ޚަބަރު

ރައީސްގެ ތަސައްވަރުގައި ކުލަޖައްސަވާ، ބާރުވެރި ފުދުންތެރި ކައުންސިލްތަކެއް


އިއްޔެއަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފެވިގެންދާނެ ދުވަހަކެވެ. ޒަމާނުންސުރެ މައި ސަރުކާރުގައި އޮތް ބާރުތައް އޭގެ ހައްގުވެރިންނަށް ލިބި އަމިއްލަ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ބަސްބުނުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބި އެ މަސައްކަތް ފެށިގެން ދިޔަ ދުވަހެވެ.

ލާމަރުކަޒީގެ ނިޒާމުގެ ވާހަކަތައް ދެކެވޭތާއި މިވަނީ އެތައް ޒަމާނެއްވެފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް މި ނަން އޮތީ ވަކި ބޭނުމެއްގައި ވާހަކަދައްކާލަން ބޭނުންކުރާ މައުޟޫއަކަށް ވެފައެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަދުވަހު ދިވެހިރާއްޖޭގެ ވެރިކަމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަވާލުވެވަޑައިގަތުމާއި ހަމައަށް ލާމަރުކަޒީ ނިޒާމު އޮތީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއި އިޚްތިޔާރެއް ނެތި، މުޅިން ގަޑުބަޑުވެފައި އޮތް ނިޒާމެއްގެ ގޮތުގައެވެ. ކައުންސިލްތަކުން މުޅިހެންވެސް ބަރޯސާވަމުން ދިޔައީ ވެރިރަށް މާލޭގައި އޮތް މަރުކަޒީ ސަރުކާރަށެވެ.

ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފުރަތަމަ ފެއްޓެވި އަދި އެންމެ މުހިއްމު މަސައްކަތްޕުޅަކަށްވެސްވީ މިބާރުތައް އޭގެ ޙައްގުވެރިންނަށް ދޫކޮށްލެވުމެވެ. އެމަނިކުފާނުގެ ބޭނުންފުޅަކަށްވީ މަރުކަޒީ ބަންދުން ކައުންސިލްތައް ދޫކޮށްލެވުމެވެ. ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމުގަ އާއި ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުވުމެވެ. މި މަސައްކަތްޕުޅު ފައްޓަވާ ޖެހިގެން އައި އިންތިޚާބަށްވެސް އެމަނިކުފާނު ރައްޔިތުން ގޮވައިގެން ނުކުންނެވީ އެމަނިކުފާނުގެ ތަސައްވަރުގައި ގެންގުޅުއްވި ޚިޔާލުތަކާއި އެއްގޮތަށް ޤާނޫނަން ބޮޑެތި ބަދަލުތައް ގެންނެވުމަށްފަހުއެވެ.

މި ބަދަލާއި އެކު 2021 ވަނަ އަހަރުގެ މޭމަހުގެ 17 ވަނަދުވަސް މިވަނީ ރާއްޖޭގެ ތާރީޚުގައި ރަންއަކުރުން ލިޔެވި ކަނޑާނެގުނު ދުވަހަކަށެވެ. ސަބަބަބީ މީ ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށުނު ދުވަހެވެ. މި ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނިފައި އޮތް މިންވަރު އަންގައިދޭ ރައްޔިތުން ބޭނުންވި ގޮތަށް ކަންކަން ހިންގުމަށް އަލަށް އިންތިޚާބުކުރި ކައުންސިލަރުން މަޤާމުގެ ހުވާކުރައްވާ އެ މަސައްކަތް ފެށި ދުވަހެވެ.

ކައުންސިލްތަކަށް ފުރިހަމަ ބާރު ހޯއްދަވާދެއްވާ ރައްޔިތުންނަށް ބޭނުންވާ ބާރުތައް ދީ ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވާވަރު އެންމެ ބޮޑަށް އެނގިގެން ދިޔައީ ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން އިޤްރާރުވުމުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ޚިތާބުންނެވެ. އެމަނިކުފާނުގެ އެދިވަޑައިގަތީވެސް އިލްތިމާސްކުރެއްވެވީވެސް ހަމަ އެންމެކަމަކަށެވެ. ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގެނައި މިބަދަލުތަކާ އެކު ލިޔަން ފެށި ރަން ޞަފްޙާގެ ދެލިގަނޑު ފޭދުނަ ނުދީ، ކުލަގަދަ އަކުރަކުން ލިޔުއްވަމުން ގެންދެވުމަށެވެ. ޙަޤީޤީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެރިކުރުވަން އެމަނިކުފާނު ފެއްޓެވި މަސައްކަތް ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކުރިޔަށް ގެންގޮސްދެއްވުމަށް އެދި ކުރެއްވި އިލްތިމާސްއެވެ. މި ނިޒާމުން މިހާތަނަށް ނުލިބި އޮތް ފޮނި މީރުކަން ރައްޔިތުންނަށް ހޯއްދަވާދެއްވުމެވެ.

" ރައްޔިތުންގެ ލާބަޔާއި މަޞްލަޙަތަށް އިސްކަން ދެއްވައިގެން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްގޮތަށް، ތަރައްޤީގެ ޕްލޭންތައް ތައްޔާރުކުރައްވައި، އެ ޕްލޭނާ އެއްގޮތަށް ރަށްރަށާއި ސިޓީތައް ތަރައްޤީ ކުރެއްވުމަށް، ތިޔަ ހުރިހާ ކައުންސިލަރުންވެސް، ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި، އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް، މިހާރު އެހުރީ ކައުންސިލްތަކާ ޙަވާލުކުރެވިފައި. ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ޤާނޫނީ ބާރު ދީ، ރަށްރަށުގެ އިޚްތިޞާޞް މިހާރު އެހުރީ ކަނޑައަޅައިފި. ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ޙަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ޤައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ، ތިޔަބޭފުޅުންނާ ޙަވާލުކުރެވޭ، ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްޤީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

އައު ކައުންސަލުރުން ހުވާކުރައްވާ މަސައްކަތް ފެށުމުގެ ކުރިންވެސް މި ނިޒާމު ހިންގުމަށް ބޭނުންވާ ތަރައްޤީގެ ބައެއް މަޝްރޫއުތައް ރައީސް އިސްނެގެވުމާއި އެކު ވަނީ ފަށާފައެވެ. ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގެ މަސައްކަތް ފައްޓާވާ 5 ސަރަހަދެއްގައި ޒަމާނީ ފެންވަރަށް މިވަނީ ހިދުމަތް ދިނުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ފެންނަން އޮތް ނަމްބަރަކީ ކޯވިޑްގެ ހާލު ބޮޑުވެ މާލެ ފުރަބަންދުކުރުމުން މާލެ އައުމުގައި ބަދަލުގައި މިތަންތަނުން ރައްޔިތުން ހިދުމަތް ހޯދަމުން އަންނަކަމެވެ. 2020 ވަނަ އަހަރު ކޯވިޑްގެ ތެރޭގައި މި 5 ހޮސްޕިޓަލުގެ އޯޕީޑީޏް އެކަނިވެސް ޖުމްލަ 392،533 މީހުން ބަލާ ފަރުވާދީފައިވެއެވެ. އަދި މިވަގުތު ޕީއެސްއައިޕީގެ ދަށުން ތަރައްޤީގެ 1169 މަޝްރޫޢު ކުރިއަށް ދާއިރު، އޭގެ ތެރެއިން 1153 މަޝްރޫޢު ހިނގަމުންދަނީ އަތޮޅުތެރޭގައެވެ.

ކޮންމެއަކަސް ލާމަރުކަޒީގެ ނަމުގައި މިހާތަނަށް ހިފެހެއްޓިފައިވާ ހުރިހާ ބާރެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިވަނީ ދޫކޮށްލައްވާފައެވެ. ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ ނިންމުންތައް ތަންފީޛުކުރުމުގެ އިޚްތިޔާރު މިވަނީ ދެއްވާފައެވެ. އަމިއްލަ ބަޖެޓާއި، މާލީ މުޢާމަލާތުން އާމްދަނީ އުފެއްދޭނެ ފުރުޞަތު ކައުންސިލްތަކަށް މިވަނީ ހުޅުވާލަދެއްވާފައެވެ. ރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، މައި ސަރުކާރުގެ ވަޒީރެއްގެ ހުއްދަޔާ އެކުގައި ނޫނީ ނުކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެންނަވާ ނިޒާމުގެ ފޮނިކަން ރައްޔިތުންނަށް ލިބިދެވޭނެ މަގު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިވަނީ ކޮށްޓަވާދެއްވާފައެވެ.