ޚަބަރު

ސިޑިބަރިއެއް ވެއްޓި 2 ޔަހޫދީން މަރުވެ، 150އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެ


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ޔަހޫދީންގެ ދީނީ މަރުކަޒެއްގައި ހިނގި ޙާދިޘާއެއްގައި 2 މީހުން މަރުވެއްޖެއެވެ. ޔަހޫދީންގެ ދީނީ މަރުކަޒެއްގައި ހުރި އުސް ސިޑިބަރިއެއް ވެއްޓި ހިނގި ޙާދިޘާގައި 150އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ ތެރެއިން ބައެއް ޙާލު ވަރަށް ގޯސްހެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ޙާދިޘާ ހިނގި ދީނީ މަރުކަޒަކީ މުޅިން ބިނާކޮށް ނިންމާފައިވާ ތަނެއް ނޫނެވެ. އެ މަރުކަޒު ބޭނުންކުރުމުގެ ޙުއްދަވެސް އިސްރާއީލިގެ ސަރުކާރުން ދީފައެއް ނުވެއެވެ. އަދި އެ މަރުކަޒު ބޭނުންކުރުން ރައްކާތެރި ނޫންކަމަށާއި އެ މަރުކަޒު ބޭނުންނުކުރުމަށްވެސްވަނީ އަންގައިފައެވެ. ނަމަވެސް މެއި މަހުގެ 16ވަނަ ދުވަހު އެތައް ސަތޭކަ ބަޔަކުވަނީ މެ މަރުކަޒުގައި ބޭއްވި ޔަހޫދީން އަޅުކަމުގެ ޙަރަކާތެއްގައި ބައިވެރިވެފައެވެ.

ޔަހޫދީންގެ ދީނީ މަރުކަޒުގައި ސިޑިބަރި ވެއްޓޭ މަންޒަރު / ވީޑިޔޯ: ނިޔު ޕުރެސް

ޔަހޫދީންގެ ދީނީ މަރުކަޒެއްގައި ނުރައްކާތެރި ޙާދިޘާއެއް ހިނގައިފައިވަނީ އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ، އަދި ރައްދުގައި ހުޅަނގު އައްސޭރިގައާއި ޣައްޒާގައި އިސްރާއީލުގެ ޢުދުވާނީ ފައުޖުތަކާ ދެކޮޅަށް ފަލަސްޠީނުގެ މުޖާހިދުން ދަނީ ޙަމަލާދެމުންނެވެ. އެގޮތުން ޔަހޫދީންގެ ދީނީ މަރުކަޒު ހުންނަ ހުޅަނގު އައްސޭރިގައިވެސް ޙަމަލާތައް ދަނީ ބަދަލުކުރަމުންނެވެ. އެ ޙަމަލާތަކުގައި ފަލަސްޠީނުގެ 13 މީހުން ޝަހީދުވެ، 4،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. ނަމަވެސް އެ ކުރިމަތިލުންތަކާ ޔަހޫދީންގެ ދީނީ މަރުކަޒުގައި ހިނގި ޙާދިޘާއާ ގުޅުމެއް އޮތްކަމަކަށް ނުބެލެވެއެވެ.

އޭޕްރިލް މަހުގެ 20ވަނަ ދުވަހުވެސް ޔަހޫދީންގެ ދީނީ ޙަރަކާތެއްގައި ނުރައްކާތެރި ޙާދިޘާއެއް ހިނގައިފައިވެއެވެ. އެގޮތުން 100،000 މީހުން ބައިވެރި އެ ޙަރަކާތުގައި ފިތި ބާރުވެގެން ކުރިމަތިވި ނުރައްކާތެރި ޙާދިޘާއެއްގައި 45 ޔަހޫދީން މަރުވިއެވެ.