ޚަބަރު

އިސްރާއީލާ ގުޅުންބަދަހިކުރި ޢަރަބި ޤައުމުތައް މިހާރު ކޮބާ؟


އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުގެ އެހީތެރިކަމާއެކު ޢަރަބި ގިނަ ޤައުމުތަކަކުންވަނީ ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރުކޮށްފައިވާ އިސްރާއީލާއެކު ގުޅުން ބަދަހިކޮށްފައެވެ. އަބްރަހަމު އެކޯޑުގެ ދަށުން އިސްރާއީލާއެކު ގުޅުން ބަދަހިކުރި ޢަރަބި ޤައުމުތަކުގެ ތެރޭގައި މިޞްރާއި ޔޫއޭއީއާއި ބަހުރައިނާއި މަޣްރިބާއި އުރުދުންނާއި ސޫދާން ހިމެނެއެވެ. އިސްރާއީލާއެކު ޚާރިޖީ ގުޅުން ބަދަހިކުރުމުގެ އިތުރުން ސަލާމަތީ އަދި ޖާސޫސީ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް ބައެއް ޤައުމުތަކުން އެއްބަސްވިއެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު އިސްރާއީލުގެ ސަރުކާރަށާއި ޖާސޫސީ އިދާރާތަކަށް ނިޞްބަތްވާ އިސްވެރިން އެ ޤައުމުތަކަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއްވެސްވަނީ ކިޔައިފައެވެ.

ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައި އެ އެއްބަސްވުންތަކުގައި ސޮއިކުރި ޤައުމުތަކުން މިހާރުވަނީ ދުނިޔެއަށް ދައްކާނެ މޫނެއް ނޭނގިފައެވެ. ޚާއްޞަކޮށް ޔޫއޭއީއާއި ބަޙްރައިނުން އިސްރާއީލާއެކު ގުޅުން ބަދަހިކުރީ ގިނަ ފައިދާތަކެއް ލިބޭނެކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށް ފަހުއެވެ. ވިޔަފާރިއާއި ފަތުރުވެރިކަމާއި ޞިއްޙީ ދާއިރާއާއި އިޤްތިޞާދީ ކުރިއެރުންތަކާއި ސައިންސުގެ ދާއިރާއިން ކުރިއެރުންތަކެއް ލިބޭނެކަމުގެ ހުވަފެން ދައްކައިފައެވެ. އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުން ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމަށް އިތުރު ފުރުޞަތުތަކެއް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ކުށެއް ނެތް ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ މަންޒަރުތައް ޓީވީތަކުން ދައްކަމުންދާ ދަނޑިވަޅެއްގައި ފެންނަނީ އެ ޤައުމުތަކުން ހަނު ތިބި މަންޒަރެވެ.

ސަޢުދީ ޢަރަބިއްޔާގެ މައްކާއާއި މަދީނާއަށްފަހު މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިމަކީ މަސްޖިދުލް އަޤްޞާ ހުންނަ ޤުދުސެވެ. އެހެންކަމުން އަޤްޞާ މިސްކިތަށް ވަދެގަނެ އެތަނުގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް ޙަމަލާ ދިނުމަކީ އެއްވެސް މުސްލިމަކަށް ބަލައިގަނެވޭނެކަމެއް ނޫނެވެ. ސަޢުދީ ޢަރަބިއްޔާއާއި އެހެން ޢަރަބި ޤައުމުތަކުން އެ މައްސަލައާމެދު ކަންބޮޑުވައި މަންޒަރެއް ނުފެނެއެވެ. ޔޫއޭއީއާއި ބަޙްރައިނުގެ ސަރުކާރުންވަނީ އިސްލާމީ ގިނަ ޤައުމުތަކެކޭ އެއްގޮތަށް އެ ޤައުމު އޮތީ ފަލަސްޠީނާއެކުކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އުރުދުންގައި ބޭއްވި އެއްވުމެއްވަނީ އެ ޤައުމުގެ ފުލުހުން ރޫޅާލައިފައެވެ. އަދި ޔޫއޭއީންވަނީ ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ޙަމަލާދިނުން ހުއްޓާލުމަށް އަންގައިފައެވެ. އަދި އިސްރާއީލާ ދެކޮޅަށް ޙަމަލާދިނުން ހުއްޓާނުލައިނަމަ ޣައްޒާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދޭނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޢަރަބި ޤައުމުތަކުން ދީފައިވަނީ ވަރަށް ފިނި ރައްދެކެވެ.

އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް އެމެރިކާއިން އެންމެ ބޮޑަށް ބާރުއެޅީ ސަޢުދީ ޢަރަބިއްޔާއަށެވެ. އެމެރިކާ ބޭނުންވި ގޮތަށް އިސްރާއީލާއެކު ގުޅުން ބަދަހި ނުކުރެވުމުން އެ ޤައުމުން މިއަދު ހިތްހަމަޖެހުމެއް ލިބޭނެއެވެ. ފަހަރުގައި އެ ޤައުމުން އިސްރާއީލާއެކު ގުޅުން ބަދަހި ނުކުރީ މިއަދު ކުރިމަތިވެފައިވާފަދަ ޙާލަތެއް ކުރިމަގުގައި ކުރިމަތިވެދާނެކަން ވިސްނިގެންކަމަށްވުން އެކަށީގެންވެއެވެ.

އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުން ޢަރަބި ޤައުމުތަކަށް ޓެކުނޮލޮޖީގެ ދާއިރާއިންނާއި މާލީ ދާއިރާއިން ގިނަ ކުރިއެރުންތައް ލިބޭނެކަން ޔަޤީނެވެ. ނަމަވެސް މުސްލިމުން މަރަމުންދާ ބައެއްގެ ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި އެ ޤައުމުތައް އޮތުމަކީ އަމިއްލަ ޤައުމުގެ ރައްޔިތުން ރުހޭނެކަމެއް ނޫނެވެ. އޭގެ ސަބަބުން އަމިއްލަ ޤައުމުގައި ހަމަނުޖެހުން އުފެދުމަކީ ޢަރަބި ޤައުމުތަކުން ބޭނުންވާނެ ގޮތެއްވެސް ނޫނެވެ.

މަޝްރަހު ދިރާސާކުރާ ބައެއް މާހިރުން ބުނާ ގޮތުގައި ޔޫއޭއީފަދަ ޤައުމުތަކުން އިސްރާއީލާއެކު ޤާއިމުކޮށްފައިވާ ގުޅުން ކަނޑައިލާނެކަމަކަށް ނުބެލެވެއެވެ. ނަމަވެސް މިހާރު ހިނގަމުންދާ ކަންތައްތައް ކޮންމެވެސް ވަރަކަށް މަޑުޖެހެންދެން ފައުޅުގައި އިސްރާއީލާއެކު ގުޅުން ބަދަހިކުރާނެކަމަކަށް ނުބެލެވެއެވެ. މީގެ ކުރިއެކޭ އެއްގޮތަށް ފަރުދާގެ ފުރަގަހުގައި އަދިވެސް ގުޅުންތައް ދަމަހައްޓާނެކަމަށް މާހިރުން ބުނެއެވެ.