ލީބިޔާގައި މިދިޔަ އަހަރު ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފަށް އެ ޤައުމުގައި ބޭރުގެ ހަނގުރާމަވެރިން ޙަރަކާތްތެރިވަމުންދާކަމަށް އދން ބުނެފިއެވެ.
އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައި އެ އިދާރާގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތޭޚޭޝް ވިދާޅުވީ ލީބިޔާގެ އައު އިންތިޤާލީ ސަރުކާރު ގޮވަމަންޓު އޮފް ނޭޝަނަލް ޔުނިޓީ، ޖީއެންޔޫއަށް މިދިޔަ މާރިޗު މަހުގެ ތެރޭގައި ޤައުމުގެ ހިންގުން ޙަވާލުކުރުމުން ލީބިޔާ އަލުން އެކަތިގަނޑަކަށް ހަދައި އެ ޤައުމަށް ޞުލްޙަ ގެނައުމުގެ އުންމީދު އައުވެފައިވާކަމަށެވެ. ނަމަވެސް މި އަހަރުގެ ފަހުކޮޅު އެ ޤައުމުގެ އިންތިޚާބު ބޭއްވުމަށްޓަކައި ސީޔަސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސަލާމަތީ ގޮތުން ކުރިއެރުންތައް ދެމެހެއްޓުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
2011ވަނަ އަހަރުގެ ތެރޭގައި ލީބިޔާ ޒަޢީމު ކާނަލް މުޢަންމަރުލް ޤައްޒާފީގެ ވެރިކަން ވެއްޓުމުން އެ ޤައުމުގައި ބައިބައިވުންތަކާއި ހަމަނުޖެހުން އުފެދުނެވެ. އެގޮތުން ލީބިޔާގެ އުތުރާއި ދެކުނުގައި ވެރިކަން ކުރަމުންދިޔަ ދެ ސަރުކާރުން ދިޔައީ އެ ޤައުމުގެ ވެރިކަމަށް އައުމަށް ހަނގުރާމަކުރަމުންނެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ލީބިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލައިފައެވެ. އޭރު ވީ އެއްބަސްވުމުގެ ދަށުން ލީބިޔާގައި ޙަރަކާތްތެރިވާ ހުރިހާ ބޭރުގެ ހަނގުރާމަވެރިން 90 ދުވަހުގެ ތެރޭގައި އެ ޤައުމު ދޫކޮށް ދިޔުމަށްވަނީ ޝަރުތުކޮށްފައެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވުމާއެކު އިންތިޤާލީ ސަރުކާރެއް ޤާއިމުކުމަށް މަގުފަހިވެ މި އަހަރުގެ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު އިންތިޚާބެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
އދން ބުނީ 2020ވަނަ އަހަރުގެ ޑިސެންބަރު މަހާހަމައަށް މަދުވެގެން ބޭރުގެ 20،000 ހަނގުރާމަވެރިން ލީބިޔާގައި ތިބިކަމަށެވެ. އޭގެ ތެރޭގައި ސޫރިޔާއާއި ރަޝިޔާއާއި ސޫދާނާއި ތަޝާޑުގެ ހަނގުރާމަވެރިން ހިމެނެއެވެ. ނަމަވެސް މި އަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅު ބޭއްވި ނުރަސްމީ ކައުންސިލް ބައްދަލުވުމެއްގައި 20،000އަށްވުރެ ގިނަ ހަނގުރާމަވެރިން ލީބިޔާގައި ތިބިކަމަށާއި އޭގެ ތެރޭގައި ސޫރިޔާއަށް ނިޞްބަތްވާ 13،000 ހަނގުރާމަވެރިންނާއި ސޫދާންގެ 11،000 ހަނގުރާމަވެރިން ތިބިކަމަށްވަނީ ބުނެފައެވެ.
އދ.ން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަމުންދިޔަ ނަމަވެސް ލީބިޔާގެ މެދުތެރޭ ސަރަޙައްދުތަކުގައި އަސްކަރީ މަޤާމުތައް ޤާއިމުކުރަމުންދާކަމަށެވެ. އެ މަޤާމުތައް ޤާއިމުކުރަނީ މުހިންމު ސިޓީއެއްކަމަށްވާ ސިރުތުން ޖަފުރާއަށް ދާން އޮންނަ މައި މަގުގައިކަމަށްވަނީ އެ ރިޕޯޓުގައި ބުނެފައެވެ. ލީބިޔާގެ ހުޅަނގާއި އިރުމަތީގެ އެކި އަސްކަރީ މަރުކަޒުތަކަށް އެއަރ ކާގޯ ފޮނުވަމުންދާކަމަށްވެސް ރިޕޯޓުގައިވަނީ ބުނެފައެވެ. އަދި ހަނގުރާމަވެރިންގެ ޢަދަދު މަދުވެފައިވާކަމުގެ އެއްވެސް ހެއްކެއްވެސް ނުފެންނަކަމަށްވަނީ ފާހަގަކޮށްފައެވެ. އެ ރިޕޯޓުގައި ބޭރުގެ ހަނގުރާމަވެރިން މަދުކުރުމުގެ މަސައްކަތަށް އިސްކަން ދިނުމަށް އިންތިޤާލީ ސަރުކާރަށްވަނީ ގޮވައިލައިފައެވެ.