސްރާއީލުގެ ޔަހޫދީ ސިފައިންނާ ދެކޮޅަށް ފަލަސްޠީނުގެ ހިތްވަރުގަދަ ޒުވާނުން އޮށްގަލުން ކުރިމަތިލައި ފައްސާލި މަންޒަރުތަކެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ބައެއް ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ޒުވާނުން ނުކުމެ އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންނަށްވަނީ ބަޑިންވެސް ޙަމަލާދީފައެވެ. އަދި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިސްތިޢުމާރީ ސިފައިން ބަލިވެން ފިލަން ދުވާ މަންޒަރާއީ ޒަޚަމުވެފައިވާ ޔަހޫދީ ސިފައިން ސަލާމަތްކުރުމަށް މަސައްކަތްކުރާ މަންޒަރުތައް ބައެއް ބައިނަލްއަޤްވާމީ ޓީވީ ޗެނަލުތަކުންވަނީ ވަގުތުން ދުރަށް ދައްކައިފައެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އިތުރުން ފާއިތުވި އެތަކެއް އަހަރެއްވަންދެން ރަށުބަންދުކޮށްފައިވާ ޣައްޒާއިގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ދަނީ ހުއްޓުމެއް ނެތި އިސްރާއީލަށް ރޮކެޓު ޙަމަލާތައް ދެމުންނެވެ. އިސްރާއީލުން ބޮޑު ޚަރަދެއްކޮށްގެން ޤާއިމުކޮށްފައިވާ ވައިގެ ދިފާޢީ ނިޒާމު ފޫއަޅުވާލައި އެތައް ރޮކެޓެއްވަނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ބިންތަކަށް އަމާޒުވެފައެވެ. އޭގެ އިތުރުން ޙަމާސުންވެސްވަނީ ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާތައް އަމާޒުވާތަން ދައްކުވައިދޭ ވީޑިޔޯތައް ޢާންމުކޮށްފައެވެ. ޙަމާސުންވަނީ ފާއިތުވި 7 ދުވަހުގެ ތެރޭގައި އިސްރާއީލަށް ނުދޭވަރުގެ ވަރުގަދަ ޙަމަލާތަކެއް މިއަދު ދީފައެވެ. އަދި އެ ޙަމަލާތަކުގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުގެ ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއްވެ، ބައެއް މީހުންވަނީ މަރުވެފައެވެ.

ފަލަސްޠީނުގެ ޒުވާނުންނާ ކުރިމަތިލުމަށްފަހު އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންގެ ބަޔަކު ބަލިވެގެން ފިލަނީ / ވީޑިޔޯ: ސޯޝަލް މީޑިޔާ

ޔަހޫދީ ދަޢުލަތުގައި ހިންގައި ބައެއް ނޫސްތަކުންވަނީ ފަލަސްޠީނާ ދެކޮޅަށް ހިންގައި ކުރިމަތިލުންތަކުގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކަށް ބޮޑު ނާކާމިޔާބެއް ލިބިފައިވާކަމަށާއި މިއީ ޙަމަލާތައް ހުއްޓާލައި ފަހަތަށް ޖެހެންޖެހޭ ވަގުތުކަމަށް ބުނެފައެވެ. ބައެއް ޔަހޫދީ އަސްކަރީ ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުންނާއި ޙަމާސް ޖަމާޢަތުގެ ފަރާތުން އެވަރުގެ ވަރުގަދަ ރައްދެއް އަތުވެދާނެކަމަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން އޮތީ ތައްޔާރަކަށް ނޫނެވެ. އޭގެ އިތުރުން އަހަރަކު 20 ބިލިޔަން ޚަރަދުކުރާ އަސްކަރިއްޔާއަކަށް ހަފުތާއަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އެކަށީގެންވާ ކާމިޔާބެއް ހޯދިފައިނުވުމާކަމަށްވެސް ތަޖުރިބާކާރުންވަނީ ފާހަގަކޮށްފައެވެ.

ފަލަސްޠީނުގެ ރައްޔިތުން ނުކުމެ ޔަހޫދީ ދަޢުލަތާ ކުރިމަތިލަމުންދަނީ ޞުލްޙަ ޤާއިމުކޮށް، ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ ޔަހޫދީ ފައުޖުތަކުގެ އަސްކަރީ ޙަރަކާތްތައް ނިންމާލާނީ ޙަމާސް ޖަމާޢަތް ނައްތާލުމަށްފަހުކަމަށެވެ. ނަމަވެސް އެއީ ވުމަށްވުރެ ނުވުން ކައިރިކަމެކެވެ.

ާއަލިިީ

ވަރަށް އުފާވެރި ޚަބަރެއް ވަރަށް ގަޔާވެގެން ކީ ނަމަވެސް ޚަބަރުގެ ނިމޭ ކޮޅުމަތީ ހަރުކަށި ނަތަންޔާހު އަށް މާތްކޮށް މުޚާތަބް ކޮށްފަ އޮތުމުން ހޮޑުލަވައި ގަނެއްޖެ