ޚަބަރު

ޙަމަލާ ބަދަލުކުރުން ހުއްޓައިލަން ތާޢީދުކުރާކަމަށް ބައިޑަން ވިދާޅުވެއްޖެ


އިސްރާއީލާއި ފަލަސްޠީނާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓައިލުމަށް އެމެރިކާއިން ތާއީދުކުރާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ދަންނަވައިފިއެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރާ ފޯނުން ގުޅުއްވައި ބައިޑަން ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެމެރިކާއިން ތާއީދުކުރާކަމަށާއި އެކަމަށް މަސައްކަތްކުރަމުންދާ މިޞްރުފަދަ އެހެން ޤައުމުތަކާއެކު މަޝްވަރާކޮށްފައިވާކަމަށެވެ. ބައިޑަންގެ ވާހަކަފުޅުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް އެދިވަޑައިގެންފައެއް ނުވެއެވެ. ގިނަ ޤައުމުތަކުން އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ކުށްވެރި ކުރި ނަމަވެސް އެމެރިކާއިންވަނީ އިސްރާއީލުގެ ޢަމަލުތައް ދިފާޢުކޮށްފައެވެ. މީގެ ކުރިން ބައިޑަންވަނީ އިސްރާޢީލުގެ ދިފާޢަށާއި ސަލާމަތަށް ކުރަންޖެހުނު ކޮންމެ ކަމެއް އެ ޤައުމުން ކުރަންޖެހޭނެކަމަށާއި އެއީ އެ ޤައުމަށް ލިބިފައިވާ ޙައްޤެއްކަމަށް ވިދާޅުވެފައެވެ.

އިސްރާއީލާ އެމެރިކާގެ އިސްވެރިން ވާހަކަދެއްކެވުމުގެ ކުޑަ އިރުކޮޅެއް ކުރިން އިސްރާއީލުންވަނީ ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒުކޮށްފައިވާ އިމާރާތްތަކުގެ ތެރޭގައި ޣައްޒާގެ ޞިއްޙީ މަރުކަޒުތަކާއި އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާ ހުންނަ އިމާރާތް ހިމެނެއެވެ. އަދި ޣައްޒާގައި ހުރި ކޯވިޑް-19އަށް ތަހުލީލުކުރެވޭ ހަމައެކަނި މަރުކަޒުވެސް ޙަމަލާތަކުގައިވަނީ ބިމާހަމަވެފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި 200އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ޣައްޒާގައި ޝަހީދުވި 60އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ 7،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.