މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި 343 ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެއޮތޯރިޓީން ވިދާޅުވީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3އިން ފެށިގެން 9 ޖެހުމާ ހަމައަށް އެއޮތީރިޓީއަށް ލިބިފައިވާ މަޢުލޫމާތު ތަކުގެ ތެރޭގައި އުދައެރުމުގެ ސަބަބުން ކ.ދިއްފުށީގެ 13 ގެއަކަށް ލޮނުވަދެފައިވާކަމަށެވެ. އުދައިއެރުމުގެ ސަބަބުން ރަށުތެރެއަށް އަރާފައިވާ ލޮނުގަނޑު ހިންދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކަމޭބެހޭ ފަރާތްތައް ގުޅިގެން ކުރިއަށްދާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެގޮތުން 291 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. މީގެތެރެއިން 119 ގެއެއްގައި 392 ވެލިބަސްތާ ޖަހާފައިވާކަމަށާއި 4 ގެއެއްގެ މުދާތައް ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. އަދި އެސިޓީގައި ފެން ހިނދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއްވައެވެ.
މިވިއްސާރައިގައި އައްޑޫ ސިޓީގެ ގެތަކަށްވެސް ފެންވަދެފައިވާ ކަމަށާއި އެގޮތުން އެސިޓީގެ ފޭދޫގެ 39 ގެއަކަށް ފެންވަދެގެންވަނީ ރިޕޯޓްކޮށްފައެވެ. މީގެތެރެއިން 21 ގެއެއްގެ ޙާލު ބަލާފައިވާއިރު 10 ގެއެއްގައި 56 ވެލިބަސްތާ ޖަހާފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ށ.އަތޮޅު ކޮމަންޑޫއާއި ނޫމަރާގެ އިތުރުން ޅ،އަތޮޅުގެ ކުރެންދޫއަށް އުދައިގެ އަސަރުކޮށްފައިވީ ނަމަވެސް އެއްވެސް ގެއަކަށް އުދައިގެ އަސަރު ނުކުރާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އެހެން ނަމަވެސް ބަނދަރުގައި ހުރި ބައެއް ދޯނިފަހަރަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.
ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު ހއ.އިން ފެށިގެން ރ.އަތޮޅާ ހިސާބަށްވަނީ ޔެލޯ އެލަރޓް ނެރެފައެވެ. އެގޮތުން ރޭގަނޑު 9 އަކުން ފެށިގެން މެންދަމު 1 ޖެހުމާހަމައަށް ވަނީ އެލަރޓް ނެރަފައެވެ. އަދި އަދި ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ނެރެފައިވާ ވައިޓް އެލަރޓްވެސްވަނީ ދަމަހައްޓާފައެވެ. އެގޮތުން މިއަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފައިވަނީ 20:30އިން ފެށިގެން މެންދަމު 01:30 އަށެވެ.