ޚަބަރު

ފުރިހަމަ ބާރާއެކު ޣައްޒާއަށް ޙަމަލާދެމުންދާނަން: ނަތަންޔާހޫ


ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ނުހުއްޓާނެކަމަށް އިސްރާއީލުގެ ޙައްދުފަހަނައަޅައިފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލަމުންދާ ދަނޑިވަޅެއްގައި ޓީވީ މެދުވެރިކޮށް ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާގެ ފުރިހަމަ ބާރާއެކު ވަރުގަދަ ޙަމަލާތަކެއް ދެމުންދާނެކަމަށާއި ކުރިމަތިލުންތައް ނިމެން އަދި ދުވަސްކޮޅެއްވާނެކަމަށެވެ. އެގޮތުން ޙަމަލާތައް ހުއްޓާލާނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތް އެއްކޮށް ބަލިކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ބިމާހަމަވެފައި އިމާރާތެއްގެ ދަށުން ކުޑަކުއްޖަކު ސަލާމަތްކުރަނީ / ވީޑިޔޯ: ކިޔުއެންއެން

ފަލަސްޠީނާ އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. އެގޮތުން މިދިޔަ ރަމަޟާން މަހުގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި އެތައް ސަތޭކަ ބަޔަކުވަނީ ޒަޚަމުވެފައެވެ. އެ ހަމަނުޖެހުންތައް ހިނގާފައިވަނީ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުން ބޭރުކުރުމާމެދު އިސްރާއީލުގެ ސުޕުރީމު ކޯޓުން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ފަސްކޮށްފައިވަނިކޮށެވެ. އަދި އިރުމަތީ ޤުދުސްގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަނުދިނުމުން ޣައްޒާގައި ޙަރަކާތްތެރިވާ ޙަމާސް ޖަމާޢަތުންވަނީ ޔަހޫދީ އާބާދީތަކަށް އެތައް ހާސް ރޮކެޓު ޙަމަލާއެއް ދީފައެވެ.

ރައްދުގައި އިސްރާއީލުން ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ޣައްޒާއަށް އުސްރާއީލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި 200އެއްހާ މީހުން ޝަހީދުވެ، 1،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.