ޚަބަރު

އިސްރާއީލުގެ އުފެއްދުންތައް ބޭނުންނުކުރަން އަނެއްކާވެސް ގޮވާލައިފި


އިސްރާއީލާއި އެ ޤައުމަށް ވާގިވެރިވާ ވިޔަފާރިތަކުގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓައިލުމަށް ބޮއިކޮޓު ޑައިވެސްޓުމަންޓު އެންޑު ސެންކްޝަންސް، ބީޑީއެސް މޫވްމަންޓުން އަނެއްކާވެސް ގޮވާލައިފިއެވެ. އެ ޖަމާޢަތުން އެ ގޮތަށް ގޮވާލައިފައިވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިގައާއި ޣައްޒާގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ޙައްދުފަހަނައަޅާފައިވާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ 170 ޖަމުޢިއްޔާއެއް ގުޅިގެން 2005ވަނަ އަހަރުގެ ތެރޭގައި އުފެއްދި ބީޑީއެސް މޫވްމަންޓަކީ ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކޮށް އަޑުއުފުލުމުގައި މަޤުބޫލުކަން ހޯދާފައިވާ ޖަމާޢަތެކެވެ. ބީޑީއެސްގެ މައިގަނޑު މަސައްކަތަކީ އިސްރާއީލާއި އެ ޤައުމަށް ވާގިވެރިވާ ވިޔަފާރިތަކުގެ އުފެއްދުންތައް ބޭނުންނުކުރަން ގޮވާލައި އެ ޤައުމަށާއި ވިޔަފާރިތަކަށް އޮންނަ އިޤްތިޞާދީ ބުރަ ބޮޑުކުރުމެވެ.

ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން 1948ވަނަ އަހަރު އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކުގައިވެސް ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންދަނިކޮށް އިސްރާއީލާ ދެކޮޅަށް ފަސް ފިޔަވަޅެއް އެޅުމަށް ބީޑީއެސުންވަނީ ގޮވައިލައިފައެވެ. ބީޑީއެސްގެ ބާނީއެއްކަމަށްވާ ޢުމަރު ބަރުޣޫތީ ވިދާޅުވީ އިސްރާއީލަކީ 1900ގެ އަހަރުތަކުގައި ދެކުނު އެފުރިކާއިން ގެންގުޅުނުފަދަ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތައް ފަރިތަކުރާ ބައެއްކަމަށާއި އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ.

އިސްރާއީލާ ދެކޮޅަށް އެޅުމަށް ބީޑީއެސުން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ ޤައުމަށް ޙަތިޔާރު ވިއްކުން މަނާކުރުމަށާއި އިސްރާއީލާއި އެ ޤައުމަށް ވާގިވެރިވާ ވިޔަފާރިތަކާ ގުޅުން ކަނޑައިލުމާއި އެފަދަ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ބޭނުންކުރުން ހުއްޓައިލުމާއި އެފަދަ ވިޔަފާރިތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކުގެ ޙިއްޞާތައް އަނބުރާ ގެންދިޔުމަށް ގޮވައިލުން ހިމެނެއެވެ. އިސްރާއީލާއެކު އޮންނަ ހުރިހާ ތަޢުލީމީ ގުޅުމަކާއި ސަޤާފީ ގުޅުމަކާއި ކުޅިވަރާއި ފަތުރުވެރިކަމުގެ ގުޅުންތައް ކަނޑައިލައި ބީޑީއެސުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުން އެ ޖަމާޢަތުން އެޅުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ފުރިހަމަކަމެއް ލިބި ފަލަސްޠީނުގެ މިނިވަންކަމަށް އަޑުއުފުލައި އިންޞާފު ޤާއިމުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

އިސްރާއީލަށް ވާގިވެރިވާ ވިޔަފާރިތައްކަމަށް ބީޑީއެސުން ބުނާ ވިޔަފާރިތަކުގެ ތެރޭގައި ނަން މަޝްހޫރު ގިނަ ވިޔަފާރިތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިޔުލެޓު ޕެކާޑު ނުވަތަ އެޗުޕީއާއި ކެޓަޕިލާއާއި ޕިލްސްބަރީއާއި ޕޫމާއާއި ހުންޑެއިއާއި ވޮލްވޯއާއި ބާކުލޭސް ބޭންކާއި މޮޓޮރޮލާފަދަ ބޮޑެތި ވިޔަފާރިތައް ހިމެނެއެވެ.

ބީޑީއެސުން ބުނީ ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް ހޮލީވުޑާއި ބޮލީވުޑުގެ ތަރިންނާއި އެނޫންވެސް މަޝްހޫރު އެތައް ތަރިންނަކާއި ފުޓުބޯޅަ ކުޅުންތެރިން އަޑުއުފުލަމުންދާކަމަށެވެ. އަދި ކަޅު ނަސްލުގެ މީހުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުގައި އެންމެ އަޑުގަދަ ޖަމާޢަތެއްކަމަށްވާ ބުލެކު ލައިވުސް މެޓަރސްގެ އެއްބާރުލުންވެސް އިސްރާއީލާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ލިބެމުންދާކަމަށް އެ ޖަމާޢަތުން ބުނެއެވެ. ބޭއިންސާފާއި އަނިޔާއާ ދެކޮޅަށް އަޑުއުފުލުމަކީ ކޮންމެ މީހެއްގެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމާއި އެ މީހެއް ނިޞްބަތްވާ ޤައުމަކުން އިސްރާއީލަށް ވާގިވެރިވާނަމަ އެކަމެއް ހުއްޓުވުމަށް ވަކާލާތުކުރުމުގެ ޒިންމާ އެންމެންނަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާފަދަ ޤައުމުތަކުގެ ސަރުކާރުން އިސްރާއީލަށް ވާގިވެރިވުމުގައި ދެމިތިބި ނަމަވެސް ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށްގެން އެ ޤައުމުތަކުގެ ރައްޔިތުންގެ ހިތުގައި އިސްރާއީލާމެދު ނަފުރަތު އުފެދި ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމަށް ތެދުވާނެކަމަށް ބީޑީއެސުން އުންމީދުކުރެއެވެ. ތަޅައިފޮޅުމާއި އަނިޔާވެރިކަން ބޭނުންނުކޮށް ޞުލްޙަވެރިކަމާއެކު ޙައްޤުތައް ހޯދުމަށް ވަކާލާތުކުރުމަކީ ހެޔޮ ނަތީޖާއެއް ނެރުވޭނެ ކާމިޔާބު އުކުޅެއްކަމަށް ތާރީޚު ހެކިދެއެވެ. އެހެންކަމުން އެ އުކުޅު ބޭނުންކޮށްގެން ފަލަސްޠީނުގެ ހައްޤުތައް ހޯދައިދެވޭނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.