ޚަބަރު

ކުޑަކުދިންނަށް ވެކްސިން ނުދީ ފަޤީރު ޤައުމުތަކަށް ހަދިޔާކުރަން ގޮވާލައިފި


ފުރާވަރުގެ ކުޑަކުދިންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ބަދަލުގައި އެ ވެކްސިންތައް ފަޤީރު ޤައުމުތަކަށް ހަދިޔާކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން ގޮވާލައިފިއެވެ.

ފަރަންސޭސިވިލާތާއި ސުވިޑަންފަދަ ބައެއް ޤައުމުތަކުންވަނީ ވެކްސިން ދިނުން މުހިންމު އުމުރުފުރާތަކަށް ވެކްސިން ދިނުމަށްފަހު ބާކީވެފައިވާ ޑޯޒުތައް ކޮވެކްސް މަޝްރޫޢުއަށް ހަދިޔާކޮށްފައެވެ. ކޮވެކްސް މަޝްރޫޢުއަކީ ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއެކު ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް އދން އިސްވެ ޤާއިމުކޮށްފައިވާ މަޝްރޫޢުއެކެވެ. މުއްސަނދި އެހެން ޤައުމުތަކުންވެސް ފަރަންސޭސިވިލާތާއި ސުވިޑަނެކޭ އެއްގޮތަށް ޢަމަލުކުރާނެކަމަށް ޑަބުލިޔުއެޗުއޯއިން އުންމީދުކުރެއެވެ.

ފާއިތުވި ހަފުތާތަކުގައި އެމެރިކާއާއި ކެނެޑާފަދަ ބައެއް މުއްސަނދި ޤައުމުތަކުންވަނީ އެ ޤައުމުތަކުގެ ފުރާވަރުގެ ކުދިންނަށް ކޯވިޑް-19ގެ ވެކްސިން ދޭން ފަށައިފައެވެ. ޑަބުލިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑުރޮސް އަދަނޮމް ގެބުރިޔޭސުސް ވިދާޅުވީ އެ ޤައުމުތަކުން ކުޑަކުދިންނަށް ވެކްސިން ދޭން ބޭނުންވާ ސަބަބު ވިސްނިވަޑައިނުގަންނަވާކަމަށެވެ. މިހާރު ދިމާވެފައިވާ ނުރައްކާތެރި ޙާލަތުގައި ކުޑަކުދިންނަށް ވެކްސިން ޚާއްޞަކުރުމުގެ ބަދަލުގައި ކޮވެކްސް މަޝްރޫޢުއަށް ވެކްސިން ހަދިޔާކުރުމަށް ބާރުއަޅައިކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް 162.3 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 3.36 މިލިޔަން މީހުންވަނީ މަރުވެފައެވެ. ދުނިޔޭގެ 210 ޤައުމަކާއި ސަރަޙައްދުން ކޯވިޑް-19ވަނީ ފެނިފައެވެ. ބައްޔާ ދެކޮޅަށް ވެކްސިން އުފެއްދުމުން ރައްޔިތުންނަށް ވެކްސިން ދިނުމަށް ހުރިހާ ޤައުމަކުންވެސްވަނީ އަވަސްވެގެންފައެވެ. އެގޮތުން ކޯވިޑް-19 ވެކްސިންގެ 1.26 ބިލިޔަން ޑޯޒުވަނީ އެކި ޤައުމުތަކުގައި ދީފައެވެ. ނަމަވެސް ފަޤީރު ޤައުމުތަކުގައި ވެކްސިން ދިނުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ.

ކޮވެކްސް މަޝްރޫޢުގެ ދަށުން މިހާތަނަށް ވެކްސިންގެ 60 މިލިޔަން ޑޯޒުވަނީ ފަޤީރު ޤައުމުތަކަށް ފޯރުކޮށްދީފައެވެ. ނަމަވެސް އެންމެ ގިނަ ޢަދަދަކަށް ވެކްސިން އުފައްދައި އެއް ޤައުމުކަމަށްވާ އިންޑިޔާގެ ކޯވިޑް-19ގެ ޙާލަތު ގޯސްވެ އެ ޤައުމުން ވެކްސިން ބޭރުކުރުން ހުއްޓައިލުމުން ކޮވެކްސް މަޝްރޫޢުގެ ދަށުން ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށްވަނީ ހުރަސްއެޅިފައެވެ. މި އަހަރަކީ މިދިޔަ އަހަރަށްވުރެ ކޯވިޑް-19ގެ ޙާލަތު ގޯސްވާނެ އަހަރެއްގެ ގޮތުގައި ޑަބުލިޔުއެޗުއޯއިން ސިފަކޮށްފައިވުމުން ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުންވަނީ ބަލިފެތުރުން ހުއްޓުވުމަށް ކޮންމެހެން މުހިންމު ފިޔަވަޅަކަށްވެފައެވެ.