ކޯވިޑް-19ގެ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުން މާސްކު އަޅަންނުޖެހޭނެކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓުރޯލް، ސީޑީސީން ބުނެފިއެވެ.
ސީޑީސީން ނެރުނު އެންމެ ފަހުގެ އިރުޝާދުގައި ބުނެފައިވަނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެއްވެސް ހުރަހަކާ ނުލައި މާސްކުނާޅައި ބޭރުގައި އުޅެވޭނެކަމަށެވެ. އަދި އެތެރޭގެ ގިނަ މާޙައުލުތަކުގައިވެސް މާސްކުނާޅާއި އުޅެވޭނެކަމަށް ސީޑީސީން ބުނެފައިވެއެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ގިނަ މާޙައުލުތަކުގައި ގައިދުރުކަން ފަރިތަކުރަން ނުޖެހޭނެކަމަށްވެސް ސީޑީސީން ބުނެއެވެ.
ސީޑީސީގެ އިރުޝާދަށް ބަދަލުގެނެސްފައިވަނީ ވެކްސިން ނުޖަހައި މީހުންނެކޭ އެއްގޮތަށް ވެކްސިން ޖަހާފައިވާ މީހުންވެސް ޢަމަލުކުރަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހުރިކަމަށް މީގެ 16 ދުވަސްކުރިން އިޢުލާނުކުރުމަށްފަހުއެވެ. ބެލެވޭ ގޮތުގައި ސީޑީސީގެ އިރުޝާދަށް އަނެއްކާވެސް ބަދަލުގެނެސް ވެކްސިން ޖަހާފައިވާ މީހުންނަށް ލުއިތަކެއް ލިބޭނެކަމަށް ބުނެފައިވަނީ ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށެވެ.
ސީޑީސީން ބުނީ އައު އިރުޝާދުތައް ބިނާކޮށްފައިވަނީ ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށަށްދިޔުމުންނާއި ވެކްސިން ދިނުމަށް ޝަރުތު ފުރިހަމަވާ މީހުންގެ ތެރޭގައި ފުރާވަރުގެ ކުދިން ހިމެނުމާއި ބަލީގެ އެކި ވައްތަރުތަކާ ދެކޮޅަށް ވެކްސިން ރަނގަޅަށް މަސައްކަތްކުރުމުގެ މައްޗަށް ކަމަށެވެ. އެ ނިންމުމަކީ ސައިންސުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމެއްކަމަށް ސީޑީސީން ބުނެއެވެ.
ވެކްސިން ޖަހާފައިވާ މީހުން މާސްކު ނާޅައި ބޭރަށް ނުކުމެވޭނެކަމަށް ސީޑީސީން ބުނުމަކީ ކުރީގެ ދިރިއުޅުމަށް ޢާންމުން ރުޖޫޢަވުމާ ކައިރިއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ގިނަ މާޙައުލުތަކުގައި މާސްކުނޭޅި ނަމަވެސް އެންމެ ރަނގަޅުކަމަށް ސީޑީސީން ބުނި ނަމަވެސް މަތިންދާބޯޓާއި ރޭލުފަދަ އުޅަނދުތައް ބޭނުންކުރުމުގައާއި ވައިގެ ބަނދަރުތަކާއި ހަސްފަތާލުފަދަ ތަންތަނުގައި މާސްކުއެޅުން އެދެވިގެންވާކަމަށް ސީޑީސީން ބުނެއެވެ. ސީޑީސީގެ ލަފަޔާއެކު އެމެރިކާގެ ގިނަ ސްޓޭޓުތަކުންވަނީ މާސްކުއެޅުމުގެ އުޞޫލުތައް އަލުން މުރާޖަޢާ ކުރާނެކަމަށް ބުނެފައެވެ.