ޚަބަރު

ފަލަސްޠީނުގެ ރައްކާތެރިކަމަށް ބައިނަލްއަޤްވާމީ ދިފާޢީ ބާރެއް އެކުލަވާލަންޖެހޭ: އުރުދުޣާން


ފަލަސްޠީނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ދިފާޢީ ބާރެއް އެކުލަވާލަންޖެހޭ ވަގުތުޖެހިއްޖެކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ޢުދުވާނީ ޙަމަލާތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ކަށަވަރުކޮށްދީ އެ މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގައި ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ހޯއްދެވުމަށް އުރުދުޣާން ކުރައްވަމުންދާ މަސައްކަތްތައް ފާއިތުވި ހަފުތާތަކުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުކުރައްވައިފައިވެއެވެ. އެގޮތުން އދއާއި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން، އޯއައިސީ މެދުވެރިކޮށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް އުރުދުޣާން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި އޭނާވަނީ 20 ޤައުމެއްގެ އެންމެ އިސްވެރިންނަށް ފޯނުން ގުޅުއްވައި ފަލަސްޠީނުގެ ރައްޔިތުންނަށް ޖެހިފައިވާ މުސީބާތްތަކުން އެ މީހުން ސަލާމަތްކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައިފައެވެ. އޭނާ މަޝްވަރާކުރެއްވި ބޭފުޅުންގެ ތެރޭގައި ރަޝިޔާއާއި ޤަޠަރާއި ޕާކިސްތާނާއި ކުވައިތާއި އަލްޖަޒާއިރުގެ އެންމެ އިސްވެރިން ހިމެނެއެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހާއި ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އެންމެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާއާވެސް އޭނާވަނީ ފޯނުން ގުޅުއްވައި ހިތްވަރުދެއްވައި މަޝްވަރާކޮށްފައެވެ.

ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިންނާއެކު އުރުދުޣާން ކުރެއްވި މަޝްވަރާތަކުގައި އޭނާ ވިދާޅުވެފައިވަނީ އިސްރާއީލުން ހިންގަނީ ނިރުބަވެރި ޢަމަލުތަކެއްކަމަށް ސިފަކުރައްވައިފައެވެ. އަދި ޔަހޫދީ ދަޢުލަތަށް ފިލާވަޅެއް ދަސްކޮށްދޭންޖެހޭކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވަމުން އުރުދުޣާންވަނީ އިސްރާއީލުގެ ޢުދުވާނުތައް ހުއްޓުވުމަށް އދގެ ސަލާމަތީ މަޖިލީހުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން އޭނާވަނީ އިސްލާމީ ޤައުމުތަކުގެ މެދުގައި ޤުދުސްގެ މައްސަލައާ ގުޅޭގޮތުން ކުއްލި ބައްދަލުވުމެއް ބާއްވަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.