ޚަބަރު

ދުބާއީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފި


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޔޫއޭއީގެ ދުބާއީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަނެއްކާވެސް ލުއިތަކެއް ދީފިއެވެ.

ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަމަށްވާ ދުބާއީން ދިން ލުއިތަކުގެ ދަށުން ހޮޓާތަކުގެ ފުރިހަމަ ޖާގައަށް ވާވަރަށް އެ ތަންތަނުގައި މީހުން ބޭތިއްބޭނެއެވެ. އަދި ކޮންސެޓުތަކާއި ކުޅިވަރު ޙަރަކާތްތަކުގައި ބައިވެރިވާ އެންމެންނާއި އެ ޙަރަކާތްތައް ބެލުމަށް ހާޒިރުވާ މީހުންނަކީ ކޯވިޑް-19ގެ ވެކްސިން ޖަހާފައިވާ މީހުންކަމަށްވާނަމަ އެފަދަ ޙަރަކާތްތައްވެސް ހުރަހަކާ ނުލައި ބޭއްވުމުގެ ޙުއްދަވަނީ ދީފައެވެ. ނަމަވެސް އެތެރޭގެ މާޙައުލުތަކުގައި ބާއްވައި ޙަރަކާތްތަކުގައި ބައިވެރިވެވޭނީ ގިނަވެގެން 1،500 މީހުންނަށެވެ. އަދި ބޭރުގެ މާޙައުލުތަކުގައި ބާއްވައި ޙަރަކާތްތަކުގައި 2،500 މީހުންނަށް ބައިވެރިވެވޭނެއެވެ.

ދުބާއީގައި ކައިވެނި ހަފުލާތައް ބޭއްވުމުގެ ޙުއްދަވެސްވަނީ ދީފައެވެ. އެގޮތުން ގޭގޭގައި ބާއްވައި ހަފުލާތަކުގައި ގިނަވެގެން ބައިވެރިވެވޭނީ 30 މީހުންނަށެވެ. އަދި އެހެން މައިދާންތަކުގައި ބާއްވާ ކައިވެނި ހަފުލާތަކުގައި ބައިވެރިވެވޭނީ ގިނަވެގެން 100 މީހުންނަށެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި ކެފޭތަކާއި މުނިފޫހިފިލުވުމުގެ މަރުކަޒުތަކަށް އެއްފަހަރާ ހާޒިރުވެވޭނެ މީހުންގެ ޢަދަދުވެސްވަނީ އިތުރުކޮށްފައެވެ.

ދުބާއީގެ ސަރުކާރުން ބުނީ އެކިކަހަލަ ހަފުލާތަކާއި ކުޅިވަރު ޙަރަކާތްތައް ބޭއްވުމުގެ ޙުއްދަ ދިން ނަމަވެސް އެ ތަންތަނަށް ހާޒިރުވާ މީހުން އަދިވެސް މާސްކު އަޅަންޖެހޭނެކަމަށެވެ. އަދި ކޮންމެ 2 މީހެއްގެ ދޭތެރޭ މަދުވެގެން 2 މީޓަރުގެ ދުރުމިނެއް ބަހައްޓައި އިޖުތިމާޢީ ގައިދުރުކަން ފަރިތަކުރަން ޖެހޭނެކަމަށެވެ.

ފާއިތުވި ހަފުތާތަކުގައި ޔޫއޭއީންވަނީ އިންޑިޔާއާއި ބަންގްލަދޭޝާއި ޕާކިސްތާނާއި ނޭޕާލާއި ސްރީ ލަންކާއިން އެ ޤައުމަށް ދަތުރުނުކުރެވޭނެކަމަށް ނިންމައިފައެވެ. ޔޫއޭއީން އެގޮތަށް ނިންމީ އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ވައްތަރު އެ ޤައުމުގައި ފެތުރުނަ ނުދިނުމަށެވެ.