ޚަބަރު

ފަލަސްޠީނަށް ތާޢީދުކޮށް އަޑުއުފުލުމުން އަނިޔާވެރިކަމާއެކު އެއްވުން ރޫޅާލައިފި


ފަލަސްޠީނުގެ ރައްޔިތުންނަށް ތާޢީދުކޮށް ފަރަންސޭސިވިލާތުގައި ބޭއްވި އެއްވުން ވަރަށް އަނިޔާވެރިކަމާއެކު އެ ޤައުމުގެ ފުލުހުން ރޫޅާލައިފިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ދުނިޔޭގެ އެކި ސަރަޙައްދުގައި ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ވިލާތުގެ ބައެއް ޤައުމުތައްކަމަށްވާ އިނގިރޭސިވިލާތާއި ނެދަލެންޑުސާއި ޢަރަބި ޤައުމުތައްކަމަށްވާ ޢިރާޤާއި އުރުދުންނާއި ލުބުނާނުގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވެއެވެ.

މުސްލިމުންނާ ދެކޮޅަށް ބޭއިންޞާފު އަދި ނާތަޙްޒީބީ ޢަމަލުތަކެއް ހިންގަމުންދާ ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި އެއްވުންވަނީ އެ ޤައުމުގެ ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފައެވެ. އަދި މަޞްލަޙަތައްޓަކައި އެ ޤައުމުގައި މުޒާހަރާކޮށް، އަޑުއުފުލަން ޖާގަނުދޭނެކަމަށް ފަރަންސޭސިވިލާތުންވަނީ ބުނެފައެވެ. އެގޮތުން 200 ފުލުހުންގެ ފައުޖަކުން ނުކުމެ، ޕުރެޝަރުގައި ފެންޖަހައި ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވުންވަނީ ރޫޅާލައިފައެވެ.

ޕެރިހުގައި ބޭއްވި އެއްވުން އަނިޔާވެރިކަމާއެކު ރޫޅާލަނީ / ވީޑިޔޯ: ސޯޝަލް މީޑިޔާ

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ ޢުދުވާނީ ފައުޖުތަކުންވަނީ ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގައިފައެވެ. އެގޮތުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި 140 މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 39 ކުޑަކުދިންނާއި ގިނަ ޢަދަދެއްގެ އަންހެނުންނާއި މުސްކުޅިން ހިމެނެއެވެ. އަދި ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި 10،000 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ޢުދުވާނުތަކުގައި ފަލަސްޠީނުގެ 13 މީހުން މަރުވެ، އެތައް ހާސް ބައެއްވަނީ ޒަޚަމުވެފައެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްޠީނުގެ ހަނގުރާމަވެރިން ދަނީ ހުއްޓުމެއްނެތި ޔަހޫދީންނާ ދެކޮޅަށް ޙަމަލާ ދެމުންނެވެ. އެގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލާ ދެކޮޅަށް ދީފައިވަނީ އެތައް ހާސް ރޮކެޓު ޙަމަލާތަކުގައި ޔަހޫދީންގެ ގިނަ ޢަދަދެއްގެ ބައެއް މަރުވެ، މުދަލަށާއި އުޅަނދުތަކަށާއި ރަސްމީ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް އެ ޤައުމުން ދަނީ ވަރަށް ބޮޑަށް ސިއްރުކުރަމުންނެވެ.