ޚަބަރު

ދެއަހަރުގެތެެރޭގައި ފެންނަނީ ކާމިޔާބީއާއި އުފާވެރިކަން- މައުމޫން


ރައީސް ޔާމީންގެ ސަރުކާރަށް 2 އަހަރު ފުރިގެންދާއިރު ރާއްޖޭގެ ކޮންމެ ރޮނގަކުންވެސް، އަދި ބަލާލި ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ އުފާވެރި މަންޒަރުތައްކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވި ޚާއްސަ ބަޔާނެއްގައި ވިދާޅުވެފައިވަނީ ބަލާލި ކޮންމެ ދިމާއަކުން ފެންނަ އުފާވެރި މަންޒަރުތަކަކީ އެކި ދާއިރާތަކުން ތަރައްޤީ ހާސިލް ކުރަމުންގެންދަވާ މަންޒަރުކަމަށެވެ.މީގެ ދެއަހަރު ކުރިން ކާމިޔާބު ރިޔާސީ ކެންޕެއިނަކަށްފަހު ރައީސް ޔަމީން ވެރިކަމަށް ވަޑައިގެންފައިވަނީ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯ ތަންފީޒު ކުރެއްވުމަށް ކަމަށާއި، އެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެމަނިކުފާނުވަނީ ތައުރީފު ކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. ޚާއްސަ ގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަށަވަރު ކުރެއްވުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ތައުރީފް ކުރައްވާ، އެމަސައްކަތްތަކުގައި ސަރުކާރުން ކާމިޔާބު ޙާސިލްކުރަމުންދާކަމަށް ރައީސް މައުމޫން ނެރުއްވި ބަޔާނުގައިވެއެވެ.އަދި ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރައްވާ  ކޮންމެ މަސައްކަތްޕުޅަކަށް ޕީޕީއެމާއި ޚުދު އެމަނިކުފާނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ދެއްވާނެކަމަށް ރައީސް މައުމޫން ވިދާޅުވާ ވިދާޅުވުން މިބަޔާނުގައި ތަކުރާރުކުރައްވާފައިވެއެވެ.