ޖަރުމަނު ބުންޑަސްލީގާގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ގަރޑް މުލަރ ހަދާފައިވާ ރިކޯޑާއި ޗެމްޕިއަން ބަޔޭން މިޔުނިކްގެ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އަރާ ހަމަކޮށްފިއެވެ. 1972 ވަނަ އަހަރު ގަރޑް ވަނީ އެއް ސީޒަނެއްގައި 40 ލަނޑު ކާމިޔާބުކޮށްފައެވެ.
ލެވަންޑޯސްކީ މިފަަހަރުގެ ބުންޑަސްލީގާގައި ކާމިޔާބުކުރި 40 ވަނަ ލަނޑު ޖަހާފައިވަނީ ބަޔޭން މިޔުނިކާއި އެސްސީ ފްރެއިބަރގް ރޭ ބައްދަލުކޮށް އެއްވަރުވި މެޗްގައެވެ. މިލަނޑު އޭނާ ޖަހާފައިވަނީ މެޗްގެ 26 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ލަނޑު ޖެހުމަށްފަހު ބަޔޭންގެ ކުޅުންތެރިންނާއި ޓީމްގެ އޮފިޝަލުންނާއެކު އޭނާވަނީ އުފާފާޅުކޮށްފައެވެ. މިގޮތުން ލަނޑު ޖެހުމާއެކު ބަޔޭންގެ ބެޗްގެ ކައިރީ ކުޅުންތެރިންނާއި އޮފިޝަލުންވަނީ އޭނާއަށް ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.
ބަޔޭން އާއި ފްރެއިބަރގް ރޭ ބައްދަލުކުރިމެޗް 2 ލަނޑު 2 ލަނޑުންވީ އެއްވަރެވެ. މިމެޗްގެ ފުރަތަމަ ލަނޑު ލެވަންޑޯސްކީ ކާމިޔާބުކޮށްދިން އިރު ފްރެއިބަރގްގެ މެނުއަލް ގުލްޑަރވަނީ މެޗްގެ 29 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ބަޔޭންއަށް ދެވަނަ ފަހަރަށް ލީޑު ނަގާދިނީ މެޗްގެ 53 ވަނަ މިނެޓްގައި ލިރޯއި ސާނޭ ޖަހާދިން ލަނޑުންނެވެ. މިމެޗްގައި ފްރެއިބަރގްއިން ދެވަނަ ފަހަރަށް އެއްވަރު ކުރި ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ކްރިސްޓިއަން ގުންޓަރއެވެ.