ޚަބަރު

އިސްރާއީލުގެ ހަނގުރައިމައިގެ އުކުޅަކަށް ނޫސްވެރިން ހަދައިފި


ފަލަސްޠީނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ އަނިޔާވެރި ހަނގުރައިމައިގެ އުކުޅަކަށް ނޫސްވެރިން ހަދައިފިއެވެ.

ފާއިތުވި އަހަރުތަކުގައި ފަލަސްޠީނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގެނެސްދިނުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އަދި އެ އުނދަގޫތައް ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން މިހާރު ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާގައި ޙަރަކާތްތެރިވަމުންދާ ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލުގެ ޔަހޫދީ ސިފައިން ދެމުންދާ ޙަމަލާތައް އިތުރުވެފައިވާކަންވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ޣައްޒާގައި ޙަރަކާތްތެރިވަމުންދާ ތުރުކީވިލާތުގެ ނޫސް އިދާރާއެއްކަމަށްވާ ޓީއާރްޓީގެ ޢަރަބި ޗެނަލުގެ ނޫސްވެރިންތަކެއް ތިބި އިމާރާތަކަށް އިސްރާއީލުގެ ޙަމަލާއެއް އަމާޒުވެ، ބައެއް ނޫސްވެރިން ޒަޚަމުވެފައިވެއެވެ.

ޣައްޒާގައި ޙަރަކާތްތެރިވާ ބޭރުގެ ނޫސްވެރިން ބޭނުންކުރަމުންދިޔަ ޢިމާރާތް އިސްރާއީލުން ބިމާހަމަކޮށްލަނީ / ވީޑިޔޯ: އަލްޢަރަބިއްޔާ

އިސްރާއީލުން ކުރަމުންދާ އަނިޔާވެރި ހަނގުރައިމައިގެ އުކުޅަކަށް ނޫސްވެރިން ހަދައިފައިވާކަން އެންމެ ބޮޑަށް ފާހަގަވި ޙާދިޘާ ހިނގައިފައިވަނީ މެއި މަހުގެ 13ވަނަ ދުވަހުގެ ރެއެވެ. އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ޣައްޒާގެ ތެރޭގައި ޔަހޫދީ ފައުޖުތައް ޙަރަކާތްތެރިވަމުންދާކަމުގެ މަޢުލޫމާތު ނޫސްވެރިންނަށް ދީފައެވެ. އެއާއެކު އެ މަޢުލޫމާތުވަނީ ބޮޑެތި ނޫސް އިދާރާތަކުން ޢާންމުކޮށްފައެވެ. އިސްރާއީލުގެ އަނިޔާވެރި ފައުޖުތަކުން އުންމީދުކުރީ ދޮގު މަޢުލޫމާތުތަކެއް ޤަބޫލުކޮށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ކޮނެފައިވާ ބިންގަރާސްތަކަށް ވަދެ، ޔަހޫދީ ސިފައިންނަށް ކުރިމަތިލުމަށް ތައްޔާރުވާނެކަމަށެވެ. ނަމަވެސް އެގޮތަށް ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ޢަމަލުކޮށްފައެއް ނުވެއެވެ. އަދި ބިންގަރާސްތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ޙަމަލާތަކުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ އަންހެނަކާއި އޭނާގެ 2 ދަރިންވަނީ ޝަހީދުވެފައެވެ.

އޭގެ ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ޣައްޒާގައި ޙަރަކާތްތެރިވާ ބޭރުގެ ނޫސްވެރިން ބޭނުންކުރަމުންދިޔަ އިމާރާތަކަށް ޙަމަލާ ދިނުމަށްފަހު އެ ޢިމާރާތް ބިމާހަމަކޮށްލައިފައެވެ. ފުންނާބުއުސް ބޭރުގެ ނޫސް އިދާރާތައްކަމަށްވާ އަލްޖަޒީރާއާއި އޭޕީއާއި އޭއެފްޕީން ބޭނުންކުރަމުންދިޔަ އިމާރާތް ގޮށްވާލައިފައިވަނީ އެތަން ހުސްކުރަން 1 ގަޑިއިރުގެ މުޙްލަތެއް ދިނުމަށްފަހުއެވެ. ނަމަވެސް މުޙްލަތުދިންތާ 30 މިނެޓުފަހުން އިސްރާއީލުންވަނީ އިމާރަތް ބިމާހަމަކޮށްލައިފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ބައެއް ނޫސްވެރިންނަށް އެ އިމާރާތުގައި ހުރި އެ މީހުންގެ ސާމާނު ސަލާމަތްކުރުމަށްވެސް ފުރުޞަތެއް ނުލިބުނެވެ. ފަހުން އެނގުނު ގޮތުގައި އެ އިމާރާތުން ދިޔައީ ޣައްޒާގެ ބައެއް ސަރަޙައްދުތަކަށް އިންޓަނެޓުގެ ޚިދުމަތް ދެމުންނެވެ. އަދި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން އެ އިމާރާތަށް ޙަމަލާ ދީފައިވަނީ އިންޓަނެޓުގެ ޚިދުމަތަށް ބުރޫއެރުވުމުގެ މަޤްޞަދުގައެވެ.

ޣައްޒާގައި ޙަރަކާތްތެރިވަމުންދާ ނޫސްވެރިން ބޭނުންކުރަމުންދިޔަ އިމާރާތް ބިމާހަމަކޮށްލުމުން އޭޕީގެ ރައީސް އަދި ސީއީއޯ ގެރީ ޕުރީޓު ވިދާޅުވީ އިސްރާއީލުން ނޫސްވެރިންނަށް ކުރަމުންދާ ދުއްތުރާތަކުގެ ސަބަބުން އަންތަރީސްވެވަޑައިގަންނަވާކަމަށާއި ނޫސްވެރިންގެ ފުރާނަތައް ސަލާމަތްކުރެވުނީ ކިރިޔާކަމަށެވެ. އަދި ނޫސްވެރިންނާ ދެކޮޅަށް އިސްރާއީލުން ހިންގި ޖަރިމާތަކުގެ ސަބަބުން ޣައްޒާއަށް ކުރިމަތިވެފައިވާ ޙާލަތުގެ ތެދު މަޢުލޫމާތު ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގެނެސްދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ.