މުނިފޫހިފިލުވުން

ދިޕިކާގެ ކޮއްކޮއެއްގެ ރޯލުން އަނަންނިޔާ


"އޭކް މޭ އޯރް އޭކް ތޫ" ގެ ޑައިރެކްޓަރ ޝަކުން ބަތްރާ ދެން އެންމެ އަވަހަށް ޑައިރެކްޓް ކުރާ ފިލްމުގެ ލީޑް ރޯލުން ބޮލީވުޑްގެ ތަރި ދިޕިކާ ޕަޑްކޯން ފެނިގެންދާއިރު އަނަންނިޔާ ޕާންޑޭ ފެނިގެންދާނީ ދީޕިކާގެ ކޮއްކޮގެ ރޯލުންކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހިންދީ ފިލްމުތަކުން އާންމުކޮށް ނުފެންނަ ވައްތަރުގެ ވާހަކައަކަށް ބިނާކޮށް ހަދާ މި ފިލްމުން ދީޕިކާ އަދި އަނަންނިޔާގެ އިތުރުން ދެން ފެނިގެންދާނީ ފިލްމު "ގަލީ ބޯއީ" ގައި ރެޕް މިޔުޒިކް ކުޅޭ މީހެއްގެ ރޯލުން ފެނިގެންދިޔަ ސިދާންތް ޗަތުރުވެދީ އަދި "ޔުރީ:ދަ ސާރޖިކަލް ސްޓްރައިކް" ގެ ތަރި ދަރިޔާ ކަރްވާ އެވެ. ދަރިޔާ އަކީ ފިލްމު "83" ގައި ދީޕިއާއެކުވެސް ފެނިގެންދާނެ ތަރިއެކެވެ.

ނަމެއް އަދި ދެވިފައިނުވާ މި ފިލްމުގައި ދީޕިކާ ފެނިގެންދާނީ ފިޓްނެސް އިންސްޓްރަކްޓަރެއްގެ ރޯލުންނެވެ. މިފިލްމުގެ ވާހަކަ ސްމިތް ރޯއި ލިޔެފައިވާއިރު ފިލްމުގައި އެކުލެވިގެންވާ އަސަރުތައް ވަރަށް ރަގަޅަށް ގެނެސްދެވޭނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ސިދާންތު ލީޑް ރޯލެއް އަލަށް ކުޅޭ މި ފިލްމުގައި މަސައްކަތް ކުރަނީ ރަގަޅު ކާސްޓެއްކަމާއި ބެލުންތެރިން މިހާރު ތިބީ ފިލްމުގެ އިންތިޒާރުގައިކަމަށް ހަބަރުތައް ބުނެއެވެ. ދިޕިކާގެ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކުގެ ތެރޭގައި ކަބީރް ޚާން ޑައިރެކްޓް ކުރާ ސްޕޯރޓްސް ޑްރާމާ ފިލްމު '83' ، ސިދާތް އާނަންދް ޑައިރެކްޓް ކޮށް ޝާހް ރުކްޚާން ލީޑުން ފެނިގެންދާ ފިލްމު 'ޕަތަންގް' އަދި އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޝަން ތްރިލަރ ފިލްމު 'ފައިޓަރ' ހިމެނެއެވެ.