އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ދިން ޙަމަލާތަކުގައި އިތުރު 40 މީހުން ޝަހީދުވެއްޖެއެވެ.
އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ހިންގަމުންދާ ލާއިންސާނީ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ދެމުންދާ ރޮކެޓު ޙަމަލާތަކުގެ ސަބަބުން އިސްރާއީލަށްވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން އިސްރާއީލުގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުކަމަށްވާ ބެން ގޫރިޔަން އެއަރޕޯޓާއި އެ ޤައުމުގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓި ޔަހޫދީންގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ދިފާޢުގައި ޙަމާސުން ދެމުންދާ އެތައް ސަތޭކަ ރޮކެޓު ޙަމަލާތަކުގައި އިސްރާއީލުގައި ދިރިއުޅޭ ޔަހޫދިންނަށާއި އެ މީހުންގެ ގެދޮރަށާއި ވިޔަފާރިތަކަށާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އިސްރާއީލަށް ބޮޑު ސިހުމެއް އަންނަވަރުގެ ޙަމަލާތަކެއް ޙަމާސުން ދޭން ފެށީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަނުދިނުމުންނެވެ.
އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްތިޢުމާރީ ފައުޖުތަކުން ދެމުންދާ ޙަމަލާތައް އިތުރުކޮށް، ވަރުގަދަކުރުމަށް އަމުރުކޮށްފައެވެ. އެގޮތުން އިސްރާއީލުން އެންމެ ފަހުން ޣައްޒާއަށް ދިން ޢުދުވާނީ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކުގެ މަގުތަކަށް ގެއްލުންތަކެއް ވެފައިވެއެވެ. އެއީ ޙަމަލާތަކާ ގުޅިގެން އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ލިބުމަށް ހުރަސްއެޅުމަށް އިސްރާއީލުން ގެންގުޅޭ ލާއިންސާނީ އުކުޅެކެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި 180އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 50އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި 1،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ދިން ޙަމަލާތަކުގައި 13 މީހުން ޝަހީދުވެ، އެތައް ހާސް މީހުންނެއްވަނީ ޒަޚަމުވެފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ ޤައުމުގެ 10 މީހުންވަނީ މަރުވެފައެވެ.