ޚަބަރު

ހަތަރު ކޮޅުން ޢަރަބީންނާ ކުރިމަތިލާން އިސްރާއީލަށް ޖެހިއްޖެ


ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް ހުޅަނގު އައްސޭރީގައި މުޒާހަރާކުރަމުންދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ދިން ޙަމަލާތަކެއްގައި 10 މީހުން މަރުވެއްޖެއެވެ. ހުޅަނގު އައްސޭރީގައި އަނެއްކާވެސް ހަމަނުޖެހުންތަކެއް ހިނގާފައިވަނީ ފާއިތުވި 4 ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 122 މީހުން މަރުވެ، 900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވަނިކޮށެވެ.

ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން 1948ވަނަ އަހަރު އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކުގައިވެސް ބޮޑެތި ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ. އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރާ އިސްރާއީލުގެ ސަރަޙައްދުތަކެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ސަރަޙައްދުތަކުގައި ޔަހޫދީންނަށްވުރެ ގިނައީ ޢަރަބީންގެ ނިޞްބަތެވެ. އެ ސަރަޙައްދުގައި ދިރިުއުޅޭ ޢަރަބިންވަނީ އިސްރާއީލާ ދެކޮޅަށް ނުކުމެ މުޒާހަރާކޮށް، ޔަހޫދީންނަށް ޙަމަލާދީފައެވެ. ރައްދުގައި ޙައްދުފަހަނައަޅާފައިވާ ޔަހޫދީންނާއި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ ޢަރަބިންނާ ދެކޮޅަށް އަނިޔާވެރި ޖަރީމާތަކެއް ހިންގައިފައެވެ. އަދި ޢަރަބީންގެ އަޣްލަބިއްޔަތު އޮންނަ ބައެއް ސަރަޙައްދުތަކުގައި އިސްރާއީލުންވަނީ ކުއްލި ޙާލަތު އިޢުލާންކޮށް، ބޭރަށް ނުކުމެއުޅުން މަނާކޮށްފައެވެ. އިސްރާއީލުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢަރަބިން އެ ޤައުމާ ދެކޮޅަށް ނުކުމެ މުޒާހަރާކޮށް އަޑުއުފުލުމަކީ ޢާންމުކަމެއް ނޫނެވެ. ނަމަވެސް އިސްރާއީލުގައި ދިރިއުޅޭ ޢަރަބިން އެ ޤައުމާ ދެކޮޅަށް ނުކުތުމަކީ ޔަހޫދީންނަށް މިފަހަރު ކުރިމަތިލާންޖެހިފައިވާ ގޮންޖެހުން ވަރަށް ބޮޑަށް ދައްކުވައިދޭކަމެކެވެ.

އިސްރާއީލުން ހުއްޓާނުލައި އެއްގަމުންނާއި ކަނޑުމަގުންނާއި ވައިގެމަގުން ޣައްޒާއަށް ޙަމަލާދެމުންދިޔަ ނަމަވެސް އެ ސަރަޙައްދުގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީން ދިރިއުޅޭ ސަރަޙައްދުތަކަށް ދެމުންދާ ރޮކެޓު ޙަމަލާތައް ހުއްޓުވިފައެއް ނުވެއެވެ. ފާއިތުވި 4 ދުވަހުގެ ތެރޭގައި ޙަމާސުންވަނީ ގާތްގަނޑަކަށް 2،500 ރޮކެޓު ޙަމަލާ ދީފައެވެ. އެއީ މީގެ ކުރިން އިސްރާއީލަށް ކުރިމަތިލާންޖެހުނުވަރުގެ ޙަމަލާތަކެއް ނޫނެވެ. އަދި މިފަހަރު ޙަމާސުން ބޭނުންކުރަމުންދާ ރޮކެޓުތަކުގެ ފެންވަރު ކުރީ ފަހަރުތަކަށްވުރެ ރަނގަޅުކަމަށްވެސްވަނީ ފާހަގަކުރެވިފައެވެ. ޙަމާސުން ބުނެފައިވަނީ އިސްރާއީލުގެ ހުރިހާ ސަރަޙައްދަކަށް ދިގު މުއްދަތެއްވަންދެން ޙަމަލާ ދިނުމުގެ ޤާބިލުކަން އެ ޖަމާޢަތަށް ލިބިފައިވާކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް / ވީޑިޔޯ: ޓީއާރްޓީ

ހުޅަނގު އައްސޭރިންނާއި ޣައްޒާއިންނާއި އިސްރާއީލުގެ އެތެރެއިން ކުރިމަތިވަމުންދާ ނުރައްކާތެރި ޙާލަތުގެ އިތުރުން އަވަށްޓެރި ލުބުނާނާއި އުރުދުންގެ ރައްޔިތުންގެ ފަރާތުންވެސް އިސްރާއީލަށް މިހާރުވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ 1967ވަނަ އަހަރު މިޞްރާއީ އުރުދުންނާއި ސޫރިޔާއާ ދެކޮޅަށް ކުރި ހަނގުރާމައަށްފަހު އެފަދަ ޙާލަތާ އިސްރާއީލުން ކުރިމަތިލާންޖެހުނު ފުަރަތަމަ ފަހަރެވެ. އެގޮތުން މޭއި މަހުގެ 13ވަނަ ދުވަހު ލުބުނާނުންވަނީ އިސްރާއީލުގެ ސަރަޙައްދުތަކަށް ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އަދި ޖެހިގެން އައި ދުވަހު ލުބުނާނުގެ ރައްޔިތުންނާއި އެ ޤައުމަށް ހިޖުރަކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް އިސްރާއީލުގެ ސަރަޙައްދުތަކަށް ވަދެފައެވެ. އޭގެ އިތުރުން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ސޫރިޔާގެ ޖައުލާނުގެ އުސްބިންތަކުންވެސް އިސްރާއީލަށްވަނީ ޢާންމުންގެ މުޒާހަރާތަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް އުރުދުންގެ ސަލާމަތީ ބާރުތަކުންވަނީ އެ ޤައުމުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް އެއްވެސް ޙަރަކާތެއް ނުހިންގޭނެހެން ސަރަޙައްދީ ރޮނގު ކައިރިން ހުރަސްއަޅައިފައެވެ. އުރުދުންގައި އެތައް ހާސް ބަޔަކުވަނީ އިސްރާއީލާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

ފަލަސްޠީނާ އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. އެގޮތުން މިދިޔަ ރަމަޟާން މަހުގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި އެތައް ސަތޭކަ ބަޔަކުވަނީ ޒަޚަމުވެފައެވެ. އެ ހަމަނުޖެހުންތައް ހިނގާފައިވަނީ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުން ބޭރުކުރުމާމެދު އިސްރާއީލުގެ ސުޕުރީމު ކޯޓުން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ފަސްކޮށްފައިވަނިކޮށެވެ. އަދި އިރުމަތީ ޤުދުސްގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަނުދިނުމުން ޣައްޒާގައި ޙަރަކާތްތެރިވާ ޙަމާސް ޖަމާޢަތުންވަނީ ޔަހޫދީ އާބާދީތަކަށް އެތައް ހާސް ރޮކެޓު ޙަމަލާއެއް ދީފައެވެ. ރައްދުގައި އިސްރާއީލުން ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.