ޚަބަރު

ފަލަސްޠީނުގެ ފާޑުކިޔުން އިސްރާއީލާ ގުޅުންބަދަހިކޮށްފައިވާ ޢަރަބި ޤައުމުތަކަށް


އިސްރާއީލާ ގުޅުންބަދަހިކޮށްފައިވާ ޢަރަބި ޤައުމުތަކަށް ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާޟް އަލްމާލިކީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުގެ އެހީތެރިކަމާއެކު ޢަރަބި ގިނަ ޤައުމުތަކަކުންވަނީ ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރުކޮށްފައިވާ އިސްރާއީލާއެކު ގުޅުންބަދަހިކޮށްފައެވެ. އަބްރަހަމު އެކޯޑުގެ ދަށުން އިސްރާއީލާއެކު ގުޅުން ބަދަހިކުރި ޢަރަބި ޤައުމުތަކުގެ ތެރޭގައި މިޞްރާއި ޔޫއޭއީއާއި ބަޙްރައިނާއި މަޣްރިބާއި އުރުދުންނާއި ސޫދާން ހިމެނެއެވެ. އިސްރާއީލާއެކު ޚާރިޖީ ގުޅުން ބަދަހިކުރުމުގެ އިތުރުން ސަލާމަތީ ދާއިރާއިންނާއި ޖާސޫސީ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް އެ ޤައުމުތަކުން އެއްބަސްވިއެވެ.

ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގައި ލާއިންސާނީ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯއޮޕަރޭޝަން، އޯއައިސީންވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރުކޮށްފައިވަނިކޮށް އެ މައްސަލައަށް ޙައްލެއް ނުހޯދައި އިސްރާއީލާއެކު ޢަރަބި ޤައުމުތަކުން ގުޅުންބަދަހިކުރުމަކީ އިސްރާއީލުގެ ލާއިންސާނީ ޢަމަލުތަކުގައި އެ ޤައުމުތަކުން ބައިވެރިވުންކަމަށެވެ. ފަލަސްޠީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެންނަންޖެހޭކަމަށާއި އިސްރާއީލާއެކު ޢަރަބި ޤައުމުތަކުން ގުޅުންބަދަހިކުރި ނަމަވެސް ފަލަސްޠީނުގެ މައްސަލައިގައި ޢާންމު ޢަރަބިންގެ ހިތުގައި އޮތް ޝުޢޫރުތަކަށް ބަދަލުތަކެއް އައިސްފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި 190އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 50އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި 1،200އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ދިން ޙަމަލާތަކުގައި 13 މީހުން ޝަހީދުވެ، 4،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. ރައްދުގައި ފަލަސްޠީނުގެ މިޖާހިދުން ދެމުންދާ ޙަމަލާތަކުގައި އިސްރާއީލުގެ 10 މީހުންވަނީ މަރުވެފައެވެ.

އިސްރާއީލާއެކު ގުޅުންބަދަހިކުރި ޔޫއޭއީގެ ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ސްޓޭޓު މިނިސްޓަރު ރީމު އަލްހާޝިމީވަނީ އޯއައިސީގެ ބައްދަލުވުމުގައި ވާހަކަދައްކަވައިފައެވެ. އޭނާގެ ވާހަކަފުޅުގައި އެ ޤައުމަށް އަމާޒުވަމުންދާ ފާޑިކިޔުމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި ފަލަސްޠީނުގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އޭނާ ގޮވައިލެއްވި ނަމަވެސް ފަލަސްޠީނަށް ކުރިމަތިވަމުންދާ ޙަމަލާތަކާ ގުޅިގެން އިސްރާއީލު ކުށްވެރިކޮށްފައެއް ނުވެއެވެ.