ޚަބަރު

އެމެރިކާއިން އިސްރާއީލަށް 735 މިލިއަން ޑޮލަރުގެ ހަތިޔާރު


ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންމުންދާ ދަނޑިވަޅެއްގައި އެ ޤައުމަށް އެތައް މިލިޔަން ޑޮލަރެއްގެ އަގުހުރި ހަތިޔާރު ވިއްކަން އެމެރިކާގެ ސަރުކާރުން ނިންމުމުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން ނުރުހުންފައުޅުކޮށްފިއެވެ.

އިސްރާއީލާ ގާތްގުޅުމެއް ބާއްވައި އެ ޤައުމުން ހިންގަމުންދާ ޖަރީމާތައް އެންމެ ބޮޑަށް ފާޅުގައި ދިފާޢުކުރާ އެމެރިކާއިންވަނީ އިސްރާއީލަށް 735 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ޒަމާނީ ހަތިޔާރު ނިންމިކަން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް އަންގައިފައެވެ. އެމެރިކާގެ ޤާނޫނު ބުނާގޮތުން އެ ޤައުމުގެ ސަރުކާރުން އެހެން ޤައުމަކަށް ހަތިޔާރު ވިއްކާނަމަ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް އަންގަން ޖެހެއެވެ. އެގޮތުން އެމެރިކާގެ ސަރުކާރުންވަނީ ހަތިޔާރު ވިއްކަން ނިންމިކަމުގެ ތަފްޞީލުތައް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް މި މަހުގެ 5ވަނަ ދުވަހު އަންގައިފައެވެ. އެކަން ހިނގައިފައިވަނީ އިސްރާއީލުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޤުދުސާއި މަސްޖިދުލް އަޤްޞާގައި މުސްލިމުންނާ ދެކޮޅަށް ޢުދުވާންތަކެއް ހިންގަމުންދަނިކޮށެވެ. ނަމަވެސް އޭރު އަދި ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި އެ ޤައުމުގެ މުޖާހިދުން އިސްރާއީލަށް ރޮކެޓު ޙަމަލާތަކެއް ދޭކަށް ނުފަށައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމެރިކާގެ ސަރުކާރުން އިސްރާއީލަށް ވިއްކަން ނިންމި ހަތިޔާރުތަކުގެ ތެރޭގައި ޒަމާނީ މިސައިލުގެ ނިޒާމުތައް ހިމެނެއެވެ. ބެލެވޭ ގޮތުގައި އެމެރިކާގެ ސަރުކާރުގެ ނިންމުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވާނެއެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރެވޭނެކަމަކަށް ނުބެލެވެއެވެ. ޒަމާނީ ހަތިޔާރު ވިއްކުމުގެ އިތުރުން އަހަރެއްގެ މައްޗަށް އެމެރިކާއިން އިސްރާއީލަށް 3.8 ބިލިޔަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެއެވެ. އޭގެ ތެރެއިން ބޮޑު ބައެއް އިސްރާއީލުން ޚަރަދުކުރަނީ އަސްކަރިއްޔާ ވަރުގަދަކުރުމަށެވެ.

ފާއިތުވި 7 ދުވަހުގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ހިންގި ލާއިންސާނީ ބޮޑެތި ޖަރީމާތަކުގައި 7،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އަދި ފަލަސްޠީނުގެ ޣައްޒާގައި އެކަނި 200އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.