ކުޅިވަރު

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ޕޯޗުގަލްގައި ބާއްވަން ނިންމައިފި



ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ޕޯޗުގަލްގެ ސިޓީއެއް ކަމަށްވާ ޕޯޓޯގައި ބާއްވަން ޔުއޭފާއިން ނިންމައިފިއެވެ. ޔުއޭފާއިން ބުނީ މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޕޯޓޯގެ އެސްޓާޑިއޯ ޑޮ ޑްރަގާއޮ ގައި ކަމަށެވެ.

ކުރިން ތުރުކީވިލާތުގެ އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވި މެޗް ޕޯޗުގަލްއަށް މިބަދަލުކުރީ ކޮވިޑް-19ގެ ސަބަބުންނެވެ. އިނގިރޭސިވިލާތުންވަނީ ތުރުކީވިލާތުގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެޤައުމު ރެޑް ލިސްޓްގައި ހިމަނާފައެވެ. އެހެންކަމުން ސަޕޯޓަރުންނަށް ނުވަދެވޭގޮތަށް މިފަހަރުގެ ފައިނަލް މެޗް ކުޅެން އުއޭފާއިން ބޭނުން ނުވާތީ ޕޯޗުގަލްއަށް މިމެޗް ބަދަލުކުރީއެވެ. ޕޯޗުގަލްއަކީ އިނގިރޭސިވިލާތުގެ ގްރީން ލިސްޓްގައި ހިމެނޭ ޤައުމެކެވެ. އިންގްލިޝް ޕްރިމިއަރ ލީގުގެ ދެ ޓީމް ކަމަށްވާ މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ބައްދަލުކުރާ މިފަހަރުގެ ފައިނަލް މެޗް ވެމްބްލިގައި ބޭއްވުމާއި ބެހޭގޮތުންވެސް ޔުއޭފާއިން ވަނީ އިނގިރޭސި ކަމާބެހޭ ފަރާތްތަކާވެސް މަޝްވަރާ ކޮށްފައެވެ. ނަމަވެސް މެޗްގެ ކަންތައްތަކަށް އިނގިރޭސިވިލާތަށް ޒިޔާރަތްކުރާ ސްޕޮންސަރުންނާއި ބްރޯޑްކާސްޓާރުންނާއި ހާއްސަ މެހެމާނުންގެ ކްރަންޓީންގެ ކަންތައްތަކާމެދު ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭގޮތް ނުވުމުން ޕޯޗުގަލް ހިޔާރު ކުރީކަމަށް ޔުއޭފާގެ ރައީސް އެލެގްޒެންޑަރ ސެފެރިން ވިދާޅުވިއެވެ. ސެފެރިން ވިދާޅުވީ ސަޕޯޓަރުން ވޭތުވެދިޔަ 12 މަސްވަންދެން ވަރަށް ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފި ކަމަށާއި އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަކީ ކްލަބް ފުޓްބޯޅައިގައި ސަޕޯޓަރުންނަށް އެންމެ މުހިންމު ވާނެ މެޗް ކަމުން މިމެޗަށް ސަޕޯޓަރުން ނުވައްދާ މެޗް ބާއްވަން ބޭނުން ނުވީކަމަށެވެ.

ސިޓީ އާއި ޗެލްސީއިން ބުނީ އެދެކްލަބުން މިހާރު ގެންދަނީ ސްޕޯޓަރުންގެ ޓިކެޓްގެ ކަންތައްތަކާއި ސަޕޯޓަރުންގެ ދަތުރުފަތުރާއި ގުޅޭގޮތުން ޔުއޭފާއާއެކު މަޝްވަރާ ކުރަމުންނެވެ. ސިޓީއިން ހާމަކުރިގޮތުގައި އެކްލަބުގެ ސަޕޯޓަރުންނަށް އެފަރާތުން ހުށަހަޅާނީ މެންޗެސްޓަރ އާއި ޕޯޓޯ އާއި ދެމެދުގެ އެއްދުވަހުގެ ދަތުރު ޕެކޭޖެއް ކަމަށެވެ. ދެކްލަބުންވެސް ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ފަށާނެކަމަށްވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އަދި ޔުއޭފާއިން މިހާރުވަނީ ކޮންމެ ކްލަބަކަށް ހަ ހާސް ޓިކެޓް ދިނުމަށް ނިންމާފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ޕޯޗުގަލްގައި ޖެހިޖެހިގެން ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗް ބާއްވާފައިވަނީ ލިޒްބަންގައެވެ.