ޚަބަރު

އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށް، ނަންބަރުތަކުން އަސްލު ޙާލަތު ދައްކުވައެއް ނުދޭ


އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަށަށްގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ މީހުން ދިރިއުޅޭ އިންޑިޔާގައި މިހާތަނަށް 25.2 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 278،751 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 263،045 މީހުންނަށް ބަލިޖެހި 4،340 މީހުންވަނީ މަރުވެފައެވެ. އެއީ އޭޕްރިލް މަހުގެ 21ވަނަ ދުވަހުގެ ފަހުން އިންޑިޔާގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 300،000އަށްވުރެ ދަށަށްދިޔަ ފުރަތަމަ ފަހަރެވެ.

އިންޑިޔާގައި ބަލިޖެހިފައިވާ މީހުންނާއި މަރުވާ މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. އެ ޤައުމުގެ ރަށްފުށު ސަރަޙައްދުތަކުގައި ވަރަށް ހަލުވިކަމާއެކު ބަލިފެތުރުނު ނަމަވެސް އެ ސަރަޙައްދުތަކުގައި ބައްޔަށް ތަޙްލީލުކުރާ މިންވަރު ވަރަށް މަދުކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. އެންމެ ފަހުގެ ނަންބަރުތަކުން ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު ދަށްވެފައިވީ ނަމަވެސް އެ ޤައުމުގައި ބަލިފެތުރޭ މިންވަރު އަދިވެސް އެންމެ މައްޗަށް ގޮސްފައިވާކަމަށް ނުބެލެވޭކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. އެހެންކަމުން އެ ޤައުމުގެ ޙާލަތު ރަނގަޅުވަމުންދާކަމަށް ނުބެލެވޭނެކަމަށްވެސް މާހިރުން ބުނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗުއޯގެ އެންމެ އިސް ސައިންސްވެރިޔާ ސޯމުޔާ ސްވާމިނަތަން ވިދާޅުވީ އިންޑިޔާގެ ވަރަށް ގިނަ ސަރަޙައްދުތަކުގައި ބަލިފެތުރޭ މިންވަރު އަދިވެސް އެންމެ މައްޗަށް ގޮސްފައިނުވާކަމަށެވެ. އެ ޤައުމުގައި ބައްޔަށް ތަޙްލީލުކުރާ މީހުންގެ 20 އިންސައްތައަށް އަދިވެސް ބަލިޖެހޭކަމަށާއި އެއީ ކުރިއަށް އޮތްތަނުގައި އިންޑިޔާގެ ޙާލަތު ގޯސްވާނެކަމުގެ ނިޝާނެއްކަމަށް އޭނާވަނީ ވިދާޅުވެފައެވެ. ބަލިޖެހޭ މީހުން އަދި މަރުވާ މީހުންގެ ރަސްމީ ޢަދަދުތަކުން ޤައުމުގެ ޙާލަތާގުޅޭ ފުރިހަމަ މަންޒަރެއް ދައްކުވައިދޭނީ ތަޙްލީލުކުރާ މިންވަރާއި އޭގެ ތެރެއިން ބަލިޖެހޭ މީހުންގެ ނިޞްބަތަށް ބެލުމުންކަމަށް އޭނާ ވިދާޅުވިއެވެ.