ޚަބަރު

އޯއައިސީގެ ނާޤާބިލުކަމުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަނީ


އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން، އޯއައިސީގެ ނާޤާބިލުކަމުގެ ސަބަބުން އެ ޖަމާޢަތަށް އަމާޒުވަމުންދާ ފާޑުކިޔުންތައް އިތުރުވެއްޖެއެވެ. އޯއައިސީއަށް ފާޑުކިޔުން އަމާޒުވާން ފެށީ ފަލަސްޠީނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

57 ޤައުމުގެ މައްޗަށް އެކުލެވޭ އޯއައިސީ އުފެއްދީ 1969ވަނަ އަހަރުގެ ތެރޭގައި ފަލަސްޠީނުގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ޔަހޫދީން ޙަމަލާދިނުމުންނެވެ. އޭރު ފަލަސްޠީނުގެ މުޤައްދަސް ބިނާތަކާއި މުސްލިމުންގެ ސަލާމަތަށް އުފެއްދި އޯއައިސީގެ ރާގާއި މަންޒަރު މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެގޮތުން ފާއިތުވި ރަމަޟާން މަހުން ފެށިގެން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ޢުދުވާނުތަކާ ދެކޮޅަށް އޯއައިސީގެ ފަރާތުން ލިބިފައިވަނީ ވަރަށް ބަލިކަށި އަދި ވަރަށް ފިނި ރައްދެކެވެ. ބައެއް ޤައުމުތަކުން ޢާންމު އުޞޫލުން ނެރޭ ނޫސްބަޔާން ފިޔަވައި އިތުރު ކަމެއް ނުކުރެއެވެ.

އޯއައިސީގެ ޗާޓަރުގައި ބުނެފައިވާގޮތުގައި ޤުދުސް މިނިވަންވެ، ފަލަސްޠީނުގެ މައްސަލަ ޙައްލުވަންދެން ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި އެ ޖަމާޢަތުގެ މައި އިދާރާއެއް ހުޅުވައިފައި ބަހައްޓަން ޖެހޭނެއެވެ، އެ ޗާޓަރުގައި ފާހަގަކޮށްފައިވާ ކަންކަމުން ފަލަސްޠީނުގެ މައްސަލައަށް އޯއައިސީން ދެމުންދާ އަޙަންމިއްޔަތުކަމާއި އެ ޖަމާޢަތުގައި ސަޢުދޫ ޢަރަބިއްޔާގެ ދަޢުރު ވަރަށް ބޮޑަށް ފާހަގަވެއެވެ.

އޯއައިސީ އުފެއްދި ދުވަސްވަރު އެ ޖަމާޢަތުގައި ހިމެނޭ ޤައުމުތަކުން ގެންގުޅުނު ސިޔާސަތުތަކާއި މިހާރު ޢަމަލުކުރަމުންދާ ސިޔާސަތުތައް ވަރަށް ތަފާތެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ފަލަސްޠީނުގެ މައްސަލައިގެ އިތުރުން ކަޝްމީރުގެ މައްސަލައާ ގުޅޭގޮތުން އޯއައިސީއަށް އެދެވިގެންވާ މަސައްކަތްތަކެއް ކުރެވި، ނަތީޖާ ނެރެވޭނެފަދަ ސިޔާސަތުތަކެއް އެކުލަވާލެވިފައެއް ނުވެއެވެ. އެއާއެކު އެ މައްސަލަތައް މިހާރުވަނީ އިތުރަށް ގޯސްވެފައެވެ. އެންމެ ކުޑަމިނުން ސަޢުދީ ޢަރަބިއްޔާއާ ގާތްގުޅުމެއް އޮންނަ ޔޫއޭއީން އިސްރާއީލާއެކު ގުޅުންބަދަހިކޮށް، ޞުލްޙަވުމުން އެކަމާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެއާއެކު ދެން ފެނުނީ ބަޙްރައިންނާއި ސޫދާނާއި މަޣްރިބުންވެސް އިސްރާއީލާ ގުޅުންބަދަހިކޮށް، ޞުލްޙަ ޤާއިމުކުރި މަންޒަރެވެ. ޔޫއޭއީގެ ކުރިން މިޞްރާއީ އުރުދުނުންވަނީ އިސްރާއީލާއެކު ގުޅުންބަދަހިކޮށް، ޞުލްޙަވެފައެވެ.

ފަހަކަށް އައިސް ޔޫއޭއީން ޢަމަލުކޮށްފައިވަނީ އޯއައިސީގެ ޗާޓަރާ ޚިލާފަށެވެ. އެގޮތުން ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އޯއައިސީގެ ތެރެއިން ބަލަން ޕާކިސްތާނުން ހުށަހެޅުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ޔޫއޭއީންނެވެ. އެކަމާ ގުޅިގެން އޯއައިސީން ވަކިވާނެކަމުގެ އިންޒާރު ޕާކިސްތާނުންވަނީ ދީފައެވެ.

ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ހިންމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ތެދުވުމަށް ބާރުއެޅުމަށް އޯއައިސީގައި ހިމެނޭ ތުރުކީވިލާތުން ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެކަމަކަށް އޯއައިސީގެ ފަރާތުން އެހީތެރިކަމަކާއި އެއްބާރުލުމެއް ނުލިބުނެވެ.

ފަލަސްޠީނާއި ކަޝްމީރުގެ މިނިވަންކަމުގެ މައްސަލައާއި ރޮހިންޏާއާއި އުއިގޫރު މުސްލިމުންނަށް ދިމާވެފައިވާ ބޮޑެތި އިންސާނީ ކާރީޘާތަކަށް އޯއައިސީން އެދެވިގެންވާ ސަމާލުކަމެއް ދެމުންނުދާތީ އެ ޖަމާޢަތުގެ މަޤްޞަދާމެދު ދުނިޔޭގެ މުސްލިމުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މުސްލިމުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ތައްޔާރަށް އޮތް ޤައުމުތަކުގެ މެދުގައި އައު އިއްތިޙާދެއް އުފެއްދުމަށް ގޮވާލައި އަޑުތައް މިހާރު ދަނީ ގަދަވަމުންނެވެ.