ކުޅިވަރު

އިނގިރޭސި އެފް އޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓަރ ސިޓީ ހޯދައިފި


އިނގިރޭސި އެފް އޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓަރ ސިޓީ ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ލެސްޓަރ ހޯދީ ރޭ ކުޅުނު ފައިނަލްގައި ޗެލްސީ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ލެސްޓަރ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. ބަލާހިތްވާ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ހާފްގައި އެޓީމުންވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަނަވަސްކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއް އެޓީމަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި ފުރަތަމަ ހާފްގައި ލެސްޓަރ ފެނިގެންދިޔައީ ތަންކޮޅެއް ހާސްކަމުގެ ތެރޭގައި އުޅުނު ތަނެވެ. ނަމަވެސް ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ލެސްޓަރއިންވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް ޗެލްސީގެ ގޯލަށް ނުރައްކާ ކުރުން އިތުރު ކޮށްފައެވެ. ނަތީޖާއަކަށްވީ މެޗްގެ 63 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ލެސްޓަރގެ ޔޫރީ ޓިއެލެމަންސް ލަނޑެއް ޖަހާ މިމެޗްގެ ލީޑު ލެސްޓަރއަށް ނަގާދިނުމެވެ. މިލަނޑު ޖެހުމަށް އުފެއްދި ހަމަލާގައި ލެސްޓަރގެ ފޯވަޑް އަޔޯޒީ ޕެރޭޒްގެ އަތުގައި ބޯޅަ ޖެހިފައިވާތީ އެކަމާ ޗެލްސީއިން މައްސަލަ ޖެއްސި ނަމަވެސް އެބޯޅަ އޭނާ އަތުގައި ޖެހިފައިވަނީ ފައިގާ ޖެހިފާ އެރި ވަގުތު ކަމުން ވީއޭއާރުން އެކަމަށް ބަލާފައިނުވެއެވެ. ލެސްޓާރއިން ލީޑު ނެގުމާއެކު ޗެލްސީއިން އެޓީމްގެ ހަމަލާތަށް އިތުރަށް ވަރުގަދަކުރިއެވެ. މިގޮތުން ނުރައްކާތެރި ހަމާލަތަކެއް ޗެލްސީއިން މެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އުފެއްދިއެވެ. ނަމަވެސް ލެސްޓަރގެ ކެޕްޓަން އަދި ކީޕަރ ކެސްޕަރ ޝޫމައިކަލް ވަނީ ވަރަށް ހުޝިޔާރު ކަމާއެކު މިހަމަލާތަށް ދިފައުކޮށްފައެވެ. މިގޮތުން ބެން ޗިލްވެލް ފޮނުވާލި ހަމަލާ މަތަކުރިއިރު މޭސަން މައުންޓް ފޮނުވާލި ހަމަލާވެސް ވަނީ މަތަކޮށްފައެވެ. މައުންޓް ފޮނުވާލި ހަމަލާ ގިނަ ބަޔަކަށް ހީވީ ގޯލަށް ވައްނާނެ ކަމަށެވެ. އަދި މެޗް ނިމިނިމި އޮއްވާ ޗެލްސީއިން ވަނީ ލެސްޓާރގެ ގޯލަށް ލަނޑެއްވެސް ޖަހާފައެވެ. އަދި ޗެލްސީގެ ކުޅުންތެރިން ވަރަށް ގަދަޔަށް އުފާފާޅުވެސް ކުރިއެވެ. ނަމަވެސް މިހަމަލާ އުފެއްދި ޗިލްވެލްއަށް ބޯޅަ ލިބުނު އިރު ހުރީ އޮފް ސައިޑްގައި ކަމަށް ވީއޭއާރުން ހާމަވުމުން މިލަނޑު ބަލައިގެންފައެއް ނުވެއެވެ. ނަތީޖާއަކަށްވީ ލެސްޓަރ ސިޓީގެ ތާރީހްގައި ފުރަތަމަ ފަހަރަށް އެފް އޭ ކަޕްގެ ތަށި އެޓީމަށް ކާމިޔާބު ކުރެވުމެވެ.

މިމެޗް ބަލާލުމަށްޓަކައި 21 ހާސް ސަޕޯޓަރުން ދަނޑަށް ވައްދާފައިވެއެވެ. މިއީ ކޮރޯނާ ވައިރަސް އައުމުގެ ސަބަބުން ސަޕޯޓަރުން ނުވައްދާ މެޗްތަށް ކުޅެން ފެށިފަހުން އިނގިރޭސިވިލާތުގައި މިހާ ގިނަ މީހުން މެޗެއް ބަލާލަން ވަންނަން ހުއްދަދިން ފުރަތަމަ ފަހަރެވެ.