ޚަބަރު

އިސްރާއީލާ ޞުލްޙަވުމަށް އެމެރިކާއިން 10 މިލިޔަން ޑޮލަރު ދެނީ


އިސްރާއީލާ ޞުލްޙަވުމަށް ބާރުއަޅައި ފަލަސްޠީނަށް އެތައް މިލިޔަން އެމެރިކާ ޑޮލަރެއް ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވަމުންދާ އެމެރިކާގެ ސަރުކާރުން ހުށަހަޅައިފިއެވެ.

ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން 1948ވަނަ އަހަރު އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކުގައި ޔަހޫދީންނާ ދެކޮޅަށް ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ ސަރުކާރުން ބުނީ ފަލަސްޠީނަށް މާލީ އެހީދޭން ނިންމިކަން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް އަންގައިފައިވާކަމަށެވެ. ނަމަވެސް އެ އެހީ ދެނީ އިސްރާއީލުގެ ޔަހޫދީ ދަޢުލަތާއެކު ގުޅުންބަދަހިކޮށް، ޞުލްޙަވުމަށްކަމަށްވެސް އެމެރިކާގެ ސަރުކާރުން ބުނެފައިވެއެވެ.

ފަލަސްޠީނަށް ދޭން ނިންމި އެހީގެ ތެރޭގައި ހިމެނެނީ ޢަރަބިންގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކަށެވެ. އެގޮތުން އެ ޖަމާޢަތްތަކުން އިސްރާއީލާ ޞުލްޙަވެއްޖެނަމަ 10 މިލިޔަން އެމެރިކާ ޑޮލަރު ދޭން އެމެރިކާގެ ސަރުކާރުންވަނީ ހުށަހަޅައިފައެވެ. ނަމަވެސް އެހީ ދޭނީ ކޮން ޖަމާޢަތްތަކަކަށްކަމެއް އެމެރިކާގެ ސަރުކާރުން ބުނެފައެއް ނުވެއެވެ. ބެލެވޭގޮތުގައި ޝަރުތުތަކަކާއެކު އެމެރިކާއިން ދޭން ނިންމި އެހީތެރިކަން ފަލަސްޠީނުގެ އެންމެ މަޤްބޫލު ޖަމާޢަތްތައްކަމަށްވާ ފަތަޙައާއި ޙަމާސުން ބަލައެއް ނުގަންނާނެއެވެ.

އެމެރިކާގެ ސަރުކާރުން ބުނި ގޮތުގައި ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތްތަކަށް ދޭން ނިންމި 10 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެނީ މިއަހަރުގެ ތެރޭގައި އެމެރިކާއިން ފަލަސްޠީނަށް ދޭން ކަނޑައަޅާފައިވާ 100 މިލިޔަން އެމެރިކާ ޑޮލަރުގެ ތެރޭގައެވެ. އެ 10 މިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް ނިންމާފައިވަނީ މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ގުޅުންބަދަހިކުރުމަށާއި ބައިބައިވުން ނައްތާލުމަށެވެ.

ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ އިސްރާޢީލުގެ ދިފާޢަށާއި ސަލާމަތަށް ކުރަންޖެހުނު ކޮންމެ ކަމެއް އެ ޤައުމުން ކުރަންޖެހޭކަމަށާއި އެއީ އެ ޤައުމަށް ލިބިފައިވާ ޙައްޤެއްކަމަށް ވިދާޅުވެ އިސްރާއީލު ދިފާޢުކޮށްފައެވެ. ފާޅުގައި ޒަޔަނިސްޓެއްކަމަށް ވިދާޅުވާ ބައިޑަންވަނީ އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ހިތްވަރުދެއްވައިފައެވެ.

އިސްރާއީލަށް އަހަރަކު 3.8 ބިލިޔަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި އެމެރިކާއިން ދެއެވެ.